ދެން ވެރިކަން ބޭނުން ނޫން ކަމަށާއި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ހުރީ ތާށިވެފައި ކަމަށް ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
އެމްޑީޕީގެ ގައުމީ މަޖިލިސް ވަޓްސްއެޕް ގްރޫޕަށް ނަޝީދު މިއަދު ފޮނުއްވި މެސެޖްތަކެއްގައި ވަނީ އެމްޑީޕީގެ އެތެރޭގައި ހަރުކަށި ފިކުރު އޮތް ކަމަށް ތުހުމަތު ކުރައްވައިފައެވެ. އަދި ކޯލިޝަނަށްޓަކައި މިއަދުގެ ސަރުކާރުން ހަރުކަށި ފިކުރުގެ މީހުން ރުއްސަމުންދާ ކަމަށްވެސް ތުހުމަތު ކުރައްވައިފައެވެ.
"އެވެރިން (ހަރުކަށި ފިކުރުގެ މީހުން) އެ ތައްޔާރުވަނީ ހަނގުރާމައަށް. އަޅުގަނޑުމެންގެ ކޯލިޝަނަށްޓަކައި އެމީހުން އެ ރުއްސަނީ. އެމްޑީޕީ ތެރޭގައިވެސް ހަރުކަށި ވިސްނުން އެބަހުރި. ރައީސް ޔާމީން އަރިހުގައި އަދި ޕީޕީއެމް ގާތުގައި މިވާހަކަ ދެއްކުން ވަރަށް މުހިންމު،" ނަޝީދު ވިދާޅުވިއެވެ.
ނަޝީދު ވިދާޅުވީ ރާއްޖޭގައި ހަރުކަށި ފިކުރުގެ 1000 އަށްވުރެ ގިނަ މީހުން އުޅޭ ކަމަށާއި އެމީހުން ފަޅު ރަށްރަށުގައި ތަމްރީން ހަދަމުންދާ ކަމަށެވެ. އަދި އެމީހުން އުޅެނީ ކަންނެލި އޮޑިތަކާއި ޑިންގީތަކާއި ލޯންޗްތަކުގައި ކަމަށްވެސް ވިދާޅުވިއެވެ.
"އަހަރުމެންގެ ރާއްޖެ އަހަރުމެންގެ ދަރީންނަށް ދޭންޖެހޭ. ވެރިކަމެއް ބޭނުމެއް ނޫން. އެކަންވެސް ކުރެވިއްޖެ. ނުކުރެވޭ އެއްކަމެއްވެސް ނެތް. ރައީސުލްޖުމްހޫރިއްޔާވެސް އެހުރީ ތާށިވެފަ،" ނަޝީދު ވުދާޅުވިއެވެ.
އެމަނިކުފާނު ވިދާޅުވީ ދުވަހަކުވެސް ވެރިކަން ނުލިބުނު ނަމަވެސް މި ސަރުކާރާއެކު ހުންނަން ބޭނުން ނުވާ ކަމަށެވެ. އަދި މިހާރު ބޭނުންވަނީ ދީނީ ގޮތުން މެދުމިނުގެ ސިޔާސަތު ގެންގުޅޭ ކޯލިޝަނަކާއެކު މަސައްކަތް ކުރުމަށް ކަމަށާއި އެއީ ޕީޕީއެމް ކަމުގައި ވިޔަސް އެކަމަށް ތައްޔާރަށް ހުންނެވި ކަމަށް ވިދާޅުވިއެވެ.
"އެމްޑީޕީ ބައެއް މީހުން ހިތްހަމަ ނުޖެހުނަސް އަޅުގަނޑު ކުރާނެ ކަމެއްނެތް. ރައީސް ޔާމީނާއި ޕީޕީއެމުން މެދުމިނުގެ ދީނީ ސިޔާސަތަށް ތާއީދު ކުރާނަމަ އަޅުގަނޑު އެބޭފުޅުންގެ އެހީއަށް އެދޭނަން،" ނަޝީދު އެމްޑީޕީގެ ވަޓްސްއެޕް ގްރޫޕްގައި ވިދާޅުވެފައިވެއެވެ.
ނަޝީދު ވިދާޅުވީ ރައީސް ސޯލިހާއި އެމަނިކުފާނު މައްސަލައެއް ނުޖެހޭނެ ކަމަށާއި ދުވަހަކުވެސް ނުވެސް ޖެހޭނެ ކަމަށެވެ. ނަމަވެސް ރައީސް ސޯލިހާއި އެމަނިކުފާނާ ފިކުރީ ގޮތުން ހިޔާލު ތަފާތު ކަމަށް ވިދާޅުވިއެވެ.
"އަޅުގަނޑުގެ ޒާތީ ކަންކަމުގައި އަބަދުވެސް އުޅޭނީ އެކީގައި. އަޅުގަނޑުގެ ދަރިންގެ އިބޫ ދޮންބެ އެއީ. އެކަމު ދެން ރައީސުލްޖުމްހޫރިއްޔާއާ އެކު ސިޔާސީ ގޮތުން ހުރެވޭކަށް ނެތް،" ނަޝީދު ވިދާޅުވިއެވެ.
ނަޝީދު ވަނީ އެމްޑީޕީގެ އެއްވެސް މެމްބަރަކު ރައީސް ސޯލިހާ ޒާތީ ނުވުމަށާއި ރައީސް ސޯލިހަށް ގެއްލުންވާ އެއްވެސް ކަމެއް ނުކުރުމަށް އެދިވަޑައިގެންފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު