މި ސަރުކާރުގެ ހާރިޖީ ސިޔާސަތަކީ ފަތުހުﷲ ޖަމީލު ގެންގުޅުއްވި ސިޔާސަތު ކަމަށް ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވިދާޅުވެއްޖެ އެވެ.

ރާއްޖޭގައި އެންމެ ގިނަ ދުވަހު ފޮރިން މިނިސްޓަރުކަން ކުރެއްވި ފަތުހުﷲ ޖަމީލުގެ ނަމަށް ފޮރިން މިނިސްޓްރީ ހުންނަ އިމާރާތުގެ ނަން ބަދަލު ކުރެއްވުމަށްފަހު އަލުން ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އަބްދުﷲ ޝާހިދު ވިދާޅުވީ، ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމުގައި ރާއްޖެ މިވަނީ ބައިނަލްއަގުވާމީ މައިދާނުގައި ހުރި އެންމެ އުސް ކުރިބޯއްޓަށް ވާސިލް ވެފައި ކަމަށެވެ.

ރާއްޖޭގެ އަމިއްލަ ވެރިކަން މުޅި ދުނިޔެއިން ބަލައިގަނެފައިވާކަން ފާހަގަކުރައްވައި އަބްދުﷲ ޝާހިދު ވިދާޅުވީ، އެއީ ރައީސް ސޯލިހުގެ ހިކުމަތު އަމަލީގެ ނަތީޖާ ކަމަށެވެ. އަދި މުޅި ދުނިޔެއިން ބިކަވެ، ބާކީ ވެފައި ވަނިކޮށް ބައިނަލްއަގުވާމީ މައިދާނަށް ރައީސް ސޯލިހު ނެރުއްވި ހާރިޖީ ސިޔާސަތުގެ ވަރުގަދަކަން ފެނި، ތަސައްވަރު ވެ، ސާބިތުވެގެން ގޮސްފައިވާ ކަމަށް ވެސް ޝާހިދު ވިދާޅުވި އެވެ.

"ފަތުހުﷲ ޖަމީލުގެ ހާރިޖީ ހިންގެވުމުގަވެސް ވިސްނުންފުޅަކީ އެއީ. އެމަނިކުފާނު ބޭރު މީހުންނާ ބައްދަލުކުރައްވާކަށް ޖެހިލުންވެވަޑައެއް ނުގަންނަވާ. އެމަނިކުފާނު ބޭރު މީހުންނާ ވާހަކަފުޅު ދައްކަވާކަށް ޖެހިލުންވެވަޑައެއް ނުގަންނަވާ. ދަތި ވަގުތުތަކުގައިވެސް އެމަނިކުފާނު ބޭރު މީހުންނާ އެކު ވާހަކަފުޅު ދައްކަވައިގެން ހައްލު ހޯއްދެވުމަށް މަސައްކަތްޕުޅު ކުރެއްވި. އަޅުގަނޑުމެންގެ މިސަރުކާރުގައި ރައީސް ތިޔަ ގެންގުޅުއްވާ ހާރިޖީ ސިޔާސަތަކީވެސް ހަމަ އެއީ،" އަބްދުﷲ ޝާހިދު ވިދާޅުވި އެވެ.

ފޮރިން މިނިސްޓްރީ ހުންނަ އިމާރާތަށް ފަތުހުﷲ ޖަމީލުގެ ނަމުން ނަން ދީފައިވަނީ، ރާއްޖޭގެ ހިދުމަތްތެރިންނަށް އެހިދުމަތުގެ އަގު ވަޒަން ކުރެއްވުމުގެ ގޮތުން ކުރައްވަމުން ގެންދަވާ މަސައްކަތުގެ ތެރެއިން ހަރުފަތެއްގެ ގޮތުން ކަމަށް ޝާހިދު ވިދާޅުވި އެވެ.

"މި އިމާރާތް ފަރުމާވެގެން ގޮސްފައި މިހިރީ ތިން ރިޔަލެއްގެ މައްޗަށް. މި އިމާރާތުގެ މުޅި މަފްހޫމް، އެއީ އޮނަރަބަލް ފަތުހުﷲ ޖަމީލުގެ ވިސްނުންފުޅެއް. އެމަނިކުފާނަކީ ކުރެހުންތެރިއެއް، އެމަނިކުފާނަކީ ލިޔުންތެރިއެއް، އެމަނިކުފާނަކީ ޅެންވެރިއެއް، އެމަނިކުފާނަކީ މުގައްރިރެއް، އެމަނިކުފާނަކީ ޓީޗަރެއްވެސް މެ. މި އިމާރާތް ކުރައްސަވަމުން ގެންދެވިއިރު ތަސައްވަރުގައި އޮތީ ދިވެހިރާއްޖޭގެ ހާރިޖީ ނައު، ހާރިޖީ ބައްތެލި، ހާރިޖީ ދޯނި. ކަނޑުގައި ދުވާ ކޮންމެ އެއްޗެއްކަމުގައި ވިޔަސް ބައިނަލްއަގުވާމީ ކިތަންމެ ގަދަ ކަނޑުތަކެއްގައިވެސް ދުވާނެކަން ހިފަހައްޓާނެކަން ތަސައްވަރު ކޮށްދެވޭ ގޮތަށް މި އިމާރާތް ކުރެހުން. މި އިމާރާތުގައިވާ ކޮންމެ ރިޔަލެއް އެ ރަމްޒުކޮށްދެނީ ދިވެހި ދައުލަތް. އެ ދައުލަތުގެ ޝާނާއި ޝައުކަތު. އެދައުލަތުގެ އާރާއި ބާރު،" އަބްދުﷲ ޝާހިދު ވިދާޅުވި އެވެ.

ފަތުހުﷲ ޖަމީލުގެ ގައުމީ ހިދުމަތް ދިވެހި ދައުލަތުގައި އެންމެ ބޮޑަށް ފާހަގަވެގެން ގޮސްފައިވަނީ، ފޮރިން މިނިސްޓްރީ ބިނާކުރެއްވުމުގައި ކަމަށް ޝާހިދު ވިދާޅުވި އެވެ.