ނަވާރަ ވަނަ އޭޝިއަން އެޗްއާރު ލީޑާޝިޕް އެވޯޑްސްގެ "އެގްސެމްޕްލަރީ ލީޑަރ އޮފް ދި އިޔަރ" ގެ އެވޯޑް ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު ހަސަން މުޣުނީއަށް ލިބިވަޑައިގެންފި އެވެ.
މި އެވޯޑް މުޣުނީ އަށް ލިބިވަޑައިގެންފައިވަނީ އޭޝިއާ ސަރަހައްދުގެ ގިނަ ގައުމުތަކެއްގެ ކުންފުނިތަކުގެ އިސް ވެރިންގެ ތެރެއިން ރޯލް މޮޑެލްއެއްގެ ގޮތުގަ ފާހަގަކުރެވޭތީ ކަމަށް ސްޓެލްކޯއިން މިއަދު ބުނެފައިވެ އެވެ.
އެގްސެމްޕަލަރީ ލީޑަރ އޮފް ދި އިޔާ އަށް މުޣުނީ ހޮވިވަޑައިގެންނެވި ސަބަބުތަކުގެ ތެރޭގައި، ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރުގެ މަގާމާ ހަވާލުވެވަޑައިގެންނެވިފަހުން، ކުންފުނީގެ މާލީ ހާލަތު ރަނގަޅުވެ، ޕީސީބީން ސަރުކާރު ހިއްސާވާ ކުންފުނިތައް ރޭންކުކުރާ މިންގަނޑުގެ "އޭ" ކެޓަގަރީއަށް ކުންފުނި ބަދަލު ކުރެވުމާއި، ހަކަތަ އުފެއްދުމަށްޓަކައި، ތެލަށް ބަރޯސާވާ މިންވަރު ކުޑަކުރުމަށް، އިޔާދަކުރަނިވި ހަކަތަ އާއި ދިމާލަށް ކުންފުނި ދީލައިލުމަށް މުޣުނީގެ ލީޑާރޝިޕްގެ ދަށުން ކޮށްފައިވާ މަސައްކަތްތައް ހިމެނޭ ކަމަށް ސްޓެލްކޯއިން ބުނެއެވެ.
އޭގެ ތެރޭގައި، ގްރީންލައިފް އިނިޝިއޭޓިވްގެ ދަށުން ސޯލާ ޕެނަލްސް ވިއްކުމާއި، މުޣުނީގެ އިރުޝާދުގެ ދަށުން ރާއްޖެއަށް ތައާރަފުކޮށްފައިވާ މުޅިން އާ އީޖާދުތަކުގެ ތެރޭގައި ހިމެނޭ 100 އިންސައްތަ އިޔާދަކުރަނިވި ހަކަތައިން ކަރަންޓު ފޯރުކޮށްދޭ ސްޓެލްކޯ ގްރީން ލައިފް ބަސް ސްޓޮޕް އާއި، ދިވެހި ރާއްޖޭގެ މާހައުލާ ގުޅޭ ގޮތަށް ސްޓެލްކޯއިން ތައްޔާރުކޮށްފައިވާ ފްލޯޓިން ސޯލާ ޕޮޑް ހިމެނޭ ކަމަށް ސްޓެލްކޯއިން ބުނެ އެވެ.
މީގެ އިތުރުން ތިމާވެށި ފެހި ކުރުމުގެ ގޮތުން، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ފައްޓަވައިދެއްވައިފައިވާ، ރަށްފެހި ޕްރޮގްރާމް މެދުކެނޑުމެއްނެތި ކޮންމެ އަހަރަކު ކުރިއަށް ގެންދާ ހަމަ އެކަނި ކުންފުންޏަށް ސްޓެލްކޯ ވުމާއި، ދުނިޔެއަށް ކުރިމަތިވެފައިވާ ކޯވިޑް-19ގެ ބަލިމަޑުކަމުގެ ހާލަތުގައި، ރާއްޖެ ލޮކްޑައުންއަކާ ދިމާލަށް ގޮސްދާނެ ކަމަށް ބަލައި، ދުރާލައި އެކަމަށް ތައްޔާރުވެ، ބަލީގެ އެކި ހާލަތްތަކުގައި އަމަލު ކުރާނެ ގޮތުގެ އެސްއޯޕީތައް ތައްޔާރުކޮށް، ކުންފުނީގެ ހިދުމަތްތައް މެދުނުކެނޑި ކުރިއަށް ގެންދިއުމަށް މުޣުނީގެ އިރުޝާދުތަކުގެ ދަށުން އަޅާފައިވާ ފިޔަވަޅުތައް ހަރުދަނާ ވުމާއި، އޭގެ ނަތީޖާއެއްގެ ގޮތުން ލޮކްޑައުން ހާލަތުގައި ކުންފުނީގެ އެއްވެސް މުވައްޒަފަކު ކޮވިޑަށް ޕޮޒިޓިވް ވެފައި ނުވުން ހިމެނޭ ކަމަށް ވެސް އެ ކުންފުނީން ބުނެއެވެ.
ކޯވިޑްގެ ހާލަތުގައިވެސް، ކުންފުނިން ކުރިއަށް ގެންދާ ބޮޑެތި މަޝްރޫއުތައް ލަސްކަމެއްނެތި ކުރިއަށް ގެންދިއުމާއި، މުޅި ކުންފުނީގެ ހުރިހާ ހިދުމަތެއް އައިއެސްއޯ 9001:2015 އަށް ސެޓިފައި ކުރި ފުރަތަމަ ކުންފުންޏަށް ވުމުގެ ޝަރަފު ސްޓެލްކޯއިން ހޯދުންވެސް މި ސަބަބުތަކުގެ ތެރޭގައި ހިމެނޭ ކަމަށް ސްޓެލްކޯއިން ބުނެއެވެ.
ނަވާރަ ވަނަ އޭޝިއަން އެޗްއާރު ލީޑާޝިޕް އެވޯޑްސްގެ "އެގްސެމްޕްލަރީ ލީޑަރ އޮފް ދި އިޔަރ" އަށް މުޣުނީ ހޮވިވަޑައިގެންފައިވާއިރު، މިދިޔަ އަހަރު އޭޝިއާސް ބެސްޓް އެމްޕްލޯޔަރ ބްރޭންޑް އެވޯޑްސްގެ އިމާޖިން ލީޑަރ އޮފް ދި އިޔާގެ އެވޯޑްވެސް މުޣުނީއަށް ވަނީ ލިބިވަޑައިގެންފަ އެވެ.
ސްޓެލްކޯ
ސްޓެލްކޯ
ސްޓެލްކޯ