ދުނިޔޭގެ ފުޓުބޯޅަ ލެޖެންޑް، އާޖެންޓީނާގެ ތަރި ޑިއޭގޯ މަރަޑޯނާގެ ހަނދާނުގައި ކުޅެން ތައްޔާރުވާ ހާއްސަ މެޗަކަށް ޔޫރަޕްގެ ފުޓުބޯޅަ އިދާރާ އާއި ދެކުނު އެމެރިކާގެ ފުޓުބޯޅަ އިދާރާއިން މަޝްވަރާ ކުރަން ފަށައިފިއެވެ.
ނޫސްތަކުން ބުނެފައި ވަނީ އެ މެޗަށް ހާއްސަ ނަމެއްގެ ގޮތުން "މަރަޑޯނާ ކަޕް" ގެ ނަމުން ނަން ދޭން ވިސްނަމުން އަންނަ ކަމަށެވެ. މެޗު މަރަޑޯނާއަށް ހާއްސަކުރަން ވިސްނާފައި ވަނީ ފުރަތަމަ މެޗަށް މިހާރު ނުކުންނަން އޮތީ މަރަޑޯނާއަށް ހާއްސަ ދެގައުމަކަށް ވާތީއެވެ. ދެކުނު އެމެރިކާގެ ޗެމްޕިއަންކަން މަރަޑޯނާގެ ގައުމު އާޖެންޓީނާއިން ހޯދައިފައިވާއިރު، އަނެއްކޮޅުން މިހާރު އޮތް ގޮތުން މެޗަށް ނުކުންނަން އޮތީ މަރަޑޯނާގެ ކްލަބު ކެރިއަރުގެ އެންމެ މުހިއްމު ދުވަސްތައް ހޭދަކުރި އިޓަލީއެވެ.
ދެ ބައްރުގެ ޗެމްޕިއަނުން ކުޅޭނެ މެޗަކަށް ތައްޔާރުވުމުގެ މަޝްވަރާތައް އަދި ފަށާފައިވީ ނަމަވެސް އެކަމުގެ މާ ބޮޑު ތަފްސީލުތަކެއް ނޫސްވެރިންނާއި، އާންމުންނަށް ހާމަ ކޮށްފައެއް ނުވެއެވެ. އިޓަލީގެ މީޑިއާތަކުން ބުނެފައިވާ ގޮތުގައި އެ މެޗު ކުޅޭނެ ކަމަށް ބެލެވެނީ މަރަޑޯނާގެ ނަމުން ނަން ދެވިފައިވާ ނަޕޯލީގެ ދަނޑު ކަމަށްވާ ސްޓޭޑިއޯ ޑިއޭގޯ އަރުމާންޑޯ މަރަޑޯނާގައެވެ. އެއީ އިޓަލީގެ ނޭޕަލްސްގެ އެންމެ ތާރީހީ ދަނޑެވެ.
މީގެ ކުރިންވެސް ވަނީ ޔޫރަޕާއި ދެކުނު އެމެރިކާގެ ޗެމްޕިއަނުން މެދުގައި ހާއްސަ މެޗެއް ކުޅެފައެވެ. ދެ ފަހަރަކަށް އެ މެޗު ކުޅެފައިވާއިރު، އެ މެޗަށް އޭރު ނަން ދީފައި ވަނީ ކުރިން ޔޫއެފާ ރައީސްކަން ކަން ކުރަމުން ދަނިކޮށް އެކްސިޑެންޓެއްގައި މަރުވި އާޓެމިއޯ ފްރާންޗީގެ ނަމުންނެވެ. ފުރަތަމަ 1985 ވަނަ އަހަރު ކުޅުނު މެޗުގައި ފްރާންސާއި އުރުގުއޭ ވާދަކޮށްފައިވާއިރު، އެ މެޗު ފްރާންސުން ކާމިޔާބުކުރީ 2-0 ގެ ނަތީޖާއަކުންނެވެ. އޭގެ ފަހުން ދެން ކުޅުނީ 1993 ވަނަ އަހަރު އެވެ. އެ މެޗުގައި މަރަޑޯނާވެސް ކުޅެފައިވެއެވެ. އާޖެންޓީނާއިން މެޗުގައި ޑެންމާކު ބަލިކުރީ ޕެނަލްޓީ ޖަހައިގެންނެވެ.
ކުޅިވަރު
ކުޅިވަރު
ކުޅިވަރު
ކުޅިވަރު