މާލޭ ސިޓީ ކައުންސިލުން އިސްނަގައިގެން މާފަންނު ބޮޑުގޭގައި ތަރައްގީ ކުރި ޕާކިން ޒޯން މިއަދު ހަވީރު ހުޅުވައިފިއެވެ.
ބޮޑުގޭގެ ޕާކިންގް ޒޯން ސަރަހައްދުގައި ބޭއްވި ރަސްމިއްޔާތެއްގައި އެ ޕާކިން ޒޯން ހުޅުވައިދެއްވީ މާލެ ސިޓީ ކައުންސިލުގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒުއެވެ.
މި ޕާކިންގް ޒޯނަކީ 175 ސައިކަލްގެ ޖާގަ ހިމެނޭ ޕާކިން ޒޯނެކެވެ.
މި ޒޯނަށް ވަދެވޭނީ ހަނދުވަރީ ހިނގުމުންނެވެ. ބޮޑުގޭގައި ތަރައްގީކުރި ޕާކިންގް ޒޯން ހުޅުވުމުން އެ ސަރަހައްދުގައި އޮންނަ ހަނިގޯޅިއެއްކަމަށްވާ ދަކަނދާ މަގުގައި ޕާކްކުރާ ސައިކަލްތައް މި ޒޯނަށް ބަދަލުކޮށް ދަކަނދާ މަގުގައި ޕާކްނުކުރެވޭގޮތަށް ހަމަޖެއްސުމަށް ސިޓީ ކައުންސިލުން ވަނީ ނިންމާފައެވެ.
ބޮޑުގޭ ޕާކިންގް ޒޯނަކީ ތަން ޒީނަތްތެރިކުރުމަށް ޒުވާނުންގެ ހުނަރު ފެންނަގޮތަށް އެތަނުގެ ފާރުތަކުގައި ކުރަހައި ޒީނަތްތެރިކުރެވިފައިވާ ޕާކިން ޒޯނެކެވެ.
ސިޓީ ކައުންސިލުން މަސައްކަތްކުރަމުން އަންނަނީ މާލޭގެ ޕާކިންގް މައްސަލައަށް ހައްލެއްގެނެސް މަގުތަކުގައި ހިނގާބިނގާވާ މީހުނަށާއި އެއްގަމު އުޅަނދުފަހަރު ދުއްވުމަށް ފަސޭހަ މަގުތަކެއް ގާއިމްކުރުމަށެވެ. އެގޮތުން މާލޭގެ އެކި ސަރަހައްދުތަކުގައި ޕާކިން ޒޯންތައް ތަރައްގީކުރަމުންގެންދާ ގޮތަށް ވަނީ ހަމަޖައްސާފައެވެ. މިހާރުވެސް އަގު ދީގެން ޕާކްކުރުމަށް 211 ޖާގައަށް ކުރިމަތިލުމުގެ ފުރުސަތު ސިޓީ ކައުންސިލުން ވަނީ ހުޅުވާލައިފައެވެ.
ސިޓީ ކައުންސިލުން ބުނީ، މިހާތަނަށް ކުރެވުނު މަސައްކަތުން 6000 އަށްވުރެ ގިނަ ވެހިކަލްތައް މަގުމަތިން ނަގައި ޕާކިންޒޯންތަކަށް ވެއްދިފައިވާ ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު