އެންމެ ރަނގަޅު ގޮތަކީ، އެމްޑީޕީ އާއި ޕީޕީއެމްގެ އިއްތިހާދެއް އުފެއްދުން ކަމަށް ވިދާޅުވެ، އެމްޑީޕީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ތަކުރާރުކޮށް ވާހަކަދައްކަވަމުން ގެންދަވަނީ ތެދު ނިޔަތެއް އޮވެގެން ނޫން ކަމަށް އިދިކޮޅު ޕީީޕީއެމް ޕީއެންސީ ކޯލިޝަނުން ބުނެފިއެވެ.
ސިޔާސީ ގޮތުން މުޅިން ދެ ފިކުރެއްގައިވާ އެމްޑީޕީ އާއި ޕީޕީއެމްގެ އިއްތިހާދެއް އުފެއްދުމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމްގެ އެހީތެރިކަމަށް އެދުމަކީ އެމްޑީޕީއަށާއި ގައުމަށް ވެސް އެންމެ ފައިދާހުރި ގޮތް ކަމަށް ރައީސް ނަޝީދު ވިދާޅުވުމާ ގުޅިގެން "ވަން" އިން ކުރި ސުވާލަކަށް ޖަވާބުދެއްވަމުން ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވީ، އެއީ ރައީސް ނަޝީދު ދެކެވަޑައިގަންނަވާ ގޮތަށް ވެދާނެ ކަމަށާއި ޕީޕީއެމަށް ރަނގަޅު ގޮތް ނިންމާނީ އިދިކޮޅު ކޯލިޝަނުން ކަމަށެވެ.
ޕީޕީއެމަށް އެންމެ ރަނގަޅު ގޮތް އެނގިވަޑައިގަންނަވާނީ ރައީސް ނަޝީދަށް ނޫން ކަމަށްވެސް އަބްދުއްރަހީމް ވިދާޅުވިއެވެ.
އެމްޑީޕީ އާއި ރައީސް ނަޝީދާއެކު ސިޔާސީ މަސައްކަތް ނުކުރާނެ ކަމަށް ޕީޕީއެމް ޕީއެންސީ ހިމެނޭ އިދިކޮޅު ކޯލީޝަނުން ތަކުރާރުކޮށް ބުނާ އިރު، ޕީޕީއެމް އާއި ރައީސް ޔާމީންގެ ނަން ބޭނުން ކުރައްވައިގެން ރައީސް ނަޝީދު ސިޔާސީ ވާހަކަދައްކަަވަމުން ގެންދަވަނީ، އެމްޑީޕީ ދެބައިވެގެން ގޮސް ފަޅައިގެންދާން ކައިރިވެފައިވާތީ، ރައްޔިތުންގެ ރުހުން ހޯއްދެވުމަށް ކަމަށްވެސް އަބްދުއްރަހީމް ވިދާޅުވިއެވެ.
އެއީ ގިނަ ރައްޔިތުންތަކެއް ރައީސް ޔާމީނަށް ތާއީދު ކުރާތީ އެމަނިކުފާނަށް ހެޔޮ އެދޭ ގޮތް ދެއްކުމަށް ރައީސް ނަޝީދު ކުރައްވާ ކަމެއް ކަމަށާއި ނަމަވެސް ހަގީގަތަކީ ރައީސް ނަޝީދަށް ހުރިހާ އަނިޔާއެއް ލިބެމުންދަނީ އެމްޑީޕީގެ ސަރުކާރުން ކަމަށްވެސް ވިދާޅުވިއެވެ.
"ވަން" އަށް މައުލޫމާތުދެއްވަމުން ޕީޕީއެމްގެ ނާއިބު ރައީސް އަދި ނައިފަރު ދާއިރާގެ މަޖިލިސް މެންބަރު އަހުމަދު ޝިޔާމް ވިދާޅުވީ، އެމްޑީޕީއާއެކު މަސައްކަތް ކުރުމަކީ ރަނގަޅު ކަމެއް ކަމަށް ޕީޕީއެމުން ނުދެކޭ ކަމަށެވެ.
އެމްޑީޕީއާއި ޕީޕީއެމް އަކީ ތަފާތު ދެ ފިކުރު ކަމަށާއި ޕީޕީއެމްގެ ސިޔާސަތުތަކާއި، މަސައްކަތްތަކާއި، އެމްޑީޕީއާ މާބޮޑަށް ތަފާތުވާނެ ކަމަށްވެސް ޝިޔާމު ވިދާޅުވިއެވެ.
"ޕީޕީއެމްގެ ސިޔާސަތުތައް ވަަރަށް ސާފު ވާނެ. ގައުމިއްޔަތާއި، މިނިވަންކަމާއި، ދީނާއި، އިގުތިސާދީގޮތުން ގެންގުޅޭ ވިސްނުންތައް ވެސް ތަފާތުވާނެ،" ޝިޔާމު ވިދާޅުވިއެވެ.
ޝިޔާމު އިތުރަށް ވިދާޅުވީ، ޕީޕީއެމާއި ރައީސް ޔާމީންގެ ނަން ބޭނުން ކުރައްވައިގެން ރައީސް ނަޝީދު ތަކުރާރުކޮށް ވާހަކަދައްކަވަނީ އެމްޑީޕީ ވެރިކަމުގައި އޮވެ، އެމަނިކުފާނުގެ އަމިއްލަ ޕާޓީން އެކަހެރިވެ އެކަނިވެރިކަން އިހުސާސްވެގެން ބައިވެރިއެއްގެ ބޭނުން ޖެހިގެން ކަމަށެވެ.
ރައީސް ނަޝީދުގެ އެ ވާހަކަތަކަކީ ތެދު ނިޔަތެއްގައި ދައްކާ ވާހަކަތަކެއް ނޫން ކަމަށާއި އެއީ ޕީޕީއެމްގެ މެންބަރުންނަށް އޮޅުވައިލުމަށް ދައްކަވާ ވާހަކަތަކެއް ކަމަށްވެސް ވިދާޅުވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު