އުރީދޫ މޯލްޑިވްސްއިން ސުޕަނެޓް ކަސްޓަމަރުންނަށް ރިވޯޑް ސްކީމެއް ތައާރަފުކޮށްފިއެވެ.

އެއްވަނަ ދަރަޖައިގެ މި ރިވޯޑް ސްކީމް، އުރީދޫ ކްލަބް ޕްރިމިއާ ހިދުމަތް ސުޕަނެޓް ކަސްޓަމަރުންނަށް ލިބޭނެ ކަމަށް އެ ކުންފުނިން ބުންޏެވެ.

އެ ހިދުމަތަކީ އެކުންފުނީގެ އެންމެ އަގުހުރި ކަސްޓަމަރުންނަށް އަމާޒުކޮށް ތައާރަފުކޮށްފައިވާ ވަރަށް ހާއްސަ ރިވޯޑް ސްކީމެކެވެ. ކްލަބް ޕްރީމިއާ ރިވޯޑް ސްކީމުގެ ދަށުން ރާއްޖޭގެ އަދި ބައިނަލްއަގުވާމީ އެކި ބްރޭންޑުތަކުގެ ހާއްސަ ހިދުމަތްތަކާއި ޑިސްކައުންޓުތައް ލިބިގެންދެއެވެ.

ސުޕަނެޓް 40 އެމް އާއި މަތީގެ ޕެކޭޖުތައް ގެންގުޅޭ ކަސްޓަމަރުންނަށް ކްލަބް ޕްރިމިއާގެ ހިދުމަތް ލިބޭ އިރު، ގެންގުޅޭ ޕެކޭޖަކާ ގުޅޭގޮތަށް ސިލްވާ، ގޯލްޑް އަދި ޕްލެޓިނަމް މެމްބަޝިޕްއަށް ބެހިގެންދާނެއެވެ.

އުރީދޫގެ ޗީފް ކޮމާޝަލް އޮފިސަރު ހުސައިން ނިޔާޒު ވިދާޅުވީ، ކްލަބް ޕްރިމިއާ ރިވޯޑް ސްކީމަކީ ކަސްޓަމަރުންގެ އަގުވަޒަން ކުރުމަށްޓަކައި އުރީދޫގެ ހިދުމަތްތަކުގެ އިތުރުން ރާއްޖެއާއި ރާއްޖެއިން ބޭރުގައި އެކި ހިދުމަތްތައް ފޯރުކޮށްދޭ މަގުބޫލު ބްރޭންޑުތަކުން ހާއްސަ ހިދުމަތްތަކާއި ޑިސްކައުންޓުތައް ލިބޭ ގޮތަށް ފަރުމާކުރެވިފައިވާ ވަރަށް ހާއްސަ ޕްރޮގްރާމެއް ކަމަށެވެ.

"މިއަދު ސުޕަނެޓް ކަސްޓަމަރުންނަށް ވެސް މި ހިދުމަތަށް އަޅުގަނޑުމެން މި މަރުހަބާ ކިޔަނީ ނުހަނު އުފަލާއެކު، ކުރިއަށް އޮތްތަނުގައިވެސް އަޅުގަނޑުމެންގެ މިފަދަ ހިދުމަތްތައް ފުޅާކޮށް އިތުރު ފުރިހަމަކަމާއި ގިނަ ފައިދާތަކެއް ހޯދައިދިނުމުގައި ދެމިތިބޭނެކަމުގެ ޔަގީންކަން އަރުވަމުން،" ނިޔާޒު ވިދާޅުވިއެވެ.

ކްލަބު ޕްރިމިއާ ހިދުމަތް އުރީދޫއިން ތައާރަފުކުރީއްސުރެ، މި ހިދުމަތް ފުޅާކޮށް ގިނަ ފައިދާތަކެއް ކަސްޓަމަރުންނަށް ފޯރުކޮށްދިނުމަށް އަބަދުވެސް ގިނަ މަސައްކަތްތަކެއް ކުރަމުންދެއެވެ. އެގޮތުން ފަހުގެ އާ ބްރޭންޑުތަކާ ޕާޓްނަރުވެ، ހާއްސަ ޑިސްކައުންޓުތައް ފޯރުކޮށްދެއެވެ. ރާއްޖޭގެ ބްރޭންޑުތަކަށް ބަލާއިރު ބްރޭންޑްލޫމް، ކޮފީ ލެބް މޯލްޑިވްސް، ސޮނީ ލައިފްސްޓައިލް، ކައިލާންގެ އިތުރުން އެހެނިހެން މަގުބޫލު ބްރޭންޑުތަކުން %20 އާ ހަމައަށް ޑިސްކައުންޓް ލިބެއެވެ.

މީގެ އިތުރުން ކްލަބު ޕްރިމިއާ މެމްބަރުންނަށް ހާއްސަކޮށްފައިވާ ކްލަބު ޕްރިމިއާ ލައުންޖުން ހިތްގައިމު މާހައުލެއްގައި ކަސްޓަމަރުންނަށް ބޭނުންވާ ހިދުމަތް ފަސޭހަކަމާއެކު ލިބޭނެއެވެ.

ގޯލްޑް އަދި ޕްލެޓިނަމް މެމްބަރުންނަށް އެއާޕޯޓް ލައުންޖް އެކްސެސް ފޯރުކޮށްދޭ ދުނިޔޭގެ އެންމެ ވަރުގަދަ އެއް ބްރޭންޑް ކަމުގައިވާ ޕްރައޯރިޓީ ޕާސްގެ މެމްބަރަކަށް ވުމުގެ ފުރުސަތުވެސް ހުޅުވިގެންދާނެއެވެ. ޕްރައޯރިޓީ ޕާސް މެމްބާޝިޕްއާއެކު އިކޮނޮމީ ކްލާސް ނުވަތަ ޕްރީމިއަމް އިކޮނޮމީ ކްލާސް ޓިކެޓަކާއެކުވެސް މި ލައުންޖުތަކުން ހިދުމަތް ހޯދޭނެއެވެ.