މީހުން ހައްޔަރު ކުރުމަށް ކްރިމިނަލް ކޯޓުން ނެރޭ ކޯޓު އަމުރު އިނގިރޭސި ބަހުން ނެރުމަށް ހުރަހެއް ނެތް ކަމަށް ސުޕްރީމް ކޯޓުން ބުނެފި އެވެ.

ސުޕްރީމް ކޯޓުން މިއަދު ނެރުނު، ފްރެކްޓިސް ޑައިރެކްޝަނެއްގައި ބުނީ ރާއްޖޭގެ ކަނޑުގެ ސަރަހައްދެއްގައި ނުވަތަ ރާއްޖޭގެ ސަރަހައްދުން ބޭރުގައި ހުރި މީހަކު ނުވަތަ އުޅަނދެއް ނުވަތަ އެއްޗަކާ ގުޅިގެން ދޫކުރަން ޖެހޭ ކޯޓު އަމުރު ނެރުމުގެ ބާރު ލިބިގެން ވަނީ ކްރިމިނަލް ކޯޓަށް ކަމަށެވެ.

އެކަމަށް ރިއާޔަތްކޮށް ބައިނަލްއަގުވާމީ ފަރާތެއްގެ މައްޗަށް ރައްދުވާ ގޮތަށް ނުވަތަ އެފަރާތުގެ ބޭނުމަށް ނެރޭ އަމުރުތަކާއި ބިދޭސީއެއްގެ މައްޗަށް ނެރޭ އަމުރުތައް އެ ފަރާތްތަކަށް ދޭހަ ވާނެ ފަދަ ބަހަކުން އޮތުމަކީ މުހިންމު ކަމެއް ކަމަށް ސުޕްރީމް ކޯޓުން ވަނީ ބުނެފަ އެވެ.

"އަމުރުތައް ނެރުމުގައި އެ ގަވާއިދު (ޝަރީއަތް ކުރުމާއި ބެހޭ ޖިނާއީ އިޖުރާއަތުގެ ގަވާއިދު) ގައި ޖަދުވަލުތަކުގައިވާ ނަމޫނާގައި ބަޔާން ކޮށްފައި ހުރި ކަންކަން ހިމެނޭ ގޮތަށް އިނގިރޭސި ބަހުން އެ އަމުރުތައް ނެރުމަށް ހުރަހެއް ނެތް،" ސުޕްރީމް ކޯޓުން ނެރުނު ފްރެކްޓިސް ޑައިރެކްޝަންގައި ވަނީ ބުނެފަ އެވެ.

ޝަރީއަތް ކުރުމާ ބެހޭ ޖިނާއީ އިޖުރާއަތުގެ ގަވާއިދުގައި ބުނާ ގޮތުން ބައިނަލްއަގުވާމީ މުއާހަދާތަކާ އެއްގޮތްވާ ގޮތުގެ މަތީން ކޯޓު އަމުރު ނެރުމުގެ ބާރު ލިބިގެން ވަނީ ކްރިމިނަލް ކޯޓަށެވެ. ކްރިމިނަލް ކޯޓުން ނެރޭ އަމުރަކާ މެދު ހިތްހަމަ ނުޖެހޭ ނަމަ އެ އަމުރެއް ހައި ކޯޓުގައި އަދި އެންމެ ފަހު މަރުހަލާއެއްގެ ގޮތުގައި ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރުމުގެ އިހުތިޔާރު އޮންނާނެ އެވެ.