އޮޑިޓާ ޖެނެރަލް ކަމުގެ މަގާމަށް ގަލޮޅު އައިފަ، ހުސައިން ނިޔާޒީ މިއަދު އައްޔަން ކުރައްވައި، އޭނާއަށް މަގާމުގެ ފަތްކޮޅު ދެއްވައިފިއެވެ.
މިކަމަށް ޓަކައި މިއަދު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ރަސްމިއްޔާތުގައި، ހުސެއިން ނިޔާޒީއަށް މަގާމުގެ ފަތްކޮޅު ހަވާލުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިިމް މުހައްމަދު ސޯލިހެވެ.
މަގާމުގެ ފަތްކޮޅު ދެއްވުމުގެ ކުރިން ސުޕްރީމް ކޯޓުގެ ފަނޑިޔާރު މަހާޒު އަލީ ޒާހިރުގެ ކުރިފުޅުމަތީގައި، ހުސެއިިން ނިޔާޒީ އޮޑިޓާ ޖެނެރަލް ކަމުގެ ހުވާ، ކުރައްވައި ހުވައިގެ އިގުރާރުގައި ސޮއިކުރެއްވިއެވެ.
ހުސައިން ނިޔާޒީއަކީ 2008 ވަނަ އަހަރު އިނގިރޭސިވިލާތުގެ ދި ޗާޓާޑް އިންސްޓިޓިއުޓް އޮފް މެނޭޖްމަންޓް އެކައުންޓަންޓްސް އިން އެސޯސިއޭޓް މެންބަރުކަން ހާސިލުކުރައްވާފައިވާ ބޭފުޅެކެވެ. އަދި، މީގެކުރިން ހުސައިން ނިޔާޒީ ވަނީ އިންޑިޔާގެ ބެންގަލޫރު ޔުނިވަސިޓީން ބެޗެލާ އޮފް ކޮމާސް ހާސިލުކުރައްވާފައެވެ.
ހުސައިން ނިޔާޒީ އަކީ އޮޑިޓާ ޖެނެރަލް އޮފީހުގެ ތަފާތު އެކި މަގާމުތައް ފުރުއްވާފައިވާ ބޭފުޅެކެވެ.
ނިޔާޒީ ފުރުއްވި މަގާމުތަކުގެ ތެރޭގައި އެސިސްޓަންޓް އޮޑިޓާ ޖެނެރަލްގެ މަގާމާއި، އޮޑިޓް މެނޭޖާކަމުގެ މަގާމާއި އެސިސްޓަންޓް އޮޑިޓާ ކަމުގެ މަގާމުވެސް ހިމެނެއެވެ.
މީގެ އިތުރުން ނިޔާޒީ އަކީ އިންސްޓިޓިއުޓް އޮފް ޗާޓާޑް އެކައުންޓަންޓްސް އޮފް ދި މޯލްޑިވެސްގެ ކައުންސިލް މެންބަރެކެވެ. އަދި، އިންސްޓިޓިއުޓް އޮފް ޗާޓާޑް އެކައުންޓަންޓްސް އޮފް ދި މޯލްޑިވްސްގެ އެޑްމިޝަން އެންޑް ލައިސަންސިން ކޮމިޓީގެ ޗެއާޕާސަން ވެސް މެއެވެ. މީގެ އިތުރުން ވެސް ނިޔާޒީއަކީ މި ދާއިރާއާ ގުޅޭ ތަފާތު އެކި މަގާމުތައް ފުރުއްވައި ތަޖުރިބާ ހޯއްދަވާފައިވާ ބޭފުޅެކެވެ.
އޮޑިޓާ ޖެނެރަލް
އޮޑިޓާ ޖެނެރަލް
އޮޑިޓާ ޖެނެރަލް