ޖިންސީ ކުށުގެ ތުހުމަތު ތަކެއްކޮށް، ދައުވާ އުފުލާފައިވާ ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދުގެ ޕާސްޕޯޓް ހިފެހެއްޓުމުގެ އަމުރެއް ކްރިމިނަލް ކޯޓުން ނެރެނުދިން މައްސަލައިގެ އިސްތިއުނާފު ހައި ކޯޓުން ބޭރުކޮށްލައިފިއެވެ.

އަލީ ވަހީދުގެ ޕާސްޕޯޓް ދޫކޮށްލި އަމުރުގެ މުއްދަތު ހަމަވެފައިވާތީ އާއި އަލީ ވަހީދުގެ މައްޗަށް ދައުވާ ކުރާ މައްސަލައަކީ ސީރިއަސް މައްސަލައަކަށްވާތީ، ޝަރީއަތް ހިންގަން އޮތް ގޮތަކީ ރާއްޖެ ގެނައުން ކަމަށް ދެކޭތީ ޕީޖީ އޮފީހުގެ އެދުމަކަށް އޭނާގެ ޕާސްޕޯޓް ހިފަހައްޓައި ދިނުމުގެ އަމުރަކަށް ފުލުހުން އެދުނީ ހުސްވި ޖޫން މަހުގެ 23 ވަނަ ދުވަހުއެވެ.

ނަމަވެސް އަލީ ވަހީދުގެ ޕާސްޕޯޓް ހިފެހެއްޓުމުގެ މަގުސަދެއް އޮތް ކަމަށް ނުދެކޭތީ ފުލުހުން ހުށަހަޅާފައިވާ ގޮތަށް އޭނާގެ ޕާސްޕޯޓް ހިފެހެއްޓުމުގެ އަމުރެއް ނެރެދެވެން ނެތް ކަމަށް ކްރިމިނަލް ކޯޓުން ނިންމިއެވެ. އަދި އެ މައްސަލަ މިދިޔަ ހޯމަ ދުވަހު ޕްރޮސެކިއުޓާ ޖެނަރަލް (ޕީޖީ)ގެ އޮފީހުން ވަނީ ހައި ކޯޓަށް ހުށަހަޅާފައެވެ.

ހައިކޯޓުން މިއަދު ބުނީ ޕީޖީ އޮފީހުން ކޯޓު އަމުރަށް އެދި ހުށަހެޅި ހުށަހެޅުމާމެދު ކްރިމިނަލް ކޯޓުން ނިންމި ނިންމުން އިސްތިއުނާފު ކުރިއިރު، އިސްތިއުނާފު ރައްދުވާ ފަރާތް ހިމަނާފައި ނުވާ ކަމަށެވެ. އިސްތިއުނާފު ރައްދުވާ ފަރާތެއް ނެތި މައްސަލަ ބެލޭނެ ގޮތެއް ޖިނާއީ އިޖުރާއަތުގެ ގާނޫނުގައި ނުހިމެނޭ ކަމަށެވެ. އެހެންކަމުން މި މައްސަލަ ބަލައި ނުގަތުމަށް ރަޖިސްޓްރާ މިއަދު ނިންމާފައިވާ ކަމަށް ބުންޏެވެ.

ރަޖިސްޓްރާގެ ނިންމުމާމެދު ހިތްހަމަނުޖެހޭނަމަ ހަތް ދުވަހުގެ ތެރޭގައި އެ ނިންމުން އަލުން ބަލައިދިނުމަށް އެދި ހައިކޯޓަށް ހުށަހެޅުމުގެ އިހުތިޔާރު މައްސަލަ ހުށަހަޅާ ފަރާތްތަށް ލިބިގެންވާ ކަމަށްވެސް ކޯޓުން ބުންޏެވެ.

މި މައްސަލަ ހައި ކޯޓަށް ބޭރުކޮށްލާފައިވާއިރު، އަލީ ވަހީދު ރާއްޖޭގައި ނެތި ޝަރީއަތް ކްރިމިނަލް ކޯޓުގައި އޮންލައިންކޮށް ކުރިއަށް ގެންދަން ގެންދާ މައްސަލައިގެ އިސްތިއުނާފު މައްސަލަވެސް އެ ކޯޓުން ވަނީ ބޭރުކޮށްލާފައެވެ.

އެ މައްސަލަ ކޯޓުން ބޭރުކޮށްލާފައިވަނީ އިސްތިއުނާފީ ދައުވާއެއްގެ ގޮތުގައި ކުރިއަށް ގެންދާނެ ޝަރުއީ އަދި ގާނޫނީ ހަމައެއް ނެތް ކަމަށް ކަނޑައެޅުމަށްފަހުގައެވެ. އެ މައްސަލަ ޕީޖީ އޮފީހުން މިއަދު ވަނީ ސުޕްރީމް ކޯޓުގައި އިސްތިއުނާފުކޮށްފައެވެ.

ޕީޖީ އޮފީހުން މީގެ ކުރިން ބުނީ، އަލީ ވަހީދު އަޑުއެހުމަށް އޮންލައިންކޮށް ވެންނެވީ ހައިކޮމިޝަނަށް ހާޒިރުވެގެން ކަން ސާފު ނުވާ ކަމަށެވެ. އެހެންކަމުން އަލީ ވަހީދު ޝަރީއަތުގައި ބައިވެރިވަނީ، ރާއްޖޭގެ ޖޫރިސްޑިކްޝަނުން ބޭރުގައި ހުރެގެން ކަމަށް ބެލެވޭތީ ދައުލަތުން އެކަމަށް އިއުތިރާޒު ކުރީ ކަމަށެވެ.

އަލީ ވަހީދު ހައިކޮމިޝަނަށް ހާޒިރުވިކަން ޔަގީން ކޮށްދިނުމަށް އެދި ޕީޖީ އޮފީހުން ވަނީ ފޮރިން މިނިސްޓްރީއަށް ސިޓީއެއް ފޮނުވައިފައެވެ. އެ ސިޓީގެ ޖަވާބުގައި އެ މިނިސްޓްރީން ވަނީ ޝަރީއަތުގެ އަޑުއެހުމުގައި ބައިވެރިވުމަށް އަލީ ވަހީދު ލަންޑަނުގައި ހުންނަ ހައިކޮމިޝަނަށް ހާޒިރުވިކަން ޔަގީންކޮށްދީފައެވެ.

ޕީޖީ އޮފީހުން މީގެ ކުރިން ބުނީ ރާއްޖޭގެ ގާނޫނު ނުހިނގާ ތަނެއްގައި ހުރި މީހެއްގެ މައްޗަށް ވީޑިއޯ ކޮންފަރެންސްކޮށް ޖިނާއީ މައްސަލައެއްގެ ޝަރީއަތުގެ އަޑުއެހުމެއް ބޭއްވި މިއީ ފުރަތަމަ ފަހަރު ކަމަށެވެ. އެއީ ޖިނާއީ އިޖުރާއަތުގެ ގާނޫނު ދަންނަ ކަމަކަށް ނުވާތީ އެގޮތަށް ޝަރީއަތް ކުރިއަށް ނުގެންދެވޭނެ ކަމަށްވެސް ބުންޏެވެ.