ރާއްޖޭގައި ބުދުދީން އޮތް ޒަމާނުގެ އާސާރީ އެއްޗެހިތަކެއް ފ. ނިލަންދޫން ފެނިއްޖެ އެވެ.

ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހްމަދު "ވަން" އަށް ވިދާޅުވީ އެތަކެތި ފެނުނީ އެރަށު ދުވަސްވީ ހުކުރު މިސްކިތް ކައިރީގައި ހުރި ގާފުންޏެއް ހާވަނިކޮށް ކަމަށެވެ.

އަލީ އަހްމަދު ވިދާޅުވީ އެ ސަރަހައްދަކީ ހެރިޓޭޖުން ހިމާޔަތްކޮށްފައިވާ އާސާރީ ސަރަހައްދެއް ކަމަށެވެ. އޭނާ ވިދުޅުވީ 2017 ވަނަ އަހަރުގައި ވެސް އެ ސަރަހައްދުން އާސާރީ ތަކެތި ފެނިފައިވާ ކަމަށެވެ.

އަލަށް ފެނުނު އާސާރީ ތަކެތި މިހާރު ކައުންސިލްގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށް ވެސް ކައުންސިލްގެ ރައީސް ވިދާޅުވިއެވެ.

މިކަމާ ގުޅޭގޮތުން ހެރިޓޭޖް މިނިސްޓަރު ޔުމްނާ މައުމޫން ވިދާޅުވީ ނިލަންދޫން ފެނުނު ތަކެއްޗަކީ ބުދު ދީނުގެ މީހުން ބޭނުން ކޮށްފައިވާ ތަކެތި ކަމަށް ބެލެވޭ ކަމަށެވެ.

ރާއްޖޭގެ ތާރީހު ދިރާސާކުރާ ފަރާތްތަކުން ބުނެފައިވާ ގޮތުގައި ފ. ނިލަންދުއަކީ ކުރީ ޒަމާނުގައި ވަރަށް ގަދައަށް ބުދު ދީނަށް އަޅުކަން ކުރި މީހުން އުޅުނު ރަށެކެވެ. ރާއްޖެއިން ފެނުނު އެންމެ ބޮޑު ބުދުފައްޅި ވެސް ހުރީ އެރަށުގައި ކަމަށް ތާރީހު ދިރާސާކުރާ ފަރާތްތަކުން ބުނެއެވެ.