އުރީދޫ މޯލްޑިވްސް އާއި ޕާސަނަލް ކޮމްޕިއުޓާސް ގުޅިގެން ސްކޫލް ކުދިންނަށް ހާއްސަ "ބެކް ޓު ސްކޫލް" އޮފާއެއް މިއަދު އިއުލާންކޮށްފިއެވެ.

ކިޔެވުމާއި ކިޔަވައިދިނުން އަދި މިނޫންވެސް އެހެނިހެން ހިދުމަތް ފޯރުކޮށްދިނުމުގައާއި ލިބިގަތުމުގައި ޑިޖިޓަލް ޒަރިއްޔާތަކަށް ބަރޯސާވާން ޖެހިފައިވާ މި ދަނޑިވަޅުގައި އިންޓަނެޓުގެ ހިދުމަތާއި ޑިޖިޓަލް ޑިވައިސްތަކުގެ މުހިންމުކަން މިވަނީ އިތުރުވެފައެވެ.

އުރީދޫން ބުނީ މި އޮފާގެ މަގުސަދަކީ އޮންލައިންކޮށް ކިޔެވުން ކުރިއަށް ގެންދިއުމަށް ބޭނުންވާ ސާމާނު، ކިޔަވާ ކުދިންނަށާއި ބެލެނިވެރިންނަށް ފަސޭހަކަމާއެކު ގަތުމުގެ ފުރުސަތު ހުޅުވާލުން ކަމަށެވެ.

މިއަދު ލޯންޗުކުރި "ބެކް ޓު ސްކޫލް" އޮފާގެ ދަށުން ޕާސަނަލް ކޮމްޕިއުޓާސްއިން ގަންނަ ކޮންމެ ލެޕްޓޮޕަކާއެކު އުރީދޫ މޯލްޑިވްސްގެ މައިފައި ޑިވައިސްއެއް، އަދި 240 ޖީބީއާ ހަމައަށް ބޯނަސް ޑޭޓާ ހިމެނޭ ގޮތަށް ލިބޭނެއެވެ.

ލެޕްޓޮޕާއެކު ހިލޭ ލިބޭ މައިފައި ޑިވައިސް މެދުވެރިކޮށް ރީޗާޖް ކުރާ ފުރަތަމަ 12 ފަހަރު، ކުރާ ކޮންމެ ރީޗާޖަކަށް 20 ޖީބީ ބޯނަސް ޑޭޓާ ލިބޭނެއެވެ. މީގެ އިތުރުން ޕާސަނަލް ކޮމްޕިއުޓާސް އިން ހަދިޔާ ކުރާ ހިލޭ ލެޕްޓޮޕް ކޭސްއެއް ވެސް މި އޮފާގައި ވަނީ ހިމެނިފައެވެ.

އެޗްޕީ އަދި ލެނޯވޯ ގެ ފަހުގެ ލެޕްޓޮޕްތައް ހިމެނޭގޮތަށް ބަންޑްލްކޮށްފައިވާ މި އޮފާ މިއަދުން ފެށިގެން ކަސްޓަމަރުންނަށް ލިބޭނެއެވެ.

އުރީދޫގެ ޗީފް ކޮމާޝަލް އޮފިސަރު ހުސެއިން ނިޔާޒް ވިދާޅުވީ، ޕާސަނަލް ކޮމްޕިއުޓާސް އާއެކު ލޯންޗު ކުރި އޮފާ މެދުވެރިކޮށް ދަރިވަރުންނަށާއި ބެލެނިވެރިންނަށް އޮންލައިންކޮށް ކިޔެވުމުގެ ކަންކަމަށް ބޭނުންވާ ތަކެތި ގަތުމުގައި އިތުރު ލުއިތަކެއް ލިބިގެންދާނެ ކަމަށެވެ.