އަފްގާނިސްތާނުގެ ސަލާމަތީ ބާރުތަކާއި ތާލިބާނުންނާ ދެމެދު ހިނގަމުންދާ ހަނގުރާމަ ކަވަރުކުރަން ހަރަކާތްތެރިވި ރޮއިޓާސްގެ ނޫސްވެރިޔަކު މަރާލައިފިއެވެ.

މަރާލާފައިވަނީ އިންޑިއާއަށް ނިސްބަތްވާ ފޮޓޯޖާނަލިސްޓް ދާނިޝް ސިއްދީގީއެވެ. އޭނާ ހަރަކާތްތެރިވަމުން ދިޔައީ އަފްގާނިސްތާނު ސްޕެޝަލް ފޯސެސްގެ ސިފައިންނާއެކުއެވެ. އޭނާ މަރާލާފައިވަނީ މިއަދު ހެނދުނުގެ ވަގުތެއްގައެވެ.

ރޮއިޓާސް އިން ބުނީ އޭނާ މަރާލާފައިވަނީ ސްޕިން ބޮލްޑަކް އަލުން އަނބުރާ އަފްގާނިސްތާނުގެ ސަލާމަތީ ބާރުގެ ދަށަށް ގެންނަން ކުރަމުންދާ މަސައްކަތުގައި އެގައުމުގެ ސްޕެޝިއަލް ފޯސްއިން، ތާލިބާނުންނާ ދެމެދު ހިނގަމުންދާ ކުރިމަތިލުމުގައި ކަމަށެވެ. އޭނާއާއެކު ސްޕެޝަލް ފޯސްގެ އިތުރު ބަޔަކުވެސް ތާލިބާނުން މަރާލާފައިވާ ކަމަށް ރޮއިޓާސްގައި ރިޕޯޓުކޮށްފައިވެއެވެ.

"އެ ސަރަހައްދުގެ އިދާރާތަކާ ގުޅިގެން އިތުރު މައުލޫމާތު ހޯދުމުގެ މަސައްކަތްތައް އަޅުގަނޑުމެން މިދަނީ ކުރަމުން،" ރޮއިޓާސްގެ ރައީސް މައިކަލް ފްރެޑިންބާގް ވިދާޅުވިއެވެ.

ސިއްދީގީގެ މަރާ ގުޅިގެން އަފްގާނިސްތާނުގެ ރައީސް އަޝްރަފް ގަނީ ވަނީ އޭނާގެ އާއިލާއަށް ތައުޒިޔާ ވިދާޅުވެފައެވެ.

ރޮއިޓާސްގެ ފޮޓޯ ޖާނަލިސްޓެއްގެ ގޮތުގައި ސިއްދީގީ ހަރަކާތްތެރިވާން ފަށާފައިވަނީ 2010 ވަނަ އަހަރުއެވެ. އޭނާ ވަނީ ރޮހިންޔާ ރެފިއުޖީންގެ ކަންކަން ކަވަރުކުރުމުގައި މަސައްކަތްކޮށްފައެވެ. އެ ކަވަރޭޖާ ގުޅިގެން އޭނާއަށް ވަނީ 2018 ވަނަ އަހަރު ޕްލިޓްޒާ ޕްރައިޒްވެސް ލިބިފައެވެ.

އޭނާ ވަނީ އިރާގާއި އަފްގާނިސްތާނުގައި ހިނގާ ހަނގުރާމަތައް ކަވަރުކޮށްފައެވެ. އަދި ކޮވިޑާ ގުޅިގެން އިންޑިއާގެ އެންމެ ހާލަތު ގޯސްވި ދުވަސްވަރުވެސް އޭނާ ވަނީ މުހިންމު ކަވަރޭޖެއް ކުރިއަށް ގެންގޮސްފައެވެ.

ވިހި އަހަރަށްފަހު އަފްގާނިސްތާނުން އެމެރިކާ ސިފައިން ފޭބުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ. އެމެރިކާއިން ރިޕޯޓުކޮށްފައިވާ ގޮތުގައި 2018 އިން މިއަހަރުގެ ނިޔަލަށް އަފްގާނިސްތާނުގައި 33 ނޫސްވެރިޔަކު ވަނީ މަރާލައިފައެވެ.

މީގެ ތެރެއިން 2018 ވަނަ އަހަރު އަމިއްލައަށް މީހަކު މަރުވެގެން ދިން ބޮމުގެ ހަމަލާގައި 10 ނޫސްވެރިޔަކު ވަނީ މަރާލައިފައެވެ. އޭގެ ތެރޭގައި އެއް ފޮޓޯ ޖާނަލިސްޓަކުވެސް ހިމެނެއެވެ.