ޝިހާބުގެ މަރުގެ މައްސަލާގައި ދައުލަތުން ދައުވާކުރާ އަލީ މަސްއޫދު ސައީދާއި މުހައްމަދު ޝިފްރާޒުގެ ދިފާއީ ވަކީލުންނަކީ، އެ މައްސަލައާ މަސްލަހަތު ފުށުއަރާ ދެ ވަކީލުންކަމަށް ބުނެ، އެ ދެ ވަކީލުންނަށް ދއުލަތުން އިއުތިރާޒު ކުރުމުން އެކަން އަންގައިދޭ ލިޔުންތައް ތިން ދުވަސްތެރޭގައި ހައިކޯޓަށް ހުށަހެޅުމަށް އެ ކޯޓުން ދައުލަތަަށް އަންގައިފިއެވެ.

ގއ. މާމެންދުއަށް ގޮސް އުޅެނިކޮށް ގުރޫޕަކުން ހަމަލާދީ ގއ. ވިލިނގިލީ، ކަނޑުއޮޅި، މުހައްމަދު ޝިހާބު މަރައިލި ހާދިސާއަކީ މީގެ 12 އަހަރު ކުރިން 14 ޖުލައި 2006 ގައި ހިނގާފައިވާ ހާދިސާއެކެވެ.

އެ ހާދިސާއާ ގުޅިގެން އޭރުގެ ޖިނާއީ ކޯޓަށް މައްސަލަ ހުށަހެޅީ އެ އަހަރުގެ ޑިސެމްބަރު މަހުގެ ހަ ވަނަ ދުވަހުއެވެ.

އެ މައްސަލައިގައި މާމެންދޫ، ތަރިވިދާގޭ، މުހައްމަދު ގާސިމާއި ގުލިސްތާނުގޭ، އަލީ މަސްއޫދު ސައީދާއި އެރަށު ޖަވާހިރުވާދީ ފަރިޔާޝް އަހުމަދާއި ޕިންކް ލައިޓް، މުހައްމަދު ޝިފްރާޒްގެ މައްޗަށް ކުށް ސާބިތުވެ އެ މީހުން މެރުމަށް 29 ޖުލައި 2008ގައި ކުރިމިނަލް ކޯޓުން ހުކުމްކުރިއެވެ.

ނަަމަވެސް އެ މައްސަލަ ދައުވާ ލިބޭ ފަރާތްތަކުން ހައިކޯޓުގައި އިސްތިއުނާފު ކުރުމުން ކުރިމިނަލް ކޯޓުން އިއްވި މަރުގެ ހުކުމް 2019 ވަނަ އަހަރު ހައިކޯޓުން ބާތިލު ކުރިއެވެ. ނަމަވެސް އޭގެ ތެރެއިން އަލީ މަސްއޫދު ސައީދާއި މުހައްމަދު ޝިފްރާޒުގެ މައްސަލަ އަލުން ބެލުމަށް ހައިކޯޓުން ކުރިމިނަލް ކޯޓަށް އަމުރު ކުރިއެވެ.

އެ މައްސަލައިގައި ހައިކޯޓުގައި މިއަދު ބޭއްވި އަޑުއެހުމަކީ، ހައިކޯޓުގެ އެންގުމަށް އެ މައްސަލަ ބަލައި އެ ދެމީހުންގެ މައްޗަށް ކުށް ސާބިތު ނުވާކަމަށް ކުރިމިނަލް ކޯޓުން ކުރި ހުކުމް ދައުލަތުގެ ފަރާތުން އިސްތިއުނާފު ކުރުމުން ބޭއްވި އަޑުއެހުމެކެވެ.

މިއަދުގެ އަޑުއެހުމުގައި ހައިކޯޓުގެ ތިން ފަޑިޔާރުންގެ ބެންޗުގެ ރިޔާސަތު ބެލެހެއްޓެވި ފަނޑިޔާރު ހުސެއިން މަޒީދު، އިސްތިއުނާފުގެ ނުކުތާތައް ޝަރީއަތަށް ހުށަހެޅުމަށް ދައުލަތުގެ ވަކީލަށް އެންގެވުމުން، ޕަބްލިކް ޕްރޮސިކިއުޓާ ފާތިމަތު ޝުވެއިނާ ވިދާޅުވީ، އިސްތިއުނާފީ ނުކުތާތައް ހުށަހެޅުމުގެ ކުރިން ދައުވާ ލިބޭ ފަރާތުގެ ދިފާއީ ވަކީލުން އައްޔަން ކޮށްފައިވާ ގޮތާ މެދު ނުކުތާއެއް ފާހަގަކުރަން ބޭނުންވާ ކަމަށެވެ.

އެ މައްސަލައިގެ ދައުވާ ލިބޭ ދެ ފަރާތުން ކުރެ މުހައްމަދު ޝިފްރާޒުގެ ދިފާއީ ވަކީލުންގެ ގޮތުގައި ތިއްބެވީ، ކުރީގެ ޑިޕިއުޓީ ޕްރޮސިކިއުޓާ ޖެނެރަލް މަރިޔަމް ނިހާޔަތާއި ކުރީގެ އެސިސްޓެންޓް ޕްރޮސިކިއުޓާ ޖެނެރަލް އައިޝަތު ފަޒްނާ އަހުމަދެވެ.

އެ ދެބޭފުޅުންނަށް ނިސްބަތް ކުރައްވައި ވާހަކަ ކުރިއަށް ގެންދަވަމުން ޝުވެއިނާ ވިދާޅުވީ، ނިހާޔަތާއި ފަޒުނާ އަކީ މި މަރުގެ މައްސަލަ އެޓާނީ ޖެނެރަލްގެ އޮފީހާއި، ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހުގައި ކުރިއަށް ދިޔަ މަރުހަލާތަކުގައި، އެ މަގާމުތައް ފުރުއްވަމުން ގެންދެވި ދެ ބޭފުޅުން ކަމަށްވާތީ ޝިފްރާޒްގެ ވަކީލުންގެ ގޮތުގައި އެ ދެބޭފުޅުން ތަމްސީލު ކުރަން ދައުލަތުން އިއުތިރާޒު ކުރާ ކަމަށެވެ.

"ސަބަބަކީ މި ދެބޭފުޅުންނަކީ މި މައްސަލައިގައި ދައުވާކުރާ މަރުހަލާ އަދި މި މައްސަލައާ ބެހޭ އެކި ބައްދަލުވުންތަކުގައި ބައިވެރިވެ، މި މައްސަލައާ ގުޅިގެން ހައިކޯޓަށް ހުށަހަޅާފައިވާ އިސްތިއުނާފު ފޯމުތަކުގައި ރިމާކްސް ވެސް ދެއްވާފައިވޭ. މި މައްސަލައިގައި މަރިޔަމް ނިހާޔަތާއި ފަޒްނާ މި ދެބޭފުޅުންނަކީ، އެކި މަރުހަޅާތަކުގައި މައްސަލަ ދައުރުވަމުން ދިޔައިރު، މައްސަލައިގެ އެކި މަސައްކަތްތަކުގައި ބައިވެރިވެ މަޝްޣޫލް ވެފައިވާ ބޭފުޅުންކަން ލިޔެ ކިއުންތަކުން ފެންނަން އެބައޮތް އެހެން ކަމުން މި މައްސަލައިގައި މި ދެބޭފުޅުން ގާނީ ވަކީލުންގެ ގޮތަށް އއްޔަންވެ ތަމްސީލު ކުރުމަކީ އިންސާފަށް ހުރަސްއެޅޭނެ ކަމެއްކަން ފާހަގަ ކުރަން،" ޝުވެއިނާ ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ އެހެންކަމުން މި މައްސަލައިގައި އެ ދެބޭފުޅުން ބައިވެރިވުމަކީ ގާނޫނީ ފަންނުގެ ގާނޫނުގެ 39 މާއްދާ އާއި 41 އާއި 42 ވަނަ މާއްދާއާ ހިލާފު ކަމެއް ކަމަށެވެ. އެހެންކަމުން މައްސަލައިގެ އިސްތިއުނާފީ ނުކުތާތައް ހުށަހެޅުމުގެ ކުރިން އެކަމަށް ގޮތެއް ކަނޑައަޅައި ދެއްވުމަށް އެދޭ ކަމަށްވެސް ވިދާޅުވިއެވެ.

ދައުލަތުގެ ފަރާތުން ޕަބްލިކް ޕްރޮސިކިއުޓާ ޝުވެއިނާ ކުރެއްވި ތުހުމަތުތަކާ ގުޅޭގޮތުން އެއްޗެއް ވިދާޅުވުމުން ނިހާޔަތާއި ފަޒުނާއަށް، ފަނޑިޔާރު ހުސެއިން މަޒީދު ފުރުސަތު ދެއްވުމުން ނިހާޔަތު ވިދާޅުވީ، ދައުލަތުން ފާހަގަކުރި ގޮތަށް ޕީޖީ އޮފީހުން އިސްތިއުފާ ދެއްވި އިރު އޭނާ ހުންނެވީ ޑެޕިއުޓީ ޕީޖީގެ މަގާމުގައި ކަމަށެވެ. ނަމަވެސް ގާނޫނުން ފާހަގަކުރި މާއްދާތަކާ ހިލާފަށް ގަސްތުގައި ކަމެއް ކޮށްފައި ނުވާނެ ކަމަށްވެސް ވިދާޅުވިއެވެ.

ޕީޖީ އޮފީހުގައި ވަކި މަގާމެއް އަދާކޮށްފައިވުމަކީ ވަކި މުއްދަތެއްގެ ތެރޭގައި ބެލި މައްސަލައެއްގައި، އަމިއްލަ ހައިސިއްޔަތުން ބައިވެރިވުމަށް އެޅޭ ހުރަހެއްކަމަށް ނުދެކޭ ކަމަށް އޭނާ ވިދާޅުވިއެވެ.

އެ މައްސަލައިގެ ކަންކަމުގައި، އަމަލީގޮތުން ބައިވެރިވިކަމުގެ ހެކި ދައުލަތުން ދައްކައިފިނަމަ އެ ހިސާބުން ފެއަށް ޖެހިވަޑައިގަންނަވާނެ ކަމަށްވެސް ވިދާޅުވިއެވެ. ނަމަވެސް ހަމައެކަނި ޕީޖީ އޮފީހުގައި އުޅުމަކީ، އަދި ބައްދަލުވުންތަކުގައި ބައިވެރިވެފައިވާ ކަމަށް ބުނުމަކީ ތަނާޒުލުވާންޖެހޭ ކަމެއް ކަމަށް ދެކެވަޑައިނުގަންނަވާ ކަމަށްވެސް ވިދާޅުވިއެވެ.

ފަޒުނާ ވެސް ވިދާޅުވީ ދައުލަތުން ހެކި ދައްކަވައިފިނަމަ ތަނާޒުލުވާނެ ކަމަށާއި، ގަސްތުގައި ގާނޫނީ މާއްދާތަކާ ހިލާފުވެފައި ނުވާނެ ކަމަށެވެ. އަދި ޕީޖީ އޮފީހުގެ ބައްދަލުވުންތަކުގައި އޭރު ބައިވެރިވި ނަމަވެސް އެ މައްސަލައިގައި މަސައްކަތްކުރިކަން ހަނދާން ނެތް ކަމަށްވެސް ވިދާޅުވިއެވެ.

އެހެންކަމުން އެ ދެ ވަކީލުންގެ މައްޗަށް ދައުލަތުން ކުރާ ތުހުމަތުތައް ތަފްސީލުކޮށްދިނުމަށް ފަނޑިޔާރު އެންގެވިއެވެ.

އެކަމާ ގުޅިގެން ސީނިއާ ޕަބްލިކް ޕްރޮސިކިއުޓާ އަހުމަދު ތައުފީގު ވިދާޅުވީ މި މައްސަލައިގައި މީގެ ކުރިން ކުރިމިނަލް ކޯޓުން އިއްވި ހުކުމް މައްސަލަ ރައްދުވާ ފަރާތުން ހައިކޯޓުގައި އިސްތިއުނާފް ކޮށްގެން ކުރިއަށް ދިޔައިރު، ދައުލަތުން ތައްޔާރުކޮށްފައިވާ ޖަވާބު ފޯމުތަކުގައި ނިހާޔަތު ސޮއިކުރައްވާފައިވާ ކަމަށާއި އެ ފޯމުތައް ހައިކޯޓުގައި ހުންނާނެ ކަމަށެވެ.

ދައުލަތަށް އެކަން ފާހަގަވީ ކޮންއިރަކުތޯ ފަނޑިޔާރު ސުވާލު ކުރެއްވުމުން ތައުފީގު ވިދާޅުވީ، ޝިފްރާޒުގެ ދިފާއީ ވަކީލުންނަށް ނިހާޔަތާއި ފަޒްނާ އައްޔަން ކުރިކަން އެނގުނީ މައްސަލައިގެ ޖަވާބު ފޯމުތައް ލިބުމުން އިއްޔެގެ ވަގުތެއްގައި ކަމަށެވެ.

އެކަން ފާހަގަވުމުން ޝަރީއަތް ފެށުމުގެ ކުރިން ހުށަނޭޅީ ކީއްވެތޯ، ފަނޑިޔާރު އެއްސެވުމުން ތައުފީގު ވިދާޅުވީ، އެކަން އެގޮތަށް ހުށަނޭޅީ ޕީޖީ އޮފީހުގެ އިސް ފަރާތްތަކާ ވާހަކަދެއްކުމަށްފަހު ޝަރީއަތުގެ ތެރެއިން ފުރަތަމަ ކަމަކަށް އެކަން ހުށަހަޅައި ސަމާލުކަމަށް ގެންނެވުމަށް ކަމަށެވެ.

އެ މައްސަަލައިގައި ދެފަރާތުން ދެއްކެވި ވާހަކަ އަޑު އެއްސެވުމަށްފަހު، ފަނޑިޔާރު ހުސެއިން މަޒީދު ވިދާޅުވީ މައްސަލަ ކުރިއަށް ގެންދެވޭނީ، ދެ ވަކީލުންނާ ބެހޭގޮތުން ދައުލަތުން ހުށަހެޅި ނުކުތާތަކަށް ގޮތެއް ނިންމައިގެން ކަމަށެވެ.

އެހެންކަމުން އެކަމާ ބެހޭ ލިޔުންތައް ރަސްމީ ބަންދު ނޫން ތިން ދުވަހުގެ ތެރޭގައި ކޯޓަށް ހުށަހެޅުމަށް ދައުލަތުގެ ވަކީލުންނަށް ފަނޑިޔާރު އެންގެވިއެވެ.

މިއަދުގެ ޝަރީއަތުގެ މަޖިލިސް ނިންމަވައިލައްވަމުން ފަނޑިޔާރު ވިދާޅުވީ، މައްސަލަ ކުރިއަށް ގެންދާނީ އެގޮތަށް ހުށަހެޅޭ ހުށަހެޅުންތައް މައްސަލަ ރައްދުވާ ފަރާތްތަކާ ހިއްސާ ކުރެެއްވުމަށްފަހު އެކަމާ ބެހޭގޮތުން ގޮތެއް ނިންމުމަށްފަހުގައި ކަމަށެވެ.