އެމްޑީޕީގެ ވެރިކަމާ ދެކޮޅަށް ކުރީގެ ރައީސް އަބުދުﷲ ޔާމީން އަބުދުލް ގައްޔޫމާ އެކު މަސައްކަތް ނުކުރައްވާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒެއިނާ އާދަމް ވިދާޅުވެއްޖެއެވެ.

ރޮޒެއިނާ މިހެން ވިދާޅުވީ، އެމްޑީޕީ މެންބަރުން ހިތްހަމަ ނުޖެހުނު ނަމަވެސް، ރައީސް އަބްދުﷲ ޔާމީންގެ އެހީއަށް އެދިވަޑައިގަންނަވާނެ ކަމަށް ރައްޔިތުންގެ މަޖިލިސް ރައީސް، އަދި އެމްޑީޕީގެ ވެސް ރައީސް މުހައްމަދު ނަޝީދު އިއްޔެ ވިދާޅުވުމާ ގުޅިގެންނެވެ.

އެކަމާ ގުޅިގެން ރޮޒެއިނާ މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، އެމްޑީޕީއާ ގުޅިވަޑައިގަތީވެސް ރައީސް ޔާމީންގެ ވެރިކަން ދާނެ ގޮތް އެނގިވަޑައިގެން އެކަމާ ދެކޮޅަށް މަސައްކަތް ކުރާނެ ޕްލެޓްފޯމެއްގައި މަސައްކަތް ކުރެއްވުމަށް ކަމަށެވެ.

ރައީސް ޔާމީން ވެރިކަން ކުރެއްވީ ހީކުރި ވަރަށްވުރެވެސް އަނިޔާވެރިކޮށް، ނުބައިކޮށް ކަމަށްވެސް ވިދާޅުވިއެވެ. އަދި އެމަނިކުފާނުގެ މައްޗަށް ވައްކަން ސާބިތު ވެ ހުންނެވީ ޖަލު ހުކުމެއްގައި ކަމަށްވެސް ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރްޔާ އިބްރާހިމް މުހައްމަދު ސޯލިހާ ދެކޮޅަށް މިއަދު ރައީސް ޔާމީނާ ބައިވެރިވާން ވީ ކީއްކުރަންތޯ، ވިދާޅުވެ ރޮޒެއިނާ ވަނީ، ރައީސް ޔާމީނަށް އިންސާފު ހޯދައިދެވުނީ ކާކަށްތޯ ވެސް ސުވާލު ކުރައްވައިފައެވެ. އަދި ރައީސް އިބޫ ސޯލިހު ގޯސް ނޫން ކަމަށާއި، އަނިޔާވެރި ނޫން ކަމަށާއި ވައްކަން ނުކުރައްވާ ކަމަށާއި ކޮވިޑް ހާލަތުގައިވެސް އެމަނިކުފާނު ވަނީ ޕްރޮޖެކްޓްތައް ހިންގަވާފައިވާ ކަމަށް ވިދާޅުވިއެވެ.

އެމްޑީޕީގައި ހަރުކަށި ފިކުރު އުޅޭ ކަމަށް ރައީސް ނަޝީދު ވިދާޅުވެފައިވާތީ، އެވާހަކައަށް ވެސް ރޮޒެއިނާ ވަނީ ރައްދު ދެއްވައިފައެވެ.

"ހަރުކަށި ފިކުރާ އެއްކޮޅަށް ކީއްތޯ ރައީސުލްޖުމްހޫރިއްޔާ ކުރެއްވީ، ކޮބައިތޯ މައްސަލައަކީ؟" ރޮޒޭނާ ސުވާލު ކުރެއްވި އެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހާއެކު ސިޔާސީ ގޮތުން ހުންނެވެން ނެތް ކަމަށް ރައީސް މުހައްމަދު ނަޝީދު އިއްޔެ ވަނީ ވިދާޅުވެފައެވެ.