"މަންމާ. މިއުޅެނީ ލޯންޗަށް އަރަންވެގެން. ދެ ގަޑިއިރެއްހާއިރު ތެރޭގައި ރަށަށް ދެވޭނެ. ބައްޕަކައިރީ ބުނެދޭތި ބަލައި އަންނަން،" މިއީ މިއަދު އެއް ނަންބަރު ފާލަން ސަރަހައްދުގައި ހުރި ޒުވާނަކު ރަށަށް ދިއުމަށް ލޯންޗަށް އެރުމުގެ ކުރިން އޭނަގެ މަންމައަށް ގުޅާފައި ބުނި ވާހަކައެވެ.

ކޮވިޑާ ގުޅިގެން މުޅި ދުނިޔެ އަދި ރާއްޖެވެސް އޮތީ ވޭތުވެ މިދިޔަ ދޮޅު އަހަރެއްހައި ދުވަހު ބަންދުވެފައެވެ. ރަށްރަށަށް ދަތުރު ކުރުން އޮތީ ދަތިވެފައެވެ. ހާއްސަކޮށް މާލެ ސަރަހައްދުގައި އުޅޭ ރައްޔިތުން ތިބީ ޖަލެއްގައި ބަންދުވެފައި ކަހަލަ ގޮތަކަށެވެ. މާލެ އިން ރަށްރަށަށް ދެވެން އޮތީ ހަމައެކަނި ކަރަންޓީނު ވާން ޖެހޭ ގޮތަށެވެ. އެ ނޫނީ ރަށަށް ދެވޭނެ އެއްވެސް މަގެއް ފަހިވެފައެއް ނެތެވެ. ނަމަވެސް މި ފަހަރު އީދާ ދިމާކޮށް މިވަނީ ގައުމު "ކޮށްޓަކުން" ދޫކޮށްލައިފައެވެ. އެތައް ބަޔަކު "ކޮންކްރީޓް ޖަންގަލި" އިން ނުކުމެ، ރަށްރަށުގައި ހިތްހަމަ ޖައްސާލެވޭނެ ފަސޭހަ މަގު ފަހިވެފައެވެ.

އީދު ބަންދާއި މިނިވަން ދުވަސް އަންނަނީ ވަރަށް ގާތްގާތުގައެވެ. އެހެންވެ ސަރުކާރުން ވަނީ އެ ދެ މުނާސަބަތަށް ބޮޑު ޗުއްޓީއެއް ދީފައެވެ. އެގޮތުން ފުރަތަމަ މި މަހުގެ 18 އާއި 25 ބަންދުކުރަން ނިންމިއެވެ. ނަމަވެސް ސަރުކާރުން ފަހުން ވަނީ އަންނަ މަހުގެ 1 ވަނަ ދުވަހު ސަރުކާރު ހުޅުވަން ނިންމައި، ބަންދުގެ މުއްދަތު ދުވަސް 16 ދުވަހަށް ދައްމާލައިފަ އެވެ.

މި ލިބުނު ދިގު ޗުއްޓީއަށް ތަނަކަށް ދެވޭނެ ކަމުގެ އެއްވެސް ޔަގީންކަމެއް ނެތިފައި، އެންމެން ތިބީ މާޔޫސް ވެފައެވެ. މީގެ މަހެއްހައި ދުވަސް ކުރީން ރާއްޖޭގެ ކޭސްތަކުގެ އަދަދު އުޅުނީ ދުވާލެއްގެ މައްޗަށް 2000 އިން މަތީގައެވެ. އެހެންކަމުން އޭރު އޮތީ ލުއި ދެވެން ނެތް ހާލަތެއްގައެވެ. މުޅި ރާއްޖެ އޮތީ މާޔޫސް ވެ، މިފަހަރުގެ އީދު ވެސް، ގޭ ބަންދުގައި ތިބެގެން ފާހަގަ ކުރަން ޖެހިދާނެ ކަމުގެ ނާއުންމީދުގައެވެ.

ނަމަވެސް ސަރުކާރުން އެޅި ފިޔަވަޅުތަކާއެކު މިއަދު މިވަނީ ކޭސްތައް ވަރަށް ބޮޑަށް ދަށްކޮށްލެވިފައެވެ. މިހާރު މާލެ ސަރަހައްދުގެ ކޭސްތައް އުޅެނީ 30 އިން ދަށުގައެވެ. އަދި މީގެ ދެ ހަފުތާއެއްހާ ދުވަސް ކުރިން ސަރުކާރުން ވަނީ ބޮޑެތި ލުއިތަކެއްދީ، ދެ ޑޯޒް ފުރިހަމަކޮށް، 14 ދުވަސްވެފައިވާ މީހުންނަށް ދަތުރު ކުރެވޭނެ ގޮތް ހަމަޖައްސައިދީފައެވެ. ބެލެނިވެރިންނާ އެކު ދަތުރުކުރާ ކުޑަކުދިންވެސް ޕީސީއާރް ނެގެޓިވް ނަތީކާއަކާ އެކު ދަތުރު ކުރެވޭނެ ގޮތަށް ލުއި ދީފައެވެ.

އެއާއެކު މުޅި ގައުމު އުފަލުން ފޮޅުނެވެ. ރިސޯޓްތަކުގައި އަނބިދަރީން ކައިރިއަށް ނުދެވިތިބި އެތައް ބަޔަކު ހެއްވާލިއެވެ. މާލޭގެ ކޮށީގައި ބަންދުވެފައި ތިބި މީހުންނަށް ހިނިތުންވުން ގެނެސްދިނެވެ. އެންމެންވެސް އަވަސްވެ ގަތީ، ރަށަށް ދާން ތައްޔާރުވާށެވެ. އެއް ބަޔަކު އާއިލާއަށް ގުޅައި، އީދަށް ދެވޭނެ ވާހަކަ ހެވިފައި ބުންޏެވެ. އަނެއް ބަޔަކު ޓިކެޓް ނުލިބިދާނެތީ، އަވަހަށް ދުއްވައި ގަތީ ޓިކެޓް ބުކް ކުރާށެވެ.

އީދަށް ރަށަށް ދިއުމަށް އެންމެން އެއް ވާނެއްގައި އުފާވެރި މޫނުތަކަކާއެކު ތައްޔާރުވާން ފެށިއެވެ. ރަށަށް ދިއުމުގެ ކުރިން ހަދަން ޖެހޭ ޕީސީއާރް ޓެސްޓް ހަދަން ދަމާލާފައި އޮތް ކިޔޫ އަކީ އޭގެ އެއް މިސާލެވެ. ކުރިން ރެންޑަމް ސާމްޕަލް ނަގާ ތަންތަނުން ފިލަން ދުވި އެތައް ބައެއް ފެނުނީ ޓެސްޓް ހަދަން އެތަނުގައި ކިޔޫ ހަދައިގެން ތިއްބައެވެ. އެންމެންވެސް ތިބީ ރަށަށްދާ ހިތުން ކެތްމަދުވެފައެވެ.

ވޭތުވެދިޔަ ދެ ދުވަހާއި މިއަދުވެސް ފެނުނީ އެއް މަންޒަރެކެވެ. އެއް ނަންބަރު ޖެޓީ އާއި ދެ ނަންބަރާއި ހަ ނަމްބަރުގެ އިތުރުން ދުވާ ޓްރެކް ކުރިމަތިންވެސް ފެނުނީ އެއް މަންޒަރެކެވެ. އެއާޕޯޓަށް ދިޔައިރުވެސް ފެނުނީ ހަމަ އެ މަންޒަރެވެ. އެ ހުރިހާ ސަރަހައްދެއްވެސް އޮތީ ފުރިފައެވެ. ހެނދުނާއި މެންދުރާއި ހަވީރުވެސް އޮތީ ފުރިފައެވެ. ރަށްރަށަށް ދާން އެތައް ބަޔަކު ދަބަސްތައް ހިފައިގެން ގޮހެވެ. އެންމެންގެ މޫނު މަތީންވެސް ފެންނަނީ އެއް މަންޒަރެކެވެ. އުފާވެރިކަމެވެ. ހިތްހަމަ ޖެހުމެވެ. އެތައް ދުވަހެއް ފަހުން އާއިލާ އާއި ރައްޓެހިންނާ ބައްދަލުވާތީ، ލިބިފައިވާ އުފާވެރިކަމެވެ.

މިދިޔަ ދެތިން ދުވަހު އެތައް ބަޔަކު ފުރައިގެން ގޮސްފިއެވެ. މިއަދާއި މާދަމާވެސް އެތައް ބަޔަކު ރަށްރަށަށް ދިއުމަށް ތިބީ ތައްޔާރަށެވެ، މުޅި މާލެ އަނެއްކާވެސް އީދަށް ހުސްކޮށްލަނީއެވެ. ރަށްރަށަށް ދެވޭ އެންމެންވެސް ތިބީ ވަރަށް އުފަލުންނެވެ. ހީވީ ކޮވިޑުން ސަލާމަތްވީހެނެވެ.

ނަމަވެސް އަދިވެސް ގައުމު އޮތީ ނުރައްކާތެރި ހާލަތެއްގައެވެ. އަދިވެސް އެތައް ބަޔަކަށް މިބަލި ޖެހި، ރަށްރަށަށް ފެތުރުމުގެ ފުރުސަތު ވަރަށްވެސް ބޮޑެވެ. އެހެންވެ ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މިވަނީ އީދުގައި ރަށްރަށަށް ދިޔަ ނަމަވެސް ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް އެދިފައެވެ.

އެގޮތުން ވައިގެ މަގުންނާއި ކަނޑު މަގުން ދަތުރުކުރާއިރު، ރަނގަޅަށް މާސްކް އަޅައި، މަދުވެގެން ތިން ފޫޓުގެ ގައިދުރުމިން ބެހެއްޓުމަށް ވަނީ އެދިފައެވެ. އަދި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައިވެސް އާއްމު ތަންތަނުގައި އުޅޭއިރު، ނޭފަތާއި އަނގަ ރަނގަޅަށް ފޮރުވޭ ގޮތަށް މާސްކް އެޅުމަށް ވެސް އެޗްޕީއޭއިން މިވަނީ އިލްތިމާސްކޮށްފައެވެ.

މީގެ އިތުރުން ގިނަ މީހުން އެއްވެގެން ބާއްވާ ހަރަކާތްތައް ނުބޭއްވުމަށާއި އީދު ފާހަގަކުރުމަށްވެސް ގިނަ މީހުން އެއްވެ ނޫޅެވޭ ފަދަ ހަރަކާތްތައް ބޭއްވުމަށް އެދިފައެވެ. އަދި އެއް ރަށުން އަނެއް ރަށަށް މީހުން ގޮސްގެން ބާއްވާ ހަރަކާތްތައް ނުބޭއްވުމަށާއި ކުޅިވަރު މުބާރާތްތައް ނުބޭއްވުމަށްވެސް އެޗްޕީއޭއިން ވަނީ އެދިފައެވެ.

އެހެންކަމުން ބޮޑު ލުޔަކާއެކު ރަށްރަށަށް ދެވުނަސް، މި ކަންކަމަށް ސަމާލުކަން ދިނުން ވަރަށްވެސް މުހިންމެވެ. ކުރިއަށް އޮތް ބަންދުތަކުގައިވެސް މިހާރު ފެނިގެންދާ ހިނިތުންވުމުގެ މޫނަކާއެކު އަމިއްލަ ރަށްރަށަށް ދަތުރު ކުރުމުގެ ފުރިސަތު ފަހިވެފައި އޮންނާނީ އެއިރުންނެވެ. އެހެން ނޫންނަމަ އަނެއްކާވެސް ގޭބަންދަކަށް ދާން ޖެހުމުގެ ބިރުވެރިކަން އެބަ އޮތެވެ.