ކުޅިވަރު

ނާކާމިޔާބުވި ޕެނަލްޓީތަކުގެ ޒިންމާ ނަގާނީ އަހަރެން: ސައުތުގޭޓް

މުޙައްމަދު ޝަމްޢޫން

އިންގްލެންޑަށް ނާކާމިޔާބު ވި ޕެނަލްޓީތަކުގެ ފުރިހަމަ ޒިންމާ ނަގާނެ ކަމަށް ކޯޗު ގެރެތު ސައުތުގޭޓް ބުނެފިއެވެ.

ވެމްބްލީގެ ސްޓޭޑިއަމްގައި ރޭ ކުޅުނު ފޯރިގަދަ ފައިނަލް މެޗުގެ ފުރިހަމަ ވަގުތު ހަމަވީ ދެޓީމު 1-1 އިން އެއްވަރުވެފައި އޮވެގެންނެވެ. ނަތީޖާ ނެރުމަށް އިތުރު 30 މިނެޓުގެ ކުޅުމަށް ދާން ޖެހުނު އިރު، އެ ވަގުތުވެސް ހަމަވީ 1-1 އިން ނަތީޖާ އެއްވަރުވެފައި އޮވެގެންނެވެ. އެއަށްފަހު މެޗުގެ ނަތީޖާ ނެރެން ޖެހުނީ ޕެނަލްޓީ ޖަހައިގެންނެވެ. ޕެނަލްޓީގައި އިންގްލެންޑް ބަލިވީ 3-2 ގެ ނަތީޖާއަކުންނެވެ.

އިންގްލެންޑުން ރޭ ނުކުތީ އެގައުމުގެ ތާރީހުގައި ފުރަތަމަ ޔޫރޯ ފައިނަލަށެވެ. ޔޫރޯގެ ފައިނަލަށް އިންގްލެންޑުން ދިޔައީ ބޮޑު މުބާރާތެއްގެ ފައިނަލަށް 55 އަހަރު އިންތިޒާރު ކުރުމަށްފަހުއެވެ. އެޓީމުން 1966 ވަނަ އަހަރު ވޯލްޑް ކަޕް ކާމިޔާބު ކުރި ނަމަވެސް އޭގެ ފަހުން ފުޓުބޯޅައިގައި މާ ބޮޑު ކާމިޔާބީއެއް އަދި ހޯދިފައެއް ނުވެއެވެ. ރޭގެ ފައިނަލަކީ އެ ތާރީހު ބަދަލުކޮށް، އިންގްލެންޑަށް ފުރަތަމަ ޔޫރޯ ހޯދަން ލިބުނު ރަނުގެ ފުރުސަތެވެ. އެ ފުރުސަތު އަމިއްލަ ގައުމުގައި ގެއްލިގެން ދިޔުމާއެކު އެކަމާ މުޅި ގައުމު ރޯނެކަން ޔަގީނެވެ. އިނގިރޭސި ޝާހީ އާއިލާގެ ޕްރިންސް ވިލިއަމް އާއި އާއިލާވެސް ވެމްބްލީގައި ތިއްބެވި އިރު، އެއީ ގައުމުގެ ތާރީހުގައިވެސް ފުޓުބޯޅައިގެ ހިތްދަތި ދުވަހަކަށް ވާނެއެވެ.

މެޗުގައި އިންގްލެންޑަށް ނާކާމިޔާބުވީ ޒުވާން ތިން ކުޅުންތެރިން ކަމަށްވާ މާކަސް ރަޝްފޯޑާއި ޖޯޑަން ސާންޗޯ އަދި ބުކަޔޯ ސަކާ ޖެހި ޕެނަލްޓީތަކެވެ. ޕެނަލްޓީގައި ވިދާލީ އިޓަލީގެ ޒުވާން ގޯލްކީޕަރު، އުމުރުން 22 އަހަރުގެ ޖިއާންލުއީޖީ ޑޮނަރޫމާއެވެ. އޭނާ ވަނީ ސާންޗޯއާއި ސަކާ ޖެހި ޕެނަލްޓީ މަތަކޮށްފައެވެ. ރަޝްފޯޑުގެ ޕެނަލްޓީ އަމާޒުވީ ދަނޑިއަށެވެ.

"ޕެނަލްޓީތައް ނާކާމިޔާބުވުމުގެ ޒިންމާ ނަގަން ޖެހޭނީ އަހަރެން. ޕެނަލްޓީ ޖަހާނެ ކުޅުންތެރިން ނިންމީ އަހަރެން. އެއްވެސް ކުޅުންތެރިޔަކު ޕެނަލްޓީ ޖަހަން ދިޔައީ އަމިއްލައަކަށް ނޫން. އަހަރެން ކުޅުންތެރިން ނެގީ ތަމްރީނުތަކަށް ބަލާފައި. ޓީމު އެކުގައި ބަލިވެ، އެކުގައި މޮޅުވި ނަމަވެސް ޕެނަލްޓީ ނާކާމިޔާބު ވުމުގެ ޒިންމާ ނަގާނީ އަހަރެން. އެއީ އަހަރެންގެ ނިންމުން،" ސައުތުގޭޓް ބުނެފައިވެއެވެ.

1996 ވަނަ އަހަރު އިންގްލެންޑުން ޖަރުމަނު އަތުން ބަލިވެ ޔޫރޯއިން ކަޓައިގެން ދިޔަ މެޗުގައި މުހިއްމު ޕެނަލްޓީއެއް ނާކާމިޔާބު ކޮށްލި ސައުތުގޭޓަށް އެފަދަ މުހިއްމު ޕެނަލްޓީއެއް ގެއްލުމުގެ ހިތްދަތިކަން އިހުސާސް ކުރެވޭނެ އެވެ. ޕެނަލްޓީ ނާކާމިޔާބު ކޮށްލި ކުޅުންތެރިންނަށް އެންމެ ބޮޑަށް ހިތްވަރު ދިންތަން ފެނުނީ ސައުތުގޭޓެވެ.

ސައުތުގޭޓް ބުނެފައި ވަނީ މިހާރު އޮތް ޓީމުން 50 އަހަރު ދުވަހު އެހެން ޓީމަކަށް ނުހޯދި އޮތް ކާމިޔާބީއެއް ހޯދައިފި ކަމަށާއި، އެޓީމަށް ދޭންވީ ހިތްވަރު ކަމަށެވެ. ހާއްސަކޮށް ޕެނަލްޓީ ނާކާމިޔާބު ވި ކުޅުންތެރިންނަށް ހިތްވަރުދީ ޓުވީޓްތައް ކުރުމަށްވެސް ސައުތުގޭޓް އެދިފައިވެ އެވެ.