ކުރީގެ ޑިފެންސް މިނިސްޓަރު، އަދި ރައްޔިތުންގެ މަޖިލިހުގެ ދަނގެތީ ދާއިރާގެ މެންބަރު މުހައްމަދު ނާޒިމް އިސްވެ ހުންނަވައި އުފައްދާ ސިޔާސީ ޕާޓީގެ މުގުލުގައި ހުންނެވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ކަމުގެ އަޑުތައް ފެތުރޭ ކަމަށް އިދިކޮޅު ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަން ހިންގުމާ ހަވާލުވެ ހުންނެވި ފޮނަދޫ ދާއިރާގެ ކުރީގެ މެންބަރު އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވެއްޖެއެވެ.
މެންބަރު ނާޒިމާއި ތިމަރަފުށީ ދާއިރާގެ މެންބަރު އަބްދުﷲ ރިޔާޒު އިސްކޮށް ތިއްބަވާ އުފައްދާ އެ ޕާޓީން 2023ގެ ރިޔާސީ އިންތިހާބަށް ކެންޑިޑޭޓަކު ނެރޭނެ ކަން ވަނީ ހާމަކޮށްފައެެވެ.
"ވަން" އަށް މިއަދު ދެއްވި އިންޓަވިއުއެއްގައި އަދުރޭ ވިދާޅުވީ، އަލަށް ހަދާ ސިޔާސީ ޕާޓީގެ އަޑީގައި ހުންނެވީ ރައީސް ސޯލިހުކަމުގެ އަޑުތައް ފެތުރިފައިވާ ކަމަށާއި ނަމަވެސް އެކަމާ ގުޅޭ ސަައްހަ މައުލޫމާތު އެނގި ނުލައްވާ ކަމަށެވެ.
"އަޅުގަނޑުމެންނަށް އެބަ މައުލޫމާތު ލިބޭ ރައީސް ސޯލިހަށް އެމްޑީޕީގެ ޓިކެޓު ނުލިބިދާނެތީ އޭނައަށް ޕްލެޓްފޯމެއް ހޯދުމަށް ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން އުފެދިގެން އަންނަ ޕާޓީއެއް ކަމަށް،" އަދުރޭ ވިދާޅުވިއެވެ.
އަދުރޭ ވިދާޅުވީ، އެންޑީޕީގެ ތެރޭގައި ބައިބައިވުން އުޅޭ ކަމަށާއި އޭގެ ހެއްކަކީ، އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓަކީ އެ ޕާޓީގެ ރައީސް މުހައްމަދު ނަޝީދު ކަމަށް އެމަނިކުފާނު ތަކުރާރުކޮށް ވިދާޅުވާ ވިދާޅުވުން ކަމަށެވެ.
އަދުރޭ އިތުރަށް ވިދާޅުވީ، އަލަށް އުފައްދާ ސިޔާސީ ޕާޓީއަށް ޕީޕީއެމް، ޕީއެންސީގެ އެއްވެސް މެންބަރަކުވެސް އަދި ލީޑާޝިޕްގެ އެއްވެސް މެންބަރަކުވެސް ނުދާނެ ކަމަށާއި ޕީޕީއެމްގެ މެންބަރުން ތިބީ ރައީސް ޔާމީނާއެކު ވަރުގަދަ އަޒުމެއްގައި ކަމަށެވެ.
ރައީސް ސޯލިހާއި ރައީސް ނަޝީދާ ދެބޭފުޅުންގެ މެދުގައި ހިޔާލުތަފާތުވުންތައް އުފެދިފައިވާތާ ވަނީ ދުވަސްތަކެއް ވެފައެވެ. ސިޔާސީ މަސްރަހު ދިރާސާކުރައްވާ ގިނަ ބޭފުޅުން ވިދާޅުވާ ގޮތުގައި އެ ހިޔާލުތަފާތުވުންތަކުގެ އަސްލަކީ ބަރުލަމާނީ ގެންނަން ރައީސް ނަޝީދު ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅެވެ.
ސިޔާސީ ގޮތުން ރައީސް ސޯލިހާއެކު ހުރެވެން ނެތްކަމަށްވެސް ރައީސް ނަޝީދު ވަނީ މިއަދު ވިދާޅުވެފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު