ޚަބަރު

ކުރީގެ ނޫޓުތަކަށް ބަދަލުދޭނެ އެންމެ ފަހު ތާރީހަކީ މިމަހުގެ 27 ވަނަ ދުވަސް

ކުރީގެ ކަރުދާސް ނޫޓުތަކަށް ބަދަލުދޭނެ އެންމެ ފަހު ތާރީހަކީ މިމަހުގެ 27 ވަނަ ދުވަސް ކަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ބުނެފިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ދެ ގަރާރަކުން ލީގަލް ޓެންޑާ ނޫން ކަމުގައި ކަނޑައަޅުއްވާފައިވާ ކަރުދާސް ނޫޓަށް ބަދަލުދިނުމަށް ހުށަހެޅޭނެ އެންމެ ފަހު ތާރީހެއް ކަމަށް ފުރަތަމަ ކަނޑައަޅާފައިވަނީ މިމަހުގެ 31 ވަނަ ދުވަހެވެ. ނަމަވެސް މިމަހުގެ 31 ވަނަ ދުވަހަކީ ހޮނިހިރު ދުވަހެއް ކަމުން، ފަހުން މިމަހުގެ 29 ވަނަ ދުވަހުގެ ނިޔަލަށް ބަދަލު ހޯދުމަށް ހުށަހެޅޭ ގޮތަށް ނިންމިއެވެ.

އީދު ބަންދާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު މިހާރު ވަނީ މިމަހުގެ 28 އަދި 29 ވަނަ ދުވަހަކީ ވެސް ރަސްމީ ބަންދު ދުވަސްތައް ކަމުގައި ނިންމަވައިފައެވެ.

އެމްއެމްއޭ އިން ބުނީ އަޟްހާ އީދާއި މިނިވަން ދުވަހާ ގުޅިގެން އަންނަ ބަންދު ދުވަސްތަކުގައި އެމްއެމްއޭ ހުޅުވާފައި ހުންނާނީ މިމަހުގެ 21 ވަނަ ދުވަހާއި 27 ވަނަ ދުވަހު ކަމަށާއި އެހެންކަމުން ކުރީގެ ކަރުދާސް ނޫޓުތަކަށް ބަދަލުދިނުމަށް ހަމަޖެހިފައިވާ އެންމެ ފަހު ތާރީޙަކީ މިމަހުގެ 27 ވަނަ ދުވަސް ކަމުގައި ދަންނަވާ ކަމަށެވެ. އަދި އެ ދުވަސްތަކުގައި އެމްއެމްއޭ އަށް ގޮސް، އެޕޮއިންޓްމަންޓް ހެއްދުމަކާ ނުލައި ކުރީގެ ފައިސާ ބަދަލުކުރެވޭނެ ކަމަށް ވެސް ބުންޏެވެ.

ރައީސުލްޖުމްހޫރިއްޔާގެ ދެ ގަރާރަކުން ލީގަލް ޓެންޑާ ނޫން ކަމުގައި ކަނޑައަޅުއްވާފައިވާ 2، 5، 10، 20، 50، 100 އަދި 500 ރުފިޔާގެ ކަރުދާސް ނޫޓުތަކަށެވެ. ނޫޓުގައިވާ ތާރީހުން ބަލާނަމަ އެއީ 1983 އިން ފެށިގެން ދައުރުކުރުމަށް ނެރެފައިވާ 2، 5، 10، 20، 50، އަދި 100 ރުފިޔާގެ ނޫޓުތަކާއި 2006 އިން ފެށިގެން ދައުރުކުރުމަށް ނެރެފައިވާ 500 ރުފިޔާގެ ނޫޓުތަކެވެ.

ކަރުދާސް ނޫޓުތަކުގެ ތެރެއިން 500 ރުފިޔާގެ ބައެއް ނޫޓުތަކަށް ބަދަލެއް ނުލިބޭނެއެވެ. ކަރުދާސް ނޫޓުތަކުގެ ތެރެއިން 1990 އަދި 1996 ގެ ތާރީހުގެ ނޫޓުތަކަކީ 2007 ވަނަ އަހަރު ލީގަލް ޓެންޑާއެއް ނޫން ކަމުގައި ކަނޑައަޅައި 2008 ވަނަ އަހަރުގެ ނިޔަލަށް ބަދަލު ހޯދުމުގެ މުއްދަތު ހަމަވެފައިވާ ނޫޓުތަކެކެވެ. އެ ނޫޓުތަކަކީ ރަން ދިހަފަހެއް ނޫޓު ސީރީޒް ބޭނުންކުރަން ފެށިއިރު ބޭނުން ކުރަމުން އައި ނޫޓުތަކެއް ނޫނެވެ. އެހެންކަމުން މިމަހުގެ 27ގެ ނިޔަލަށް ބަދަލު ލިބޭނީ ރަން ދިހަފަހެއް ނޫޓު ސީރީޒް ބޭނުންކުރަން ފެށިއިރު ބޭނުންކުރަމުން އައި 500 ރުފިޔާގެ ކަރުދާސް ނޫޓުތަކަށެވެ. އެއީ 2006 އަދި 2008 ގެ ތާރީހުތަކުގައިވާ 500 ރުފިޔާގެ ކަރުދާސް ނޫޓުތަކެވެ.

އެމްއެމްއޭގެ ގާނޫނުގައިވާ ގޮތުން ލީގަލް ޓެންޑާ ނޫން ކަމުގައި ކަނޑައަޅާ ނޫޓަށް ބަދަލުދިނުމަށް ހަމަޖެހިފައިވަނީ ކަނޑައެޅޭ ވަކި ތާރީހެއްގެ ނިޔަލަށެވެ. އެހެންކަމުން މިމަހުގެ 27ގެ ފަހުން އެއިން އެއްވެސް ނޫޓަކަށް ބަދަލު ހޯދުމުގެ ފުރުސަތެއް ނޯންނާނެ ކަމަށް އެމްއެމްއޭ އިން ބުނެއެވެ.