ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް މިދިޔަ މޭ މަހުގެ ހައެއްގައި ދިން ހަމަލާއާ ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ 241 ކޮމިޓީން އެކުލަވާލި އިންކުއަރީ ރިޕޯޓް ދިރާސާކޮށް، އިސްލާހުކުރަން ހުރި ކަންކަމާ ގުޅޭގޮތުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މަޝްވަރާކުރައްވައިފިއެވެ.

މަޖިލީހުގެ 241 ކޮމިޓީއިން އެކުލަވާލި އިންކުއަރީ ރިޕޯޓް މަޖިލީހުން ފާސްކޮށްފައިވަނީ ބުރާސްފަތި ދުވަހުގެ ރެއެވެ. އަދި މި ރިޕޯޓް ރައީސަށް އަރުވާފައިވަނީ އިއްޔެއެވެ. އެ ރިޕޯޓް ރައީސަށް އަރުވާފައިވަނީ 241 ކޮމެޓީގެ މުގައްރިރު އަދި ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުހައްމަދު އަސްލަމެވެ.

ރައީސް އޮފީހުން މިރޭ ބުނީ ރައީސް ނަޝީދު އަވަހާރަކޮށްލުމަށް ދިން ހަމަލާއާ ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ 241 ކޮމިޓީން އެކުލަވާލި އިންކުއަރީ ރިޕޯޓާ ގުޅޭ ގޮތުން ނެޝަލަން ސެކިއުރިޓީ ކައުންސިލްގެ މެންބަރުންނާ ބައްދަލުކުރައްވައި ރައީސް މަޝްވަރާކުރައްވާފައިވާ ކަމަށެވެ.

މިއަދު ހަވީރު ރައީސް އޮފީހުގައި ބޭއްވި މި ބައްދަލުވުމުގައި މި ރިޕޯޓުގައި ފާހަގަކޮށްފައިވާ ކަންކަން އިތުރަށް ދިރާސާކޮށް، މި ކަންކަން އިސްލާހުކުރުމުގައި އަމަލު ކުރާނެގޮތާއި ރިޕޯޓުގައިވާ ރިކޮމެނެޑޭޝަންތައް ތަންފީޒުކުރުމާ ގުޅޭގޮތުން މަޝްވަރާކޮށްފައިވާ ކަމަށް ރައީސް އޮފީހުން ބުންޏެވެ.

އިއްޔެ ރިޕޯޓް އެރުވުމާ ގުޅިގެން ރައީސް ވިދާޅުވީ ރިޕޯޓުގައި ފާހަގަކުރައްވާފައިވާ ކަންކަމަށް ބައްލަވައި، އެކަންކަމުގައި އިސްލާހުކުރަން ހުރި ކަންކަން އިސްލާހު ކުރައްވާނެ ކަމަށާއި އަދި އެ ރިޕޯޓް ނޭޝަނަލް ސެކިއުރިޓީ ކައުންސިލަށް ހުށައަޅުއްވައި، ގައުމީ ސަލާމަތާ ގުޅުން ހުރި މުހިއްމު ކަންކަން ވީހާވެސް އަވަހަށް ހައްލުކުރައްވާނެ ކަމަށެވެ.

ރައީސްގެ އިތުރުން އެ ރިޕޯޓް ވަނީ ރައީސް ނަޝީދަށާއި އުއްތަމަ ފަނޑިޔާރު އަހްމަދު މުއަތަސިމް އަދުނާނަށްވެސް އަރުވައިފައެވެ.

މަހެއްހައި ދުވަހުގެ މަސައްކަތުން ނިންމާލި އެ ރިޕޯޓުން އާންމު ކޮށްފައިވަނީ 271 ސޮފުހާ އެވެ. އާންމުކުރި އެ ރިޕޯޓުން ގައުމީ ސަލާމަތަށް ނުރައްކާ ވެދާނެ ކަމަށް ބެލެވޭ ބައިތައް އުނިކުރި ނަމަވެސް އެ ބައިތައް ވަނީ އާންމުވެފަ އެވެ. އަދި ތިން ބާރުގެ ވެރީންނަށް ރިޕޯޓު އަރުވާފައިވަނީ އެއްވެސް އެއްޗެއް އުނިކުރުމެއް ނެތި ހުރިހާ ލިޔެކިޔުންތަކަކާ އެކު ކަމަށް 241 ކޮމެޓީގެ މުގައްރިރު އަދި ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުހައްމަދު އަސްލަމް ވަނީ ވިދާޅުވެފައެވެ.

އެ ރިޕޯޓްގައި ބޮޑެތި ތުހުމަތުތަކަކާއި ނަޝީދަށް ސެކިއުރިޓީ ދިނުމުގައި ބޮޑެތި އިހުމާލުތަކެއް ހުރި ކަމަށް ފާހަގަކޮށްފައިވެއެވެ. އަދި ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ، މަސްއޫލިއްޔަތު ފުރިހަމައަށް އަދާކޮށްފައިނުވާ ކަމަށްވެސް ރިޕޯޓްގައިވެއެވެ.

ހުސްވި މެއި މަހުގެ ހަ ވަނަ ދުވަހު ރައީސް ނަޝީދު އަވަހާރަކޮށްލަން ދިން ހަމަލާގައި ލިބިވަޑައިގެން ޒަހަމްތަކަށް ރާއްޖެއިން ފަރުވާ ހޯއްދެވުމަށްފަހު، މެއި މަހުގެ 13 ވަނަ ދުވަހު އެމަނިކުފާނު ވަނީ ފަރުވާއަށް ޖަރުމަނަށް ވަޑައިގެންފައެވެ. އަދި ބާލިންގައި ހުންނަ މިލިޓަރީ ހޮސްޕިޓަލަކުން ފަރުވާ ހޯއްދަވާފައިވެއެވެ.

ރައީސް ނަޝީދަށް ދިން ހަމަލާއާ ގުޅިގެން މިހާތަނަށް 8 މީހަކު ހައްޔަރުކޮށްފައިވާ ކަމަށް ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދާ ހަވާލާދީ އެމްޑީޕީގެ "މޭ ހައެއް" ކޮމިޓީން ވަނީ ބުނެފައެވެ. ރައީސް ނަޝީދަށް ދިން ހަމަލާއާ ގުޅުން ހުރި ފަސް މީހެއްގެ ވަނަ ވަރު ފުލުހުން ވަނީ ހާމަކޮށްފައެވެ. އެއީ ނ. މަނަދޫ، ނޫރީގެ، އަލީ ހައިޝަމް 27، ވ. ތިނަދޫ ލަކީ، އަދުހަމް އަހްމަދު 25، މއ. ފޭރުގެ، މުޖާޒް އަހުމަދު 21، ގއ. ކޮނޑޭ ފޮޅޭމާ، ތަހުމީން އަހްމަދު 32، އަދި ލ. ގަން ދުންފިނިއުފާ، އަހްމަދު ފާތިހް 23، އެވެ. އޭގެ ތެރެއިން ގިނަ މީހުންނަކީ ހަރުކަށި ފިކުރުގެ ވިސްނުން ގެންގުޅޭ މީހުންނެވެ.