ޚަބަރު

ކޮވިޑް ސްޓިމިއުލަސް ލޯނު ދޭނީ ހުށަހަޅާ ތަރުތީބުން: ބީއެމްއެލް

އަލީ ޔާމިން

ކޮވިޑް 19 އިކޮނޮމިކް ސްޓިމިއުލަސް ލޯނަށް އެދި ހުށަހެޅުމުގެ އެންމެ ފަހުގެ ތާރީހަކީ މި މަހުގެ 17 ކަމަށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ބުނެފި އެވެ.

އެ ލޯނަކީ ކޮވިޑާ ގުޅިގެން ރާއްޖޭގެ އިގްތިސޯދަށް ކުރަމުންދާ ނޭދެވޭ އަސަރުގެ ސަބަބުން ކުދި އަދި މެދުފަންތީގެ ވިޔަފާރިތައް ދެމެހެއްޓުމަށް އެހީތެރިވުމުގެ ގޮތުން ސަރުކާރާ ގުޅިގެން ބީއެމްއެލުން ދޫކުރާ ލޯނެކެވެ. އެ ލޯނު ދޫކުރަމުން އަންނަނީ ލޯނަށް އެދި ހުށަހަޅާ ތަރުތީބުން އެންމެ ފުރަތަމަ ހުށަހަޅާ ފަރާތްތަކަށް އިސްކަން ދީގެނެވެ.

ބީއެމްއެލުން ބުނީ، އެ ލޯން ސްކީމަކީ ވަކި އަދަދެއް ކަނޑައެޅިފައިވާ ލޯން ސްކީމެއް ކަމަށާއި މިހާތަނަށް ބޭންކުން ބަލައިގެންފައިވާ ލޯން އެޕްލިކޭޝަންތަކުގެ އަދަދުވެސް ލޯން ސްކީމަށް ކަނޑައެޅި ލިމިޓަށްވުރެ އިތުރުވެފައިވާ ކަމަށެވެ. ލޯނަށް އެދި ހުށަހެޅުމުގެ އެންމެ ފަހުގެ ތާރީހަކީ މިމަހުގެ 17 އެވެ.

މީގެ އިތުރުން ބީއެމްއެލުން ބުނީ އެ ތާރީހުގެ ކުރިން ލޯނަށް އެދި ހުށަހަޅާފައިވާ އެޕްލިކޭޝަންތައް އިވެލުއޭޓްކުރުމަށްފަހު ފަންޑުގައި ބާކީ ފައިސާ ހުރެއްޖެނަމަ އަލުން ލޯނަށް އެދި ހުށަހަޅެމުގެ ފުރުސަތު ހުޅުވާނެ ކަމަށެވެ.

އިކޮނޮމިކް ސްޓިމިއުލަސް ލޯނު މެދުވެރިކޮށް ދިހަ މިލިއަން ރުފިޔާ އާ ހަމައަށް ފައިނޭންސަށް އެދި ހުށަހެޅޭއިރު މިއީ 6 ޕަސެންޓް ކުޑަ އިންޓްރެސްޓެއްގައި ރަހުނަކާ ނުލާ ހަތަރު އަހަރުގެ ގްރޭސް ޕީރިއަޑަކާއެކު ދޫކުރާ ލޯނެކެވެ.