ރައްޔިތުންގެ މަޖިލީހުގެ ނޮޅިވަރަމް ދާއިރާގެ މެންބަރު މުހައްމަދު ނަޝީދު (މޮސްޓާ) އާއި ނިލަންދޫ ދާއިރާގެ މެންބަރު އަބްދުލް މުހްސިން ހަމީދު، ރައްޔިތުންގެ މަޖިލީހުގެ ދަނގެތި ދާއިރާގެ މެންބަރު ކާނަލް ރިޓަޔާޑް މުހައްމަދު ނާޒިމް އުފައްދަވާ "މޯލްޑިވްސް ނެޝަނަލް ޕާޓީ" އާ ގުޅިވަޑައިގެންފިއެވެ.
މެންބަރު ނަޝީދާއި މުހުސިނަކީ އަމިއްލަ ގޮތުން މަޖިލީހަށް ހޮވިވަޑައިގެންނެވި ދެ މެންބަރުންނެވެ.
"މޯލްޑިވްސް ނެޝަނަލް ޕާޓީ" އުފެއްދެވުމުގެ ހުއްދަ އިލެކްޝަންސް ކޮމިޝަނުން ދީފައިވާ ވިލިމާލޭ ދާއިރާގެ މެންބަރު އަހްމަދު އުޝާމް އަކީވެސް އަމިއްލަ ގޮތުން މަޖިލީހަށް ހޮވިވަޑައިގެންނެވި މެންބަރެކެވެ.
ދެން މި ޕާޓީ އުފެއްދުމުގެ މަސައްކަތުގައި ހިމެނިވަޑައިގަންނަވަނީ ކުރީގެ ޕޮލިސް ކޮމިޝަނަރު އަދި ތިމަރަފުށީ ދާއިރާގެ މެންބަރު އަބްދުﷲ ރިޔާޒެވެ.
އެހެން ވެއްޖެނަމަ ޕާޓީ ރަޖިސްޓްރީ ކުރާއިރުވެސް ރައްޔިތުންގެ މަޖިލީހުގެ ފަސް މެންބަރުން މި ޕާޓީގައި ތިއްބަވާނެ އެވެ. އެހެންކަމުން މި ޕާޓީ ވެގެންދާނީ ރައްޔިތުންގެ މަޖިލީހުގައި ތިން ވަނައަށް އެންމެ ގިނަ މަޖިލިސް މެންބަރުން ހިމެނޭ ޕާޓީއަށެވެ.
ރައްޔިތުންގެ މަޖިލީހުގެ މިހާރު އޮތް ކޮމްޕޮޒިޝަންއަށް ބަލާއިރު، އެންމެ ގިން މެންބަރުން ހިމެނޭ އެމްޑީޕީގެ 65 މެންބަރުން ތިއްބަވައެވެ. އިދިކޮޅު ޕީޕީއެމްގެ ހަ މެންބަރުން ހިމެނިވަޑައިގަންނަވާއިރު މެންބަރު ރިޔާޒާއި ނާޒިމް ވަކިވެ ވަޑައިގެންނެވުމުން ޖޭޕީގެ މެންބަރުންގެ ގޮތުގައި ތިއްބަވަނީ ތިން މެންބަރުންނެވެ. ޕީއެންސީގެވެސް ތިއްބަވަނީ ތިން މެންބަރުންނެވެ. އެމްޑީއޭގެ ދެ މެންބަރުން ހިމެނިވަޑައިގަންނަވައެވެ. އަމިއްލަ މެންބަރުންގެ ގޮތުގައި ފަސް މެންބަރުން މިހާރު ތިއްބަވާއިރު، އުޝާމާއި ނަޝީދާއި މުހުސިން އެ ޕާޓީއާ ގުޅިވަޑައިގަތުމުން މަޖިލީހުގައި ތިއްބަވާނީ އަމިއްލަ ދެ މެންބަރުންނެވެ. އެއީ ވިލިނގިލީ ދާއިރާގެ މެންބަރު ސައުދު ހުސެއިން އާއި ތުލުސްދޫ ދާއިރާގެ މެންބަރު އިބްރާހިމް ނަސީމެވެ.
މީގެ ތިން ދުވަސްކުރިން "ވަން އޮންލައިން" އަށް މައުލޫމާތު ދެއްްވަމުން ސައުދާއި، ނަސީމު ވިދާޅުވީ، އެ ބޭފުޅުން މަޖިލީހަށް ހޮވިވަޑައިގެންނެވި ގޮތުގައި ތިއްބެވުމަށް ވިސްނަވާ ކަމަށާއި، އެއްވެސް ޕާޓީއަކާ ގުޅިވަޑައިގަތުމުގެ ވިސްނުމެއް ނެތް ކަމަށެވެ.
ޕާޓީއަކަށް ނިސްބަތްވެ ވަޑައިގަންނަވާ ގޮތަށް އެންމެ މެންބަރަކަށް ކާށިދޫ ދާއިރާގެ މެންބަރު އަބުދުﷲ ޖާބިރު މަޖިލީހުގައި އިންނަވާއިރު، ޖާބިރަކީ ދިވެހި ރައްޔިތުންގެ ޕާޓީ (ޑީއާރުޕީ)ގެ ލީޑަރެވެ.
ނަމަވެސް ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ލިސްޓުގައި އަދިވެސް ޖާބިރު ފާހަގަ ކުރައްވާފައި ވަނީ އަމިއްލަ މެންބަރެއްގެ ގޮތުގައެވެ.
ޚަބަރު
ޚަބަރު
ޚަބަރު