ދުނިޔެ

ދެކުނު ޗައިނާ ކަނޑަށް ޗައިނާގެ ބޯޓުތަކުން ނަޖިސް އަޅާ މައްސަލަ ބަލަނީ

ކޯޅުން ބޮޑުވެފައިވާ ދެކުނު ޗައިނާ ކަނޑަށް ޗައިނާގެ ބޯޓުތަކުން ނަޖިސް އަޅާ ކަމަށް އެމެރިކާގެ ޓެކް ފާމަކުން ހެދި ރިޕޯޓެއްގައި ބުނެފައިވާތީ, އެކަން ބަލައި ތަހުގީގު ކުރަން ފިލިޕީންސްގެ ޑިފެންސް މިނިސްޓަރު އަންގަވައިފިއެވެ.

އެމެރިކާގެ ސިމުލޭރިޓީ ނަމަކަށް ކިޔާ ސެޓަލައިޓް ފޮޓޯ އެނަލައިޒް ކުރާ ފާމަކުން މި ހަފުތާ ތެރޭގައި ވަނީ, މިދިޔަ ފަސް އަހަރުގެ ތެރޭގައި ދެކުނު ޗައިނާ ކަނޑުގެ ސަރަހައްދުގައި ހަރަކާތްތެރިވާ ޗައިނާގެ އުޅަނދުތަކުން އެ ސަރަހައްދަށް ނަޖިސް އެޅުމުގެ ސަބަބުން ލިބިފައިވާ ގެއްލުންތަކުގެ ސެޓަލައިޓް ފޮޓޯތަކެއް އާންމުކޮށްފައެވެ. އަދި އެކަމުގެ ސަބަބުން އެ ސަރަހައްދުގެ މަސްވެރިކަމަށް އަސަރު ކޮށްފާނެ ކަމަށް ބުނެފައިވެއެވެ.

އެކަމާ ގުޅިގެން ފިލިޕީންސްގެ ޑިފެންސް ސެކްރެޓަރީ ޑެލްފިން ލޮރެންޒާނާ ނެރުއްވި ބަޔާނެއްގައި ވިދާޅުވީ, ޗައިނާގެ އުޅަނދުތަކުން ދެކުނު ޗައިނާ ކަނޑުގެ ސަރަހައްދަށް ނަޖިސް އަޅާކަން ޔަގީންކޮށް ކަށަވަރުކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ. އަދި ސަރަހައްދުގެ މިލްކުވެރިކަމަށް ދައުވާކުރި ނަމަވެސް, ހުރިހާ ގައުމުތަކުން ގުދުރަތީ ވަސީލަތްތަކާއި ތިމާވެށި ހިމާޔަތް ކުރުމަށް މަސައްކަތް ކުރަން ޖެހޭނެ ކަމަށް ވިދާޅުވެފައިވެއެވެ.

މިކަމާ ގުޅިގެން މެނީލާގައި ހުންނަ ޗައިނާގެ އެމްބަސީން ވަކި އެއްޗެއް ބުނެފައެއް ނުވެއެވެ.

ޗައިނާގެ ބަނޑުދަށުގައި އޮންނަ ދެކުނު ޗައިނާ ކަނޑުގެ ސަރަހައްދަކީ ބައިނަލްއަގުވާމީ ސަރަހައްދެއް ނަމަވެސް, އެ ސަރަހައްދަކީ ޗައިނާގެ މުހިންމު ޖިޔޮސްޓްރެޓީޖިކް ސަރަހައްދަކަށްވާތީ އެ ސަރަހައްދުގައިވާ ބައެއް ޖަރީޒާތަކާއި ފަޅުތަކުގެ މިލްކުވެރިކަމަށް ޗައިނާ ދައުވާކުރެއެވެ. އަދި އެ ސަރަހައްދުގައި ޗައިނާގެ ކޯސްޓްގާޑު އުޅަނދުތަކާއި މަސްބޯޓުތައްވެސް އަބަދުވެސް ހަރަކާތްތެރިވެއެވެ.

އެގޮތުން ފިލިޕީންސް, ބުރުނާއީ, ޓައިވާން, ވިއެޓްނާމް އަދި މެލޭޝިއާ އިންވެސް މިލްކުވެރިކަމަށް ދައުވާކުރާ ސްޕްރެޓްލީ އައިލެންޑްސްގެ ކައިރީގައިވެސް ޗައިނާގެ އުޅަނދުތައް ހަރަކާތްތެރިވެއެވެ.