އެމްޓީސީސީއަށް މިދިޔަ އަހަރު ލިބުނު ފައިދާއަށް ވުރެ މިއަހަރު ލިބޭ ފައިދާ އިތުރުވާނެ ކަމުގެ އުންމީދު ބޮޑުކަމަށް އެ ކުންފުނީގެ ސީއީއޯ އާދަމް އާޒިމް ވިދާޅުވެއްޖެ އެވެ.

މިދިޔަ އަހަރު އެމްޓީސީސީއަށް އާމްދަނީގެ ގޮތުގައި 1.38 ބިލިއަން ރުފިޔާ ލިބިފައިވާއިރު، ސާފު ފައިދާގެ ގޮތުގައި 191 މިލިއަން ރުފިޔާ ލިބިފައިވެއެވެ. މިއީ އޭގެ ކުރީ އަހަރަށްވުރެ 134 މިލިއަން ރުފިޔާގެ އިތުރުވުމެކެވެ.

ރާއްޖެ ޓީވީގެ "ފަލަ ސުރުހީ" ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން އާޒިމް ވިދާޅުވީ، މިހާރުވެސް އެމްޓީސީސީގެ 63 މަޝްރޫއެއް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ކުރިއަށް ގެންދަމުން އަންނަ ކަމަށެވެ.

އާޒިމް ވިދާޅުވީ، އެމްޓީސީސީން މަސައްކަތް ކުރަނީ އެކުންފުނީގައި ހުރި 1.2 ބިލިއަން ރުފިޔާގެ އެސެޓް ބޭނުންކޮށްގެން ފުލް ކެޕޭސިޓީގައި ރައްޔިތުންނަށް އެންމެ ފައިދާ ވާނެ ގޮތަށް ވީހާވެސް އަވަހަކަށް މަޝްރޫއުތައް ނިންމުމަށް ކަމަށެވެ. އެގޮތުން މިހާރުވެސް އެކުންފުންޏަށް ތިން ބިލިއަން ރުފިޔާގެ މަޝްރޫއު ސަރުކާރުން ހަވާލުކޮށްފައިވާ ކަމަށް ވިދާޅުވިއެވެ.

ކޮވިޑްގެ ދަތި އުނދަގޫ ދުވަސްވަރުގައިވެސް މިދިޔަ އަހަރު އެކުންފުންޏަށް ރެކޯޑް ފައިދާއެއް ވެފައިވާ ކަން ފާހަގަކުރައްވައި އާޒިމް ވިދާޅުވީ، މިއަހަރު ލިބޭ ފައިދާ މިދިޔަ އަހަރު ލިބުނު ފައިދާއަށްވުރެ އެތައް ގުނައެއް އިތުރުވާނެ ކަމަށް އުންމީދު ކުރައްވާ ކަމަށެވެ.

"އެމްޓީސީސީގެ 40 އަހަރުގެ ހަޔާތުގައި ރެކޯޑް ޕްރޮފިޓެއް ޕެންޑެމިކެއްގެ ތެރޭގައި އަޅުގަނޑުމެން މިވަނީ ދުވަހަކު އެމްޓީސީސީއަށް ނުހޯދޭހާ ފައިދާ ހޯދައިދީފައި. ދުވަހަކު ނުނިންމޭހާ ގިނަ މަޝްރޫއު ނިންމާ ދީފައި. އެހެންކަމުން މިހުރިހާ އެސެޓެއް ބޭނުން ކޮށްގެން ތަރުތީބުން ގެންދިޔައީމާ މިއަހަރު، މިދިޔަ އަހަރުގެ ފައިދާއަށްވުރެ އެތައް ތަނެއް ރަނގަޅު ފައިދާއަކުން އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން ނިންމާނަން." އާޒިމް ވިދާޅުވިއެވެ.

އާޒިމް އިތުރަށް ވިދާޅުވީ، އެމްޓީސީސީގެ ކާމިޔާބީގެ އަސްލަކީ އެކުންފުނީގެ މުވައްޒަފުން ކަމަށާއި އަބަދުވެސް ބަލަނީ މުވައްޒަފުންނަށް ވީހާވެސް ރަނގަޅަކަށް ކަންކަން ކޮށްދެއްވުމަށް ކަމަށެވެ.