އެމްއެމްޕީއާރުސީގެ ހިޔާނާތުގެ މައްސަލައާ ގުޅިގެން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ދައުވާ ކޮށްދިނުމަށް އެދި ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހަށް ފޮނުވާފައިވާ ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފުގެ މައްސަލައަށް ގޮތެއް ނިންމޭނެ ދުވަހެއް ބުނަން ނޭންގޭ ކަމަށް ޕީޖީ އޮފީހުން ބުނެފި އެވެ.

އެ މައްސަލައިގައި މަހްލޫފުގެ މައްޗަށް ދައުވާ ކޮށްދިނުމަށް އެދި އެންމެ ފުރަތަމަ ޕީޖީ އޮފީހަށް ފޮނުވާފައިވަނީ މިދިޔަ މަހުގެ ނުވަ ވަނަ ދުވަހު އެވެ. ހަފުތާއެއްގެ ތެރޭގައި ގޮތެއް ނިންމާނެ ކަމަށް އޭރު ޕީޖީ އޮފީހުން ބުނި ނަމަވެސް ބައެއް މައުލޫމާތުތައް އޭސީސީން ހޯދަން ޖެހޭތީ ހަފުތާއެއްގެ ތެރޭގައި ގޮތެއް ނުނިންމުނެވެ. ޕީޖީން ހޯދަން ބޭނުންވި މައުލޫމާތުތައް އޭސީސީން ފޮނުވާފައިވަނީ މިދިޔަ މަހުގެ 27 ވަނަ ދުވަހު އެވެ.

އެ ފަހުން މިއަދަށް މަހެއްގެ މެދަށް އައި އިރު ވެސް މަހްލޫފްގެ މައްޗަށް ދައުވާ ކުރުމާ މެދު ޕީޖީން އަދި ގޮތެއް ނުނިންމަ އެވެ. އެކަމާ ގުޅޭ ގޮތުން ޕީޖީ އޮފީހުގެ މީޑިއާ އޮފިޝަލު އަދި ޕަބްލިކް ޕްރޮސިކިއުޓަރު އަހްމަދު ޝަފީއު 'ވަން' އަށް މިއަދު ވިދާޅުވީ، ޕީޖީ އޮފީހުން އެންމެ ފުރަތަމަ އުންމީދު ކޮށްގެން ތިބީ ހަފުތާއެއްގެ ތެރޭގައި އެ މައްސަލައާ ގުޅޭ ގޮތުން ގޮތެއް ނިންމުމަށް ކަމަށާއި ނަމަވެސް މައްސަލަ ގޮތެއް ނުނިމި މައްސަލަ ދިގުލައިގެން ދަނީ ދިރާސާ ކުރުމަށް އިތުރު ވަގުތު ބޭނުންވާތީ ކަމަށެވެ.

"އަޅުގަނޑުމެން އެކަންޏެއް ނޫން މި މައްސަލަ ދިރާސާ ކުރަމުން މިދަނީ. ދައުލަތުގެ އެހެން މުއައްސަސާތަކާ ވެސް ގުޅިގެން ކުރިއަށް މިދަނީ. އެހެންވެ އަދި އެހެން ސީދާ ދަންނަވާކަށް ނޭންގެ ގޮތެއް ނިންމޭނެ ދުވަހެއް،" ޝަފީއު ވިދާޅުވި އެވެ.

މަހުލޫފުގެ މައްސަލަ ޕީޖީއަށް ފޮނުވުމަށްފަހު އޭސީސީން ނެރުނު ބަޔާނެއްގައި ބުނީ، ރައްޔިތުންގެ މަޖިލީހުގެ މެންބަރެއްގެ ގޮތުގައި ހުރެ ރައްޔިތުންގެ މަޖިލީހުގެ ތަޅުމުގައި އޭރު ބަހުސްކޮށް ވޯޓަށް އެހި ސްޕެޝަލް އިކޮނޮމިކް ޒޯން (އެސްއީޒެޑް) ބިލަށް ވޯޓުދިނުމާއި ޕީޕީއެމްގައި ދެމި ހުރުމުގެ މުގާބިލުގައި 33,000 އެމެރިކާ ޑޮލަރު މަހުލޫފަށް ލިބިފައިވާކަން ތަހުގީގަށް އެނގިފައިވާ ކަމަށެވެ.

"ރައްޔިތުންގެ މަޖިލީހުގައި އަހުމަދު މަހުލޫފު ވޯޓު ދީފައި ވަނީ ސަރުކާރާ އެއްކޮޅަށް ބިލު ފާސްކުރުމަށް ކަމާއި އެސްއޯއެފްގެ ޗެކަކުން އަހުމަދު މަހުލޫފުގެ އެކައުންޓަށް 33,000.00 އެމެރިކާ ޑޮލަރު ޖަމާކޮށްފައިވާކަން ތަހުގީގުން އެނގެން އޮތް އިރު، އެ ވޯޓަށްފަހު އަހުމަދު އަދީބު އަބްދުލްޣަފޫރާއި އަހުމަދު މަހުލޫފާ ދެމެދު ބަދަލުކޮށްފައިވާ މެސެޖުތަކާއި އެސްއޯއެފްގެ ޗެކު އަހުމަދު މަހުލޫފުގެ އެކައުންޓަށް ޖަމާކޮށްފައިވާ ތާރީހުތަކާއި ގުޅުވުމުން، އަހުމަދު މަހުލޫފުގެ އެކައުންޓަށް ޖަމާކޮށްފައިވާ އިސްވެ ދެންނެވުނު ފައިސާއަކީ، އަހުމަދު އަދީބު، އަހުމަދު މަހުލޫފަށް ދީފައިވާ ރިޝްވަތުގެ ފައިސާކަން ތަހުގީގުން އެނގެއެވެ،" އޭސީސީގެ ބަޔާނުގައިވެއެވެ.

އޭސީސީން އިތުރަށް ބުނީ، އެ ފައިސާއަކީ ޑޮލަރު ގަނެވިއްކުމަށް އެސްއޯއެފްއާ އެކު ކޮށްފައިވާ މުއާމަލާތެއް ކަމަށް ވިދާޅުވެ މަހުލޫފުގެ ފަރާތުން އޭސީސީއަށް 'ޕޭމަންޓް ރިސީވްޑް' ލިޔުމެއް ހުށަހެޅި ނަމަވެސް އެ ފައިސާއަކީ ޑޮލަރު ގަތުމަށް ދީފައިވާ ފައިސާކަން ތަހުގީގަށް އެނގެން ނެތް ކަމަށެވެ.

މަހްލޫފްގެ މައްޗަށް ކުރާ ތުހުމަތުތަކަށް އޭނާ ވަނީ އިންކާރުކޮށްފަ އެވެ. އަދި އެމްއެމްޕީއާރުސީގެ ހިޔާތާނުގެ ފައިސާގައި އޭނާ ޖެހިފައި ނުވާނެ ކަމަށް ތަކުރާރުކޮށް އަންނަނީ ވިދާޅުވަމުންނެވެ.

މި މައްސަލައާ މެދު ޕީޖީން ވަކިގޮތެއް ނިންމަންދެން ރައީސޫލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވަނީ އޭނާ ސަސްޕެންޑުކޮށްފައެވެ.