ކުޅިވަރު

މެސީގެ ކަރުނައާއި ހިތްދަތި ތަޖުރިބާތަކަށް ނިމުން، އާޖެންޓީނާގެ ތަށްޓާއެކު މިލިއަން ޑޮލަރުގެ ހިނިތުންވުމެއް

މުޙައްމަދު ޝަމްޢޫން

1

މިހާތަނަށް ހަ ފަހަރަށް ބެލޮންޑިއޯ ހޯދާފައިވާ ލިއޮނެލް މެސީއަކީ ދުނިޔޭގެ ތާރީހު ދުށް އެންމެ މޮޅު ކުޅުންތެރިޔާ ކަމަށް އެތައް ބަޔަކު ގަބޫލުކުރެވެ. ކްލަބު ކެރިއަރުގައި ބާސެލޯނާއާއެކު ނުހޯދި އޮތް ކާމިޔާބީއެއް ނެތެވެ. ކެރިއަރުގެ ސްޓެޓްސްއަށް ބަލާއިރު، އެހެން ދެވަނައެއް ވެސް ނެތެވެ. ކްލަބު ޖާޒީގައި ހުރިހާ އުންމީދެއް ހާސިލު ވެފައި އޮތް ނަމަވެސް މެސީގެ "ރީތި" ފުޓުބޯޅަ ކެރިއަރުގައި ފުރިހަމަ ނުވެ އޮތް ހުވަފެނެއް ޒަމާންތަކެއް ވަންދެން އޮތެވެ. ފުޓުބޯޅައިން އުފަން ގައުމު އާޖެންޓީނާއަށް އުފާވެރިކަން ގެނެސްދިނުމުގެ ހުވަފެނެވެ.

އާޖެންޓީނާގެ އިތުރުން މުޅި ދުނިޔެ މެސީއަށްޓަކައި ފަހުރުވެރިވި ނަމަވެސް، ފާޑުކިޔުންތައް އަމާޒުވަނީ ގައުމީ ޓީމާއެކު ތަށްޓެއް ނުހޯދި އޮތުމުންނެވެ. އެކަމަށް ޖަވާބު ދިނުމަށް ތަކުރާރުކޮށް މެސީ މަސައްކަތްކޮށް، ގިނަ ނާކާމިޔާބީ ތަކަކާ ކުރިމަތިލި އެވެ. އެއީ މެސީގެ ހަޔާތުގައިވެސް އެންމެ ހިތްދަތި، އުނދަގޫ ވަގުތުތައް ކަން ޔަގީނެވެ. އޭނާ ވަނީ އެކިފަހަރު މަތިން އެ ވާހަކަތައް ދައްކައި، ގައުމީ ޓީމުގެ ތަށްޓެއް އިންޑިވިޖުއަލް ހުރިހާ އެވޯޑަކަށްވުރެ މުހިއްމު ކަމަށްވެސް ބުނެފައެވެ. ފެއިލިއާތަކުން ހިތަށް ނުކުޅަދާނަ ވެ، މެސީ އާޖެންޓީނާއަށް ކުޅުން ހުއްޓާލި ނަމަވެސް އެނބުރި އައީ އަދިވެސް ތަށްޓެއްގެ ހުވަފެން ހަގީގަތަކަށް ހެދޭތޯއެވެ. އެ ހުރިހާ އިންތިޒާރެއްގެ ނިމުން މެސީ ގެނެސްދީފިއެވެ. ބްރެޒިލްގެ އަމިއްލަ ދަނޑުގައި އެޓީމު ބަލިކޮށް، މެސީއާއި އާޖެންޓީނާއިން 28 އަހަރަށްފަހު ކޮޕާ އެމެރިކާ އުފުލާލައިފިއެވެ.

އާޖެންޓީނާއިން ބްރެޒިލްގެ ތާރީހީ މަރަކާނާ ސްޓޭޑިއަމްގައި ރޭ ކުޅުނު ކޮޕާ އެމެރިކާގެ ފައިނަލް މެޗު 1-0 އިން ކާމިޔާބު ކޮށްފައިވާއިރު، މެޗުގެ ފަހު ކަށިގަނޑާއެކު ޓީމުގެ ހުރިހާ ކުޅުންތެރިން މިސްރާބު ޖެހީ ކެޕްޓަން މެސީއާ ދިމާލަށެވެ. ޓީމުން މުބާރާތް ނެގީ މެސީއަށްޓަކައިހެން ހީވިއެވެ. ކަރުނައިގެ ހަނދާންތަކާއެކު މެސީ ދަނޑު މައްޗަށް ތިރިވީ އުފާވެރިކަމުގެ ކަރުނައާ އެކުގައެވެ. ފުޓުބޯޅައަށް އެއީ ލޯބިކުރި އެތައް ބަޔަކު ދުވަސްތަކެއް ވަންދެން ދެކެން ބޭނުންވި މަންޒަރެކެވެ. 2016 ވަނަ އަހަރު ޕޯޗުގަލްއާއެކު ކްރިސްޓިއާނޯ ރޮނާލްޑޯ ހޯދި ކާމިޔާބީއަށްފަހު ދެން އެތައް ބަޔަކު ބޭނުންވީ މެސީ އާޖެންޓީނާއެކު ތަށްޓެއް ހޯދާތަން ދެކޭށެވެ. އެ މަންޒަރާއެކު މެސީގެ ހިނިތުންވީ "މިލިއަން ޑޮލަރު"ގެ މަންޒަރަކަށެވެ.

ގައުމީ ޓީމަށް މެސީ ފުރަތަމަ ބޮޑު މުބާރާތެއް ކުޅެފައި ވަނީ މީގެ 15 އަހަރު ކުރިންނެވެ. މިހާތަނަށް ގައުމީ ޓީމާއެކު ހަތަރު ވޯލްޑް ކަޕެއް، އަދި ހަ ކޮޕާ އެމެރިކާއެއްގައި މެސީ ކުޅެފައިވެއެވެ. އެ މުބާރާތްތަކުގައި އާޖެންޓީނާއާއެކު ތަށްޓަކަށް ޓަކައި މެސީ ވަނީ 53 މެޗު ކުޅެފައެވެ. މެސީގެ ފުރަތަމަ ދެ ވޯލްޑް ކަޕުން އާޖެންޓީނާ ކުއާޓާ ފައިނަލާ ހަމައިން ކަޓައިގެން ދިޔައިރު، 2014 ވަނަ އަހަރު އޭނާ ވަނީ ފައިނަލްގައި ޖަރުމަނާ ދެކޮޅަށް ކުޅެފައެވެ. އެފަހަރު ހިތްދަތި ގޮތަކަށް ބަލިވެ މެސީއަށް މާޔޫސްކަމާ ކުރިމަތިލާން ޖެހުނެވެ. އޭގެފަހުން ދެން 2018 ވަނަ އަހަރު ކުޅުނު ވޯލްޑް ކަޕުން ކަޓައިގެން ދިޔައީ ގަދަ 16 އިންނެވެ.

ދެން އޮތީ ކޮޕާ އެމެރިކާގެ ހިތްދަތިކަމެވެ. ފުރަތަމަ މެސީ އާޖެންޓީނާއާއެކު ފައިނަލަށް ގޮސް ކޮޕާ އެމެރިކާގެ ހިތްދަތިކަމާ ކުރިމަތިލާން ޖެހުނީ 2007 ވަނަ އަހަރުއެވެ. އެފަހަރު ފައިނަލުން އާޖެންޓީނާ ބަލިވިއިރު މެސީގެ އުމުރުން އެންމެ 20 އަހަރެވެ. އޭގެ ފަހުން މުބާރާތް ހޯދުމަށް ބުރަ މަސައްކަތްތަކެއް ކުރި މެސީއަށް އެންމެ ހިތްދަތިވި ދުވަސްތަކަކީ 2015 ވަނަ އަހަރާއި 2016 ވަނަ އަހަރެވެ. 2014 ވަނަ އަހަރުގެ މާޔޫސްކަން ނުފިލަނީސް 2015 ވަނަ އަހަރު ކޮޕާ އެމެރިކާ ފައިނަލުން އާޖެންޓީނާ ޗިލީ އަތުން ބަލިވީ ޕެނަލްޓީ ޖަހައިގެންނެވެ. ޝޫޓްއައުޓްގައި އާޖެންޓީނާއަށް ޕެނަލްޓީ ކާމިޔާބުކޮށްދިން ހަމައެކަނި ކުޅުންތެރިޔަކީ މެސީއެވެ. ދެން އައި އަހަރު ފައިނަލާ ހަމައަށް ގޮސްވެސް ބަލިވީ ޗިލީ އަތުންނެވެ. އެފަހަރު ޕެނަލްޓީގައި މެސީ ޖެހި ޕެނަލްޓީ ނުވަދެ، އޭނާގެ ހިތްފަޅައިގެން ގޮސް ރިޓަޔާމަންޓް އިއުލާންކުރިވެސް މެއެވެ. ފަހުން އެ ނިންމުން މެސީ ވަނީ ބަދަލު ކޮށްފައެވެ.

އުމުރުން 35 އަހަރުގެ މެސީ އެ ހުރިހާ ހަނދާންތަކަކަށް ފަސް އަޅައި ފޮރުވައިލީ މިފަހަރު މުބާރާތުގައި މޮޅަށް ކުޅެގެންނެވެ. އާޖެންޓީނާއިން ރޭ ފަތިހު ކުޅުނު ފައިނަލްގެ ތަރިއަކީ މެސީ ނޫން ނަމަވެސް އޭނާއަކީ މުބާރާތުގެ މޮޅު ކުޅުންތެރިޔާއެވެ. އެންމެ ގިނަ ގޯލު ޖަހައި، އެންމެ ގިނަ އެސިސްޓްވެސް ހެދި ކުޅުންތެރިޔާއެވެ. ތަށި އުފުލާލައި، ދަނޑު މަތީގައި އާއިލާއަށް ފޭސްޓައިމްކޮށް، އުފަލާއެކު އިން މެސީއަށް މި މޮޅު ކިތަންމެހައި ވެސް ހައްގެވެ. އޭނާގެ ކެރިއަރަށް މިއަދުގެ ކާމިޔާބީ އާއި ޝަރަފު އެންމެންވެސް ދޭނެ އެވެ.

މެސީގެ ކްލަބު ބާސާއާއެކު 10 ފަހަރަށް ލީގު ޗެމްޕިއަންކަން ހޯދައި، ހަތަރު ފަހަރު ޔޫއެފާ ޗެމްޕިއަންސް ލީގު ހޯދައި އެތައް ކަމެއް ސާބިތުކޮށްދިން ނަމަވެސް، ގިނަ ބައެއްގެ ނަޒަރުގައި މިއަދު އާޖެންޓީނާއާ އެކު މެސީ ސާބިތުކޮށްދިނީ އޭނާއަކީ "ގޯޓް" ކަން ކަމަށެވެ. ތާރީހުގައި އެފަދަ ދެވަނައެއް ނެތްކަން މެސީ މިހާރު ސާބިތުކޮށްދީފި ކަމަށް އެތައް ބަޔަކު އަންނަނީ ބުނަމުންނެވެ. ދެން އޮތީ އަންނަ އަހަރުގެ ވޯލްޑް ކަޕެވެ. މެސީއާއި އާޖެންޓީނާ ނުކުންނާނީ 1986 ވަނަ އަހަރަށްފަހު އެގައުމަށް ފުރަތަމަ ވޯލްޑް ކަޕް ކާމިޔާބު ކޮށްދިނުމުގެ އަޒުމުގައެވެ.