ހދ. ކުޅުދުއްފުށީގައި މީހަކު ރަހީނުކޮށް، އެމީހާއަށް ބިރުދައްކައި މާރާމާރީ ހިންގި މައްސަލައިގައި ދެ މީހަކަށް ދައުވާ ކޮށްފި އެވެ.
ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ބުނީ، މިދިޔަ މޭ މަހުގެ 29 ވަނަ ދުވަހު ހދ. ކުޅުދުއްފުށީގައި މީހަކު ރަހީނުކޮށް، އެމީހާއަށް ބިރުދައްކައި މާރާމާރީ ހިންގި މައްސަލާގައި ކުޅުދުއްފުށި، މާތުނޑި، މުއާޒް އަލީއާއި ހަމަ އެ ސިޓީ، ސެޓްލައިޓް، މުހައްމަދު އާދަމްގެ މައްޗަށް ދައުވާ ކުރުމަށް މިމަހުގެ އަށް ވަނަ ދުވަހު ކުޅުދުއްފުށީ ކޯޓަށް ހުށަހަޅައިފައިވާ ކަމަށެވެ.
އެ ދެމީހުންނަށް ކުރަނީ، އަނިޔާއެއް ދިނުމުގެ ކުށުގެ ދައުވާއާއި ހުއްދަ ނޫން ގޮތުގައި މީހުން ހިފެހެއްޓުމުގެ ކުށުގެ ދައުވާއެވެ.
ޕީޖީން ބުނީ މި މައްސަލާގައި ތުުހުމަތުކުރެވުނު އިތުރު ހަތަރު މީހެއްގެ މައްޗަށް ޖިނާއީ ދައުވާއެއްކޮށް ކުށް ސާބިތުކުރެވޭ މިންވަރަށް ހެކި ގަރީނާ ލިބިފައި ނުވާތީ، އެ ހަތަރު މީހުންގެ ބައި ދިވެހި ފުލުހުންނަށް އަނބުރާ ފޮނުވާލަން ނިންމާފައިވާ ކަމަށެވެ.
ހދ. ކުޅުދުއްފުށީގައި ރަހީނު ކޮށް އަނިޔާކުރުމުގެ ސަބަބުން ޒަހަމްވީ، ކުޅުދުއްފުށީ، ރަތްފުސްގޭ، އަހުމަދު އިބްްރާހިމަށެވެ. އޭނާގެ ހާލު ސީރިއަސް ވެ ވެންޓިލޭޓަރުގައިވެސް ފަރުވާދިނެވެ. އޭނާގެ ބޮލަށް ދަގަނޑުބުރިއަކުން ހަމަލާދިނުމުގެ ސަބަބުން ބޮލުގެ ނާށިގަނޑު ފަޅައިގެން ގޮސް ސިކުނޑިއަށް ލޭ އެޅިފައިވާ ކަމަށް އާއިލާއިން "ވަން" އަށް މައުލޫމާތު ދީފައިވެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު