Close
ޚަބަރު

ކުޅުދުއްފުށީ ހޮސްޕިޓަލަށް ދިމާވެފައިވާ ދަތިތައް ރައީސްއާ ހިއްސާ ކުރައްވައިފި

މުއާވިޔަތު އަންވަރު

ކުޅުދުއްފުށީ ސިޓީގައި ހުންނަ ރީޖަނަލް ހޮސްޕިޓަލަށް ދިމާވެފައިވާ ދަތިތަކުގެ މައުލޫމާތު ރައިސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުއާ ހިއްސާ ކުރައްވައިފިއެވެ.

ހދ. އަތޮޅުގެ ތިން ރަށަކަށް ކުރައްވާ ޒިޔާރަތުގައި މިއަދު ކުޅުދުއްފުށި ސީޓީއަށް ވަޑައިގެން ރައީސް ސޯލިހު ވަނީ އެ ސިޓީގައި ހުންނަ ރީޖަނަލް ހޮސްޕިޓަލުގެ އިސްވެރިންނާ ބައްދަލުކުރައްވައިފައެވެ.

އެ ބައްދަލުވުމުގައި ހޮސްޕިޓަލަށް މިވަގުތަށް އެންމެ މުހިންމު ކަންކަމާއި ހިދުމަތް ދިނުމުގައި ކުރިމަތިވާ ދަތިތަކާ ގުޅޭގޮތުން ހޮސްޕިޓަލުގެ އިސްވެރިންނާ ރައީސް ވަނީ މަޝްވަރާ ކުރައްވައިފައެވެ. އޭގެ ތެރޭގައި ޕްރައިވެޓް ރޫމް ހުރުމުގެ މުހިންމުކަމާއި، އަދި އޯޕީޑީގައި ހުރި ދަތިތަކާއި ކޮވިޑް ފެސިލިޓީއެއް ހުރުމުގެ މުހިންމުކަން ހޮސްޕިޓަލުގެ ފަރާތުން ފާހަގަކުރެއްވިއެވެ. އަދި ހޮސްޕިޓަލުގެ ފަރާތުން ވަނީ އެތަނުގެ ފެންވަރު މަތިކޮށް ހިދުމަތްތައް ފުޅާކުރުމަށް މިހާރު ކުރިއަށްދާ މަސައްކަތްތަކުގެ ފަހުގެ މައުލޫމާތުތައް ރައީސްއާ ހިއްސާކުރައްވައި ޕްރެޒެންޓޭޝަނެއް ހުށަހަޅުއްވައިފައެވެ.

ކުޅުދުއްފުށި ސިޓީއަކީ މުޅި ސަރަހައްދުގައި މުހިންމު ދައުރެއް އަދާކުރާ ސިޓީއެއް ކަމަށާއި އަދި ހާއްސަކޮށް ރީޖަނަލް ހޮސްޕިޓަލުގެ ހިދުމަތް މަތިކުރުމަށް ހާއްސަ ސަމާލުކަމެއް ސަރުކާރުން ދެއްވާނެ ކަމަށް ރައީސް ސޯލިހު ވިދާޅުވެފައިވާ ކަމަށް ރައީސް އޮފީހުން ވަނީ ބުނެފައެވެ.

ކުޅުދުއްފުށި ސިޓީއަކީ އެ ސަރަހައްދުގައި ފުޅާދާއިރާއެއްގައި ހިދުމަތް ފޯރުކޮށްދޭ މުހިންމު ތަނެއްކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ ރީޖަނަލް ހޮސްޕިޓަލަށް ސަރުކާރުން ހާއްސަ ސަމާލުކަން ދެއްވާ ކަމަށެވެ. އަދި ރާއްޖޭގެ ފަސް ސަރަހައްދުގައި ފަސް ޓާޝަރީ ހޮސްޕިޓަލް ގާއިމުކުރުމުގެ ބޭނުމުގެ މައްޗަށް އަލިއަޅުވާލެއްވި ކަމަށް ރައީސް އޮފީހުން ވަނީ ބުނެފައެވެ. އެގޮތުން އެކަމުގެ ސަބަބުން ސިއްހީ ހިދުމަތްތައް ހޯދުމަށް މާލެއަށް ބަރޯސާވާންޖެހޭ މިންވަރު ކުޑަވެގެންދިއުމާއެކު އިތުރު އެތައް ފައިދާތަކެއް ވާނެ ކަމަށާއި އޭގެ ހެޔޮ ބަދަލުތައް މިހާރުވެސް ފެންނަން ފަށާފައިވާކަމުގައި ރައީސް ވިދާޅުވިއެވެ.

މީގެ އިތުރުން ރައީސް ވަނީ ހޮސްޕިޓަލުގެ ތަރައްގީއަށް ކުރެވެމުން އަންނަ މުހިންމު މަސައްކަތްތަކުގެ ފަހުގެ މައުލޫމާތު ހިއްސާ ކުރައްވައިފައެވެ. އެގޮތުން ކުޅުދުއްފުށީގެ އައު ޓާޝަރީ ހޮސްޕިޓަލުގެ ހިދުމަތް ފެށުމުގެ ކުރިންވެސް ރީޖަނަލް ހޮސްޕިޓަލުގެ ހިދުމަތްތައް ފުޅާކޮށް ފެންވަރު މަތިކުރުމަށް ސަރުކާރުން އިސްކަން ދެއްވާނެކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގެ ހިދުމަތްތައް ޓާޝަރީ ފެންވަރަށް މަތިކުރުމަށް ކުރިއަށްގެންދާ މަސައްކަތްތަކުގެ ދަށުން އެ ހޮސްޕިޓަލުގައި މިހާރު އަންނަނީ 30 އެނދުގެ ވޯޑެއް ހެދުމާއި ހަ އެނދުގެ އައިސީޔޫއެއް ހެދުމުގެ މަސައްކަތް ކުރިއަށް ގެންދަމުންނެވެ. މި މަޝްރޫއާއެކު ރީޖަނަލް ހޮސްޕިޓަލުގެ ޖާގައިގެ ދަތިކަމަށް ހައްލު ލިބިގެންދާނެ ކަމަށް ރައީސް އޮފީހުން ބުންޏެވެ. އެމްއާރުއައިގެ ހިދުމަތާއި ސީޓީ ސްކޭން، ސްޕީޗް ތެރެޕީގެ ހިދުމަތް ފަދަ ގިނަ އާ ހިދުމަތްތައް އެ ހޮސްޕިޓަލުގައި ފަށާފައިވާ ކަމަށް ވެސް ވަނީ ބުނެފައެވެ.

ކުޅުދުއްފުށީގެ އާ ޓާޝަރީ ހޮސްޕިޓަލެއް އެޅުމުގެ ޕްރޮޖެކްޓް މިހާރު އޮތީ ޓެންޑާކުރުމަށް ހުޅުވާލުމުގެ މަރުހަލާގައި ކަމަށް ރައީސް އޮފީހުން ބުންޏެވެ.

ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގެ ހިދުމަތްތަކުގެ ފެންވަރު މަތިކުރުމަށް ސަރުކާރުން ކުރަމުންގެންދަވާ މަސައްކަތް މުޅި އަތޮޅުގެ ރައްޔިތުން ބަލައިގަންނަ ކަމަށް އެ ތަނުގެ އިސްވެރިން ރައީސަށް ދެންނެވި ކަމަށް ރައީސް އޮފީހުން ބުނެއެވެ.