އިންޑިއާގައި ދަހޭޖުގެ މައްސަލަައިގައި އަންހެނުން އަމިއްލައަށް މަރުވުމުގެ މައްސަލަތައް އަންނަނީ އިތުރުވަމުންނެވެ. ދަހޭޖަކީ އިންޑިއާގެ ސަގާފަތުގެ ދަށުން ކައިވެނި ކުރުމަށްޓަައި އަންހެން ކުއްޖާގެ އާއިލާއިން އޭނާގެ ފިރިމީހާގެ އާއިލާއަށް ވެދުން ކުރަން ޖެހޭ އަގުހުރި ހަދިޔާއެކެވެ.

މި ސަގާފަތް އުވާލުމަށްޓަކައި ފާޅުގައި ގޮވާލަމުން އަންނަ އެއް ބޭފުޅަކީ ކެރަލާގެ ގަވަރުނަރު އާރިފް މުހައްމަދު ހާން އެވެ. އޭނާ މި ވަނީ މި އާދަ އުވައިލުމަށް ގޮވާލައްވައި އެއްދުވަހު ''ރޯދަ''އަށްވެސް ހުންނަވައިފައެވެ.

އަންހެނުންނާ ދެކޮޅަށް ނާ އިންސާފަށް އޮންނަ މި އާދަ ކެނޑުވުމަށް ގޮވާލައްވައި ހާން ވަނީ އިއްޔެގެ ހެނދުނުން ފެށިގެން ރޯދައަށް ހުންނެވި ކަމަށް ވިދާޅުވެ ކެއުންބުއިން ދޫކޮށްލައްވައިފައެވެ. ހާންގެ ''ރޯދަ'' ނިންމަވައިލައްވާފައިވަނީ ރޭގެ ވަގުތެއްގައި މަހާތުމާ ގާންދީގެ ހަނދާނީ ބިނާ ކައިރީގައެވެ.

ކެރަލާ ޔުނިވަސިޓީގެ ޗާންސެލަރުކަންވެސް ކުރައްވާ ހާން ވަނީ ދަހޭޖު އަތުލުމަކީ ކުށެއް ކަން ގަބޫލުކުރައްވައި އެފަދަ އަމަލެއްގައި ބައިވެރިވެވަޑައި ނުގަންނަވާނެ ކަމަށް ޔުނިވަސިޓީގެ ދަރިވަރުން ލައްވައި އިގުރާރެއްގައި ސޮއިކުރުވުމަށް ޗާންސެލަރުންގެ ނައިބުންގެ އަރިހުން އެދިވަޑައިގަންނަވާނެ ކަމަށް ވިދާޅުވެފަ އެވެ. އެގޮތުން ޔުނިވަސިޓީ ތަކުން އުނގެނޭ ދަރިވަރުންނާއި އެކުދިން ފުރިހަމަ ކުރި ޑިޕްލޮމާ ނުވަތަ ޑިގްރީ ސެޓިފިކެޓާ ހަވާލު ވުމުގެ ކުރިން މިފަދަ އިގުރާރެއްގައި ސޮއި ކުރުވުމަށް އެދިވަޑައިގަންނަވާނެ ކަމުގައި ހާން ވަނީ ވިދާޅުވެފައެވެ.

މީގެ އިތުރުންވެސް މުޖުތަމައުގައި ކައިވެނީގެ އަގުދު ކުރެވެމުން އަންނަ މާހައުލެއްގައި ދަހޭޖަށް އެދޭކަން ފާހަގަކުރެވިއްޖެ ނަމަ، ފާޅުގައި ދެކޮޅު ހެދުމަށާއި އެފަދަ މައްސަލަތައް ރިޕޯޓު ކުރުމަށްވެސް ހާން ވަނީ ގޮވާލައްވައިފައެވެ.