ނިމިދިޔަ 2020 ވަނަ އަހަރުގެ ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ ހިއްސާއަކަށް 15 ރުފިޔާ ބަހަން ނިންމައިފި އެވެ.

"ފަހި ވޯޓް" މެދުވެރިކޮށް މިއަދު ބޭއްވި ބީއެމްއެލްގެ އަހަރީ އާންމު ޖަލްސާގައި ހިއްސާދާރުން ވަނީ މިއަދަދަށް ފައިސާ ބަހަން ނިންމާފަ އެވެ. އެގޮތުން މި ނިންމުން ނިންމާފައި ވަނީ ބައިވެރިވި ހުރިހާ ހިއްސާދާރުންގެ އިއްތިފާގުންނެވެ. އެހެން ކަމުން ހިއްސާދާރުންނަށް 80.7 މިލިއަން ރުފިޔާ ބަހަން ވަނީ ފާސްކޮށްފަ އެވެ.

ބޭންކުގެ މިދިޔަ އަހަރުގެ ތަފާސް ހިސާބުތައް ހިއްސާ ކުރައްވަމުން އެ ބޭންކުގެ ސީއިއޯ އަދި މެނޭޖިން ޑިރެކްޓަރު ޓިމް ސޯޔާ ވިދާޅުވީ މިދިޔަ އަހަރު ކާމިޔާބު ކަމާއެކު ފެށިގެން ދިޔަނަމަވެސް ކޮވިޑުގެ ބަލިމަޑުކަމުގެ ސަބަބުން އާމްދަނީ ވަަރަށް ބޮޑަށް ދަށްވެ ބޭންކަށް އެކަމުގެ ނޭދެވޭ އަސަރު ވަރަށް ބޮޑަށް ކުރި ކަމަށެވެ. އަހަރު ނިމުނުއިރު ޓެކްސް އަށް ކެނޑުމަށްފަހު ސާފު ފައިދާގެ ގޮތުގައި 325 މިލިއަން ރުފިޔާ ލިބިފައިވާއިރު 2019 ވަނަ އަހަރާ އަޅައިބަލާއިރު މިއީ 60 އިންސައްތައަށް ވުރެ ބޮޑު ދަށްވުމެއް ކަމަށް އޭނާ ޓިމް އެވެ.

ޓިމް ވިދާޅުވީ ކޮވިޑުގެ ބަލި މަޑުކަމުގައިވެސް އެ ބޭންކުން އަދާ ކުރީ މުހިންމު ދައުރެއް ކަމަށާއި މި ހައްސާސި ދަނޑިވަޅުގައިވެސް ރައްޔިތުންނަށް އެހީތެރިވުމުގައި އެ ބޭންކުން ދެމި އޮތް ކަމަށެވެ. އެހެން ކަމުން މިދިޔަ އަހަރު ގެއްލުން ލިބުނު ނަމަވެސް ބޭންކަށް ކުރިއެރުން ލިބެމުންދިޔަ ކަމަށް ވިދާޅުވި އެވެ. އެގޮތުން 12،000 އާ ކަސްޓަމަރުން ބޭންކާ އަލަށް ގުޅުނު ކަމަށާއި އަލަށް ލޯނުގެ ގޮތުގައި މިދިޔަ އަހަރު ތިން ބިލިއަން ރުފިޔާ ދޫކޮށްފައިވާ ކަމަށްވެސް އޭނާ ވިދާޅުވި އެވެ.

"ދިވެހިރާއްޖެ ވެގެން ދިޔައީ މި ބަލިމަޑުކަމުގެ އަސަރު އެންމެ ބޮޑަށް ކުރި އެއް ގައުމަށް. ކޮވިޑުގެ ސަބަބުން ދިމާވެދާނެ އިގްތިސޯދީީ ހީނަރުކަން ކުރިން ދެނެގަނެވި ގައުމަށް އެހީ ވުމަށާއި އިގްތިސޯދު ހީނަރުވެނުދިނުމަށް އަޅުގަނޑުމެން ވާނީ ސްޓްރެޓަޖީއެއް އެކުލަވާލައިފަ. މި ދަނޑިވަޅުގައިވެސް މެދުކެނޑުމެއްނެތި ބޭންކިން ހިދުމަތް ކުރިޔަށް ގެންގޮސް ކޮޮވިޑުގެ ސަބަބުން މާލީ ގޮތުން އަސަރުކޮށްފައިވާ ކަސްޓަަމަރުންނަށް އެހީވުމަށް ޝޯޓް ޓާމް ފައިނޭންސިން އެއް ދޫކުރެވި އަދި ބޭންކުން ނަގާފައިވާ ލޯނު އަނބުރާދެއްކުން ފަސްކޮށްދިނުމުގެ އިތުރުން ސަރުކާރުގެ ލޯނު ސްކީމްތައް މެނޭޖްކުރުމުގައި އެހީތެރިވެދެވުނު." އޭނާ ވިދާޅުވި އެވެ.

އެގޮތުން އީއައިބީ ކޮވިޑް-19 ރިކަވަރީ ލޯނާއި ދާދި ފަހުން ފެށުނު އިކޮނޮމިކް ސްޓިމިއުލަސް ލޯނު ދޫކުރުމަށް އެހީތެރި ވެވުނުކަން ޓިމް ވަނީ ފާހަގަ ކުރައްވާފަ އެވެ.

އެކިއެކި މާލީ އިދާރާތަކާ ގުޅިގެން ފަންޑިންގެ ގޮތުގައި ގާތްގަނޑަކަށް 90 މިލިއަން ޑޮލަރު ހޯދިފައިވާ ކަމަށާއި ހަމައެހެންމެ މި ދަނޑިވަޅުގައިވެސް ގައުމަށް އިތުރަށް އެހީތެރިވުމުގެ ގޮތުން އެކަށޭނަ އަދަދަކަށް ބޭރުފައިސާގެ ރިސާވް ދެމެހެއްޓުމަށްޓަކައި މަސައްކަތް ކޮށްފައިވާ ކަމަށްވެސް ޓިމް ވަނީ ވިދާޅުވެފަ އެވެ.