މީގެ 20 އަހަރު ކުރިން ނެރުނު ''ލީގަލީ ބްލަންޑް'' އަކީ ވަރަށް މަގުބޫލުވެގެން ދިޔަ ހޮލީވުޑު ފިލްމެކެވެ.

ރީސް ވިދަސްޕޫންގެ މި ކާމިޔާބު ފިލުމަކީ އަދިވެސް ގިނަ ބައެއްގެ މެދުގައި މަގުބޫލު ފިލުމަކަށް ވާއިރު، މިއީ ރީސްއަށްވެސް ހާއްސަ ފިލުމެއްކަމުގައި އޭނާ ބުނެއެވެ.

މި ފިލްމު ރިލީސްކުރިތާ 20 އަހަރު ފުރުން ފާހަގަކޮށް ރީސް ވިދަސްޕޫން ވަނީ އޭގެ ހަނދާންތައް އައުކޮށް އިންސްޓަގުރާމު ޕޯސްޓެއް ކޮށްފައެވެ.

2001 ވަނަ އަހަރު ނެރުނު ފިލްމުގައި ރީސް ވަނީ އެލް ވުޑްސްގެ ރޯލު ކުޅެދީފައެވެ. އޭނާ ބުނެފައިވާ ގޮތުގައި އެލްގެ ރޯލު ކުޅެލަން ލިބުމަކީ ހަޔާތުގައިވެސް ލިބުނު ރަނގަޅު ފުރުސަތެއް ކަމަށާއި އެލްގެ ކެރެކްޓާ ބެލުންތެރިންނާ ހަމައަށް ގެނެސްދެވުނު ކަމަށްޓަކައި ފަހުރުވެރިވާ ކަމަށެވެ.

ރީސްގެ އިތުރުން ފިލްމުގައި މުހިއްމު ރޯލެއް ކުޅެދިން ސެލްމާ ބްލެއާވެސް ވަނީ ފިލްމުގެ ހަނދާންތައް އައުކޮށް ޕޯސްޓެއް ކޮށްފައެވެ. ''މިއީ ފޯނުން ވީޑިއޯކުރުން އާއްމު ޒަމާނަށްވުރެ ކުރި'' ފިލްމުގެ ސެޓުގައި އޭނާ ނަގާފައިވާ ފޮޓޯތައް ހިއްސާކުރަމުން ބުނެފައިވެއެވެ.

އޭނާ ބުނެފައިވާ ގޮތުގައި އަމިއްލަ ކުޑަ ކެމެރާއެއް ހިފައިގެން އުޅުނު ނަމަވެސް، ގިނައިން ލިބޭ ހުސްވަގުތު ފޮޓޯ ނެގުމުގެ ބަދަލުގައި ހޭދަވެގެން ދަނީ އެކުގައި މަސައްކަތްކުރި މެޓް ޓްރެވިސްއާ އަނގަތެޅުމާއި، ރީސް މަސައްކަތުގައި އުޅޭތަން ބެލުމުގައެވެ.

ފިލްމުގައި އެކުގައި މަސައްކަތްކުރި ބައިވެރިންނާއެކު ނަގާފައިވާ ފޮޓޯތަކެއް ހިއްސާކުރަމުން އޭނާގެ ޕޯސްޓުގައި އިތުރަށް ބުނެފައިވަނީ އެ ފިލްމުގައި މަސައްކަތްކުރިއިރު އުމުރު ދުވަހަށް ދެމިގެންދާ ރަހުމަތްތެރިން ލިބިގެން ދިޔަ ކަމަށެވެ.