ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް އެހީތެރިވުމުގެ ގޮތުން ސަރުކާރުން އުފެއްދި އެސްއެމްއީ ޑިވެލޮޕްމަންޓް އެންޑް ފައިނޭންސް ކޯޕަރޭޝަން (އެސްޑީއެފްސީ) އިން ވައްކަންކުރުމަށް ބަޔަކު މަސައްކަތް ކުރި ނަމަވެސް އެއްވެސް ފައިސާއެއް އަދި ލިޔެކިޔުމެއް ވެސް ގެންދެވިފައި ނުވާ ކަމަށް ބުނެފި އެވެ.

އެސްޑީއެފްސީން ބުނީ، ރޭގެ ވަގުތެއްގައި އެ ކޯޕަރޭޝަނުގެ ހެޑްއޮފީހަށް ވަދެ ވައްކަން ކުރުމަށް ބަޔަކު މަސައްކަތް ކޮށްފައިވާ ކަމަށާއި އެ ކަމާގުޅިގެން އެ ކޯޕަރޭޝަނުގެ ބައެއް ހަރުމުދަލަށް ގެއްލުންވެފައިވީ ނަމަވެސް އެއްވެސް ފައިސާއަކުން ނުވަތަ ލޯނުއެޕްލިކޭޝަނާ ގުޅިގެން އެއްވެސް ފަރާތަކުން ހުށަހަޅާފައިވާ ޒާތީ މައުލޫމާތާއި ލިޔެކިޔުންތަކުން ވައްކަންކުރެވިފައި ނުވާ ކަމުށެވެ.

އެ މައްސަލަ ފުލުހުން ބަލަމުން އަންނައިރު، ލޯނު އެޕްލިކޭޝަނާއި ގުޅިގެން އާންމު ފަރާތްތަކުން އެ ކޯޕަރޭޝަނާ ހިއްސާ ކޮށްފައިވާ މައުލޫމާތުތަކާއި ލިޔެކިޔުންތައް ރައްކާތެރި ގޮތުގައި ބަލަހައްޓަމުންގެންދާނެ ކަމުގެ ޔަގީންކަން އެސްޑީސީން ވަނީ ދީފަ އެވެ. އަދި އެ މައްސަލައާ ގުޅޭ އިތުރު ތަފްސީލު ތަހުގީގު ކުރެވެމުން އަންނަ ވަރަކަށް ހިއްސާކުރާނެ ކަމަށް ވަނީ ބުނެފަ އެވެ.

ކޮވިޑް-19 ގެ ހާލަތުގައި ރައްޔިތުންނަށް ކުރިމަތިވެފައިވާ ދަތިތަކަށް ލުޔެއް ހޯދައިދިނުމަށް އެސްޑީއެފްސީން ވަނީ ގިނަ ލޯނުތަކެއް ދޫކޮށްފައެވެ. އެގޮތުން "ކޮވިޑް-19 ވިޔަފާރި އެހީލޯނު" ގެ ދަށުން ޖުމުލަ 2205 ފަރާތަކަށް 381,086,730 ރުފިޔާގެ ލޯނު ދޫކޮށްފައިވާ ކަމަށް އެ ކުންފުނިން ވަނީ ބުނެފަ އެވެ. އޭގެ ތެރޭގައި ހިމެނެނީ ވިޔަފާރިތަކަށް ދޫކުރި 1520 ލޯނު އަދި އަމިއްލަ މަސައްކަތްކުރާ ވިޔަފާރިތަކަށް ދޫކުރި 685 ލޯނެވެ.