ޚަބަރު

ފުވައްމުލަކު ހޮސްޕިޓަލުން ސިޒޭރިއަން ހެދި މީހެއްގެ ބަނޑުން ސާޖިކަލް ސްޕޮންޖުގަނޑެއް ނަގައިފި

އަލީ ޔާމިން

ފުވައްމުލަކު ހޮސްޕިޓަލުން ސިޒޭރިއަން ހެދި މީހެއްގެ ބަނޑުން ދެ މަސް ފަހުން ސާޖިކަލް ސްޕޮންޖުގަނޑެއް ނަގައިފިއެވެ.

"ވަން" އަށް އެނގިފައިވާ ގޮތުގައި އޭނާއަކީ 29 އަހަރުގެ އަންހެނެކެވެ.

އެ އަންހެން މީހާގެ އާއިލާގެ މެންބަރަކު "ވަން" އަށް ކިޔައިދިން ގޮތުގައި މީގެ ދެ މަސް ކުރިން އެ އަންހެން މީހާގެ ސިޒޭރިއަން ފުވައްމުލަކު ހޮސްޕިޓަލުން ހެދުމަށް ފަހު ގެއަށް ދޫކޮށްލި ފަހުން ދޭތެރެ ދޭތެރެއިން ބަނޑުގައި ރިއްސާތީ އަންހެން މީހާ އުޅެއެވެ.

"ދަތުވާތީ ސިޒޭރިއަން ހެދި ޑޮކްޓަރަށް ދެއްކީމަ މިބުނީ މާބޮޑު ކަމެއް ނެތޭ. އެއީ ސިޒޭރިއަން ހެދީމަ އިންނަ ތަދެކޭ. ކިޔާފައި ސްކޭންތަކެއް ހަދާފައި ފޮނުވާލީ. އޭގެ ފަހުންވެސް ތަދުވާތީ ދެވަނަ ފަހަރުވެސް ދިޔައީމަ މިބުނަނީ، އިންފެކްޝަނެއް އުފެދިފައޭ ކިޔާފައި އެންޓިބަޔޮޓިކްސް ދީފައި ދެތިން ދުވަސް ފަހުން ދޫކޮށްލީ،" އާއިލާގެ މެމްބަރު ކިޔައިދިނެވެ.

ނަމަވެސް އޭގެ ފަހުންވެސް ހާލަތު ރަނގަޅު ނުވާ ކަމަށާއި އޭގެ ފަހުން އޮޕަރޭޝަން ޑޮކްޓަރަށް ދެއްކީމަ ސްކޭންތަކެއް ހަދާފައި މައްސަލައެއް އުޅޭ ކަމަށް ޑޮކްޓަރު ބުނެފައިވާ ކަމަށް އޭނާ ބުންޏެވެ.

"އޮޕަރޭޝަން ޑޮކްޓަރު ބަލާފަ ބުނީ އެބައުޅެޔޭ މައްސަލަތަކެއް. ދެން މާލެ އައިސް އައިޖީއެމްއެޗުގެ ޑޮކްޓަރަށް ދެއްކީމަ ބުނީ ގޮހޮރުގައި ފާރުކޮޅެއް އެބަހުއްޓޭ. ދެން އެމީހުން ބުނީ އެންޓިބައޮޓިކް ދިނީމަ ރަނގަޅު ވެދާނެއޭ، ނުވެއްޖެ ނަމަ ސާޖަރީއޭ ކުރާނީ. ދެން ހޮސްޕިޓަލުގައި ބާއްވާފައި ބޭސް ދިނުމުންވެސް ރަނގަޅު ނުވުމުން ސާޖަރީ ކުރީ،" އާއިލާ މެމްބަރު ކިޔައިދިނެވެ.

އޮޕަރޭޝަނަށް ފަހު އެ އަންހެން މީހާގެ ބަނޑުތެރެއިން ސާޖިކަލް ސްޕޮންޖުގަނޑެއް ނަގާފައިވާ ކަމަށް އަންހެން މީހާގެ އާއިލާގެ މެންބަރު ބުންޏެވެ.

"ޑޮކްޓަރުން މިބުނީ އެންމެ ފަހުން ހެދި ސިޒޭރިއަން ހެދިއިރު ލައްވާފައި އިން ފޮތިގަނޑެކޭ އެއީ. ފޮތިގަނޑު ގޮހޮރުގައި ތަތްލަވައިގެން ގޮހޮރުން ތަންކޮޅެއް ފޫގޮސްފައޭ އިނީ. އެހެންވެ ގޮހޮރުން ތަންކޮޅެއްވެސް ބުރިކޮށްލަން ޖެހުނު،" އާއިލާ މެމްބަރު ކިޔައިދިނެވެ.

އެ ހާދިސާއާ ބެހޭގޮތުން މައުލޫމާތު ހޯދުމަށް ފުވައްމުލަކު ހޮސްޕިޓަލަށް އަދި އައިޖީއެމްއެޗަށްވެސް "ވަން" އިން ގުޅުމުން ފޯނަށް ޖަވާބު ނުދޭތީ އެ ދެ ހޮސްޕިޓަލުގެ ބަހެއް ވަނީ ލިބޭ ގޮތް ނުވެފައެވެ.