މާލޭގެ އިއްޒުއްދީން ސްކޫލުގައި މަސައްކަތްކުރި ޕްރިންސިޕަލް އިސްމާއީލް ނަސީރު، އެ ސުކޫލުގައި މަސައްކަތްކުރާ ހަތަރު ޓީޗަރަކަށް ޖިންސީ ފުރައްސާރަކުރި މައްސަލަ ސާބިތުވެފައިވާތީ ގާނޫނީ ފިޔަވަޅު އަޅަން ނިންމިކަން އެޑިއުކޭޝަން މިނިސްޓްރީގެ ޖިންސީ ފުރައްސާރަކުރުމާއި ގޯނާކުރުން ހުއްޓުވުމުގެ ކޮމިޓީގެ ރިޕޯޓުން ހާމަވެއްޖެއެވެ.
ޕްރިންސިޕަލް އިސްމާއިލް ނަސީރުގެ މައްސަލަ ބަލައި، އެ ޝަކުވާ ހުށަހެޅި ފަރާތްތަކަށް އެ ކޮމިޓީން ވަނީ މިދިޔަ މަހުގެ 27 ވަނަ ދުވަހު ރިޕޯޓު ފޮނުވައިފައެވެ. މިހާރު އެ ރިޕޯޓު ވަނީ ސޯޝަލް މީޑިއާގައި ވެސް އާންމުވެފައެވެ.
އެ ރިޕޯޓުގައިވާ ގޮތުން އިއްޒުއްދީން ސްކޫލުގެ ޕްރިންސިޕަލް އިސްމާއިލް ނަސީރުގެ ފަރާތުން ޖިންސީ ގޯނާއާއި ފުރައްސާރައިގެ އަމަލުތަކެއް ކުރިމަތިވެފައިވާ ކަމަށް ބުނެ ހުށަހެޅި މައްސަލަ ބެލިބެލުމުން، ޖިންސީ ގުނަވަނަކާ ދިމާއަށް އިސްމާއިލް ނަސީރު ބަލަން ހުރި ކަމަށް މުވައްޒަފު ބަޔާންކޮށްފައިވުމާއި، އަދި އެ މަންޒަރު އެ ސްކޫލުގެ ދެ ލީޑިން ޓީޗަރަކު ދީފައިވާ ބަޔާނުން އެނގެން އޮތް ކަމަށެވެ.
"..އުނދަގޫވާ ގޮތަށް ޖިންސީ ގުނަވަނަކަށް ބެލުމަކީ ޖިންސީ ފުރައްސާރަ ކުރުމާއި، ގޯނާކުރުން ހުއްޓުވުމުގެ ގާނޫނުގެ 38 ވަނަ މާއްދާގެ ދެވަނަ ނަންބަރުގައި، ޖިންސީ ފުރައްސާރަކުރުމާއި ގޯނާކުރުމުގެ އަމަލެއް ކަމުގައި ބަޔާންކޮށްފައި އޮތަތީ، އިއްޒުއްދީން ސްކޫލުގެ ޕްރިންސިޕަލް އިސްމާއިލް ނަސީރުގެ ފުށުން ޖިންސީ ފުރައްސާރަކުރުމުގެ އަމަލެއް ހިންގި ކަމުގައި ބުރަވެވެން އޮތަތީ ޖިންސީ ފުރައްސާރަކުރުމާއި ގޯނާކުރުން ހުއްޓުވުމުގެ ގާނޫނުގެ 22 ވަނަ މާއްދާގެ ދަށުން ފިޔަވަޅު އަޅަން ފެންނަ ކަމަށް މި މައްސަލަ ބެލި ކޮމިޓީގެ މެންބަރުންގެ އިއްތިފާގުން ނިމިފައިވާ ކަމުގައި ދެންނެވީމެވެ..،" ރިޕޯޓުގައި ބުނެފައިވެއެވެ.
އެ މައްސަލައާ ގުޅިގެން ޓީޗާސް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ޓޭމް) އާއި ޕަބްލިކް އިންޓަރެސްޓް ލޯ ސެންޓަރުން ވެސް ވަނީ ބަޔާނެއް ނެރެފައެވެ. އެގޮތުން ޕަބްލިކް އިންޓަރެސްޓް ލޯ ސެންޓަރުން ރޭ ނެރުނު ބަޔާނެއްގައި ވަނީ އިއްޒުއްދީން ސްކޫލުގައި މަސައްކަތްކުރި ޕްރިންސިޕަލް އިސްމާއީލް ނަސީރު އެ ސުކޫލުގައި މަސައްކަތްކުރާ ހަތަރު ޓީޗަރަކަށް ޖިންސީ ފުރައްސާރަ ކޮށްފައިވާތީ، އެ ހަތަރު ޓީޗަރުންގެ ފަރާތުން އެ މައްސަލަ އެޑިއުކޭޝަން މިނިސްޓްރީގެ ޖިންސީ ފުރައްސާރަކުރުމާއި ގޯނާކުރުން ހުއްޓުވުމުގެ ކޮމިޓީއަށް ހުށަހެޅި ކަމަށެވެ.
އެގޮތުން ކޮމިޓީން މައްސަލަ ބެލުމަށްފަހު ނިންމީ ނަސީރުގެ ފުށުން ޖިންސީ ފުރައްސާރަ ކުރުމުގެ އަމަލެއް ހިންގިކަމުގައި ބުރަވެވެން އޮތް ކަމަށް ކަމަށެވެ. އަދި ޖިންސީ ފުރައްސާރަކުރުމާއި ގޯނާކުރުން ހުއްޓުވުމުގެ ގާނޫނުގެ 22 ވަނަ މާއްދާގެ ދަށުން ފިޔަވަޅު އަޅަން ފެންނަ ކަމަށް މައްސަލަ ބެލި ކޮމެޓީގެ އިއްތިފާގުން ނިންމާފައިވާ ކަމަށްވެސް ބަޔާނުގައިވެއެވެ.
"އެހެންނަމަވެސް މައްސަލަ ރައްދުވި ފަރާތުގެ މައްޗަށް އެޅި ފިޔަވަޅަކީ ކޮބައިކަން މައްސަލަ ހުށަހެޅި ފަރާތަށް އަންގާފައެއް ނުވޭ. އަދި އިސްމާއިލް ނަސީރު މިހާރު އިއްޒުއްދީން ސުކޫލަށް ވުރެ މާ ބޮޑު ސުކޫލަކަށް ބަދަލުކޮށްފައިވާކަމުގެ މައުލޫމާތު ވަނީ ލިބިފަ. މިކަމަކީ އޭގެ ޒާތުގައި ފިޔަވަޅަކަށް ވުރެ ބޮޑަށް ޕްރޮމޯޝަނެއް ކަމަށް ސިފަވާކަން ފާހަގަކުރަން،" ބަޔާނުގައިވެއެވެ.
މި މައްސަލަ ހުށަހެޅި ހަތަރު ފަރާތް އެހެން ސުކޫލަކަށް ބަދަލުކުރަން އުޅޭކަމުގެ މައުލޫމާތު ލިބުމާއެކު އެކަން އެގޮތަށް ނުކުރުމަށް އިލްތިމާސްކޮށް އެޑިއުކޭޝަނަށާއި ސިވިލް ސާވިސް ކޮމިޝަނަށް ސިޓީ ފޮނުވާފައިވަނިކޮށް، އެ ފަރާތްތައް އެހެން ސުކޫލުތަކަށް ބަދަލުކޮށްފައިވާ ކަމަށްވެސް ބަޔާނުގައިވެއެވެ.
އެ ލޯފާމުން ބުނީ މައްސަލަ ހުށަހެޅި ފަރާތްތައް އެހެން ސުކޫލުތަކަށް ބަދަލުކޮށްފައި ވަނީ އެފަރާތްތަކުގެ އެއްވެސް ބަހެއް ހޯދުމަކާ ނުލައި ކަމަށާއި މިއީ އެފަރާތްތައް ޖިންސީ ފުރައްސާރައިގެ މައްސަލަ ހުށަހެޅުމުން އެފަރާތްތަކާ މެދު ނުހައްގުން އެޅި ފިޔަވަޅެއް ކަމަށެވެ.
އެކަމާ ގުޅިގެން އެޑިއުކޭޝަން މިނިސްޓްރީން މިއަދު ބުނީ އިއްޒުއްދީން ސްކޫލުގެ ހަތަރު ޓީޗަރަކު އެހެން ސްކޫލްތަކަށް ބަދަލުކުރީ މި އަހަރުގެ ކުރީކޮޅު އެ ސްކޫލުގެ ހަތަރު ލީޑިން ޓީޗަރުން އެއްފަހަރާ އިސްތިއުފާދިނުމާ ގުޅިގެން އެ ސްކޫލުގައި އުފެދުނު ނުތަނަވަސްކަން ހައްލުކުރުމަށް ކަމަށާއި އިއްޒުއްދީން ސްކޫލުގެ މުދައްރިސުންތަކެއް ހުށަހަޅާފައިވާ ޖިންސީ ފުރައްސާރައިގެ މައްސަލަ، މިނިސްޓްރީގެ ކޮމެޓީން ބަލައި އެކުލަވައިލި ރިޕޯޓުގައިވާ ކަންކަން ބެލުމަށްފަހު އަޅަންޖެހޭ ފިޔަވަޅެއް ވާނަމަ އެ ފިޔަވަޅެއް އަޅާނެ ކަމަށެވެ.
އިއްޒުއްދީން ސްކޫލުގެ ޕްރިންސިޕަލް އެހެން ސްކޫލަކަށް ބަދަލުކޮށްފައިވަނީ ދިރާސީ އަހަރު ނިމެން އުޅެނިކޮށް އެފަރާތުން އަތޮޅުތެރޭގެ އެހެން ސްކޫލަކަށް ބަދަލުވުމަށް އެދި ހުށަހެޅުމުން އެއަށް ރިއާޔަތްކޮށް ކަމަށާއި އެކަމާ އެފަރާތަށް ތުހުމަތު ކުރެވި ބެލެމުން ދިޔަ މައްސަލައަކާ އެއްވެސް ގުޅުމެއް ނެތް ކަމަށެވެ. އަދި ޕްރިންސިޕަލް ބަދަލުކުރެވުނީ ޕްރޮމޯޝަނަކާއެކު އެއަށްވުރެ ބޮޑު ސްކޫލަކަށް ނޫން ކަމަށާއި އެ ބަދަލާ ގުޅިގެން އޭނާއަށް ޕްރޮމޯޝަނެއް ދެވިފައި ނުވާ ކަމަށް ވެސް އެޑިއުކޭޝަނުން ބުންޏެވެ.
މިނިސްޓްރީން އިތުރަށް ބުނީ މުދައްރިސުން ބަދަލުކުރުމާ ގުޅުވައި ޓީޗާސް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ޓޭމް) އަދި ޕަބްލިކް އިންޓްރެސްޓް ލޯ ސެންޓަރުން ނެރެފައިވާ ބަޔާންތަކުގައި ހަގީގަތާ ހިލާފަށް މައްސަލަ އޮޅޭ ގޮތަށް އެ މައުލޫމާތު ހިމަނާފައި ވާތީ އެކަން ކުށްވެރިކުރާ ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު