ރާއްޖޭގެ ގައުމީ އަންހެން ފުޓްބޯޅަ ޓީމުން އޭއެފްސީ ވިމެންސް އޭޝިއަން ކަޕް ކޮލިފައިންގައި ކުޅެން ތައްޔާރުވުމުގެ ގޮތުން ޕްރެކްޓިސްތައް ފަށައިފިއެވެ.

ވިމެންސް އޭޝިއަން ކަޕް ކޮލިފިކޭޝަންގައި މިފަހަރު ރާއްޖެ ކުޅޭނީ 11 އަހަރުގެ މެދުކެނޑުމަކަށްފަހުއެވެ. އެފްއޭއެމްއިން ބުނެފައި ވަނީ މިހާރު ތަމްރީނުތައް ކުރިއަށް ދަނީ އެފްއޭއެމްގެ ޓެކްނިކަލް ޑިރެކްޓަރު އަހުމަދު ޝަރީފް (ޑުންގާ)ގެ ބެލުމުގެ ދަށުން ކަމަށާއި ވަރަށް އަވަހަށް ޓީމާ ހަވާލުވާނެ ކޯޗެއްގެ ކަންކަން ނިމިގެންދާނެ ކަމަށެވެ.

ފާއިތުވި އަށް ވަރަކަށް އަހަރަށް ބަލާއިރު ގައުމީ އަންހެން ޓީމުގައި ގިނަ ކޯޗުންތަކެއް މަސައްކަތްކޮށް ކުރިއެރުންތަކެއްވެސް ހޯދާފައިވެއެވެ. އެ ގޮތުން ޖަޕާނުގެ ކޯޗު ނައޯކޯ ކަވަމޯޓޯ އާއި ދިވެހި ކޯޗުން ކަމަށްވާ މުހައްމަދު އާތިފް (އާތީ) އާއި އިބްރާހީމް ހަލީމް (ޖަޑާ) އަދި އަހުމަދު ނާޝިދު (ނާދު) ވަނީ އަންހެން ފުޓުބޯޅައިގައި ރާއްޖެއަށް ރަނގަޅު ކުރިއެރުންތަކެއް ހޯދައިދީފައެވެ.

ރާއްޖޭން ވަނީ މީގެ ކުރިން 2006 އާއި 2010 ވަނަ އަހަރު ވިމެންސް އޭޝިއަން ކަޕް ކޮލިފައިންގައި ކުޅެފައެވެ. ރާއްޖޭން އެންމެ ފަހުން 2014 އާއި 2018 ވަނަ އަހަރުގެ މުބާރާތުގެ ކޮލިފައިން ބުރުގައި ކުޅެފައެއް ނުވެއެވެ. ދެން ރާއްޖޭން ނުކުޅެނީ 2008 ވަނަ އަހަރުގެ ކޮލިފައިންގައެވެ.

އަންނަ އަހަރު އިންޑިއާގައި ބާއްވާ މުބާރާތުގެ ކޮލިފައިން މެޗުތަކުގައި ރާއްޖެ ވާދަކުރަން ޖެހުނީ ކޮލިފައިން ގްރޫޕް ބީގައެވެ. އަންނަ ސެޕްޓެމްބަރު މަހު އެ ކޮލިފައިން ގްރޫޕުގެ މެޗުތައް ކުޅޭނީ ތަޖިކިސްތާނުގައެވެ. އެ ގްރޫޕުގައި ރާއްޖެ އާއި ތަޖިކިސްތާނުުގެ އިތުރުން ދެން އޮތީ ވިއެޓްނާމް އާއި އަފްގާނިސްތާނެވެ.

އަންހެން ޓީމުން ވަނީ އެންމެ ފަހުން 2019 ވަނަ އަހަރު ބޭއްވި ސައުތު އޭޝިއަން ގޭމްސްގެ އަންހެނުންގެ ފުޓްބޯޅަ އިވެންޓުން ލޯ މެޑަލް ހޯދައިފައެވެ. އަދި އޭގެ ފަހުން ސިންގަޕޫރުގެ މުބާރާތެއްގައި ވެސް ތިން ވަނަ ހޯދިއެވެ.