ޖިންސީ ކުށުގެ ތުހުމަތުތަކެއްކޮށް، ދައުވާ އުފުލާފައިވާ ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދުގެ ޕާސްޕޯޓް ހިފެހެއްޓުމުގެ އަމުރެއް ކްރިމިނަލް ކޯޓުން ނެރެ ނުދިން މައްސަލައިގައި ހައި ކޯޓުން ނިންމި ނިންމުން މުރާޖައާ ކޮށްދިނުމަށް އެދި ޕްރޮސެކިއުޓާ ޖެނަރަލް (ޕީޖީ) އޮފީހުން ހުށަހަޅައިފިއެވެ.

އަލީ ވަހީދުގެ ޕާސްޕޯޓް ދޫކޮށްލި އަމުރުގެ މުއްދަތު ހަމަވެފައިވާތީ އާއި އަލީ ވަހީދުގެ މައްޗަށް ދައުވާ ކުރާ މައްސަލައަކީ ސީރިއަސް މައްސަލައަކަށްވާތީ، ޝަރީއަތް ހިންގަން އޮތް ގޮތަކީ ރާއްޖެ ގެނައުން ކަމަށް ދެކޭތީ ޕީޖީ އޮފީހުގެ އެދުމަކަށް އޭނާގެ ޕާސްޕޯޓް ހިފަހައްޓައި ދިނުމުގެ އަމުރަކަށް ފުލުހުން އެދުނީ ހުސްވި ޖޫން މަހުގެ 23 ވަނަ ދުވަހުއެވެ.

ނަމަވެސް އަލީ ވަހީދުގެ ޕާސްޕޯޓް ހިފެހެއްޓުމުގެ މަގުސަދެއް އޮތް ކަމަށް ނުދެކޭތީ ފުލުހުން ހުށަހަޅާފައިވާ ގޮތަށް އޭނާގެ ޕާސްޕޯޓް ހިފެހެއްޓުމުގެ އަމުރެއް ނެރެދެވެން ނެތް ކަމަށް ކްރިމިނަލް ކޯޓުން ނިންމިއެވެ. އަދި އެ މައްސަލަ މިދިޔަ ހަފުތާގެ ހޯމަ ދުވަހު ޕީޖީ އޮފީހުން ވަނީ ހައި ކޯޓަށް ހުށަހަޅައިފައެވެ.

ހައިކޯޓުން އެ މައްސަލަ ބޭރުކޮށްލީ ޕީޖީން އެ މައްސަލަ އިސްތިއުނާފު ކުރިއިރު، އިސްތިއުނާފު ރައްދުވާ ފަރާތް ހިމަނާފައި ނުވާތީއެވެ. ކޯޓުން ބުނީ އިސްތިއުނާފު ރައްދުވާ ފަރާތެއް ނެތި މައްސަލަ ބެލޭނެ ގޮތެއް ޖިނާއީ އިޖުރާއަތުގެ ގާނޫނުގައި ނުހިމެނޭ ކަމަށާއި އެހެންކަމުން މި މައްސަލަ ބަލައި ނުގަތުމަށް ރަޖިސްޓްރާ ނިންމާފައިވާ ކަމަށެވެ.

ރަޖިސްޓްރާގެ ނިންމުމާ މެދު ހިތްހަމަނުޖެހޭނަމަ ހަތް ދުވަހުގެ ތެރޭގައި އެ ނިންމުން އަލުން ބަލައިދިނުމަށް އެދި ހައިކޯޓަށް ހުށަހެޅުމުގެ އިހުތިޔާރު މައްސަލަ ހުށަހަޅާ ފަރާތަށް ލިބިގެންވެއެވެ.

ޕީޖީ އޮފީހުން މިރޭ ބުނީ ހައި ކޯޓުގެ ރެޖިސްޓްރާގެ އެ ނިންމުން މުރާޖައާ ކޮށްދިނުމަށް އެދި މިއަދު އެ ކޯޓަށް ހުށަހަޅާފައިވާ ކަމަށެވެ.

މި މައްސަލަ ރިވުއު ކުރުމަށް ހުށަހަޅާފައިވާ އިރު، އަލީ ވަހީދު ރާއްޖޭގައި ނެތި ކްރިމިނަލް ކޯޓުގައި އޮންލައިންކޮށް ޝަރީއަތް ކުރިއަށްގެންދާ މައްސަލަ، އިސްތިއުނާފީ ދައުވާއެއްގެ ގޮތުގައި ކުރިއަށް ގެންދާނެ ޝަރުއީ އަދި ގާނޫނީ ހަމައެއް ނެތް ކަމަށް ހައި ކޯޓުން ވަނީ ކަނޑައަޅައިފައެވެ. އެ މައްސަލަ ޕީޖީ އޮފީހުން ވަނީ ސުޕްރީމް ކޯޓުގައި އިސްތިއުނާފުކޮށްފައެވެ.

ޕީޖީ އޮފީހުން މީގެ ކުރިން ބުނީ، އަލީ ވަހީދު އަޑުއެހުމަށް އޮންލައިންކޮށް ވެންނެވީ ހައިކޮމިޝަނަށް ހާޒިރުވެގެން ކަން ސާފު ނުވާ ކަމަށެވެ. އެހެންކަމުން އަލީ ވަހީދު ޝަރީއަތުގައި ބައިވެރިވަނީ، ރާއްޖޭގެ ޖޫރިސްޑިކްޝަނުން ބޭރުގައި ހުރެގެން ކަމަށް ބެލެވޭތީ ދައުލަތުން އެކަމަށް އިއުތިރާޒު ކުރީ ކަމަށެވެ.

އަލީ ވަހީދު ހައިކޮމިޝަނަށް ހާޒިރުވިކަން ޔަގީން ކޮށްދިނުމަށް އެދި ޕީޖީ އޮފީހުން ވަނީ ފޮރިން މިނިސްޓްރީއަށް ސިޓީއެއް ފޮނުވައިފައެވެ. އެ ސިޓީގެ ޖަވާބުގައި އެ މިނިސްޓްރީން ވަނީ ޝަރީއަތުގެ އަޑުއެހުމުގައި ބައިވެރިވުމަށް އަލީ ވަހީދު ލަންޑަނުގައި ހުންނަ ހައިކޮމިޝަނަށް ހާޒިރުވިކަން ޔަގީންކޮށްދީފައެވެ.

ޕީޖީ އޮފީހުން މީގެ ކުރިން ބުނީ ރާއްޖޭގެ ގާނޫނު ނުހިނގާ ތަނެއްގައި ހުރި މީހެއްގެ މައްޗަށް ވީޑިއޯ ކޮންފަރެންސްކޮށް ޖިނާއީ މައްސަލައެއްގެ ޝަރީއަތުގެ އަޑުއެހުމެއް ބޭއްވި މިއީ ފުރަތަމަ ފަހަރު ކަމަށެވެ. އެއީ ޖިނާއީ އިޖުރާއަތުގެ ގާނޫނު ދަންނަ ކަމަކަށް ނުވާތީ އެގޮތަށް ޝަރީއަތް ކުރިއަށް ނުގެންދެވޭނެ ކަމަށްވެސް ބުންޏެވެ.