ފޮރިން މިނިސްޓްރީގެ އިމާރާތުގެ މަރާމާތުގެ މަސައްކަތްތައް އެއްކޮށް ނިމި، އެ ތަނަށް އެ މިނިސްޓްރީގެ ހިންގުން މާދަމާ ބަދަލުކުރަން ނިންމައިފި އެވެ.

ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމުގެ ސަރުކާރުގައި އިމާރާތްކޮށްފައިވާ އެ އިމާރާތުގެ ބައެއް ތަންތަން ހަލާކުވާން ފެށުމުން ޗައިނާގެ ހިލޭ އެހީގައި އަލުން އެ ތަން މަރާމާތު ކުރުމުގެ މަސައްކަތް ފެށީ 2019 ވަނަ އަހަރުގެ އޮގަސްޓު މަހުގެ ތެރޭގައެވެ.

އެ އިމާރާތް މަރާމާތައް ބަންދުކުރުމުން ފޮރިން މިނިސްޓްރީ ވަގުތީ ގޮތުން ހިންގަމުން އައީ ހުޅުމާލޭ ފެރީ ޓާމިނަލްގެ އިރުމަތީ ފަރާތުގައި އެމްޓީސީސީން އަލަށް ހެދި އިމާރާތުގަ އެވެ.

ފޮރިން މިނިސްޓްރީން މިއަދު ކުރި އިއުލާނެއްގައި ބުނީ، ފޮރިން މިނިސްޓްރީ ކުރިން ހިންގި އިމާރާތުގެ މަރާމާތުގެ މަސައްކަތް އެއްކޮށް ނިމިފައިވާތީ، މާދަމާ އިން ފެށިގެން އެ މިނިސްޓްރީ ހިންގާނީ ޗައިނާ ސަރުކާރުން އިމާރާތް ކުރި ތަނުގައި ކަމަށެވެ.

އިމާރާތް ބަދަލުވާއިރު، ފޮރިން މިނިސްޓްރީން ދެމުން ގެންދާ ހިދުމަތްތަކަށް ދިމާވެދާނެ ދަތިތަކަށްޓަކައި އެ މިނިސްޓްރީން ވަނީ މައާފަށް އެދިފައެވެ.

މަރާމާތަށް ފަހު ފޮރިން މިނިސްޓްރީގެ މަސައްކަތްތައް ކުރިން ހިންގި އިމާރާތައް ބަދަލުކުރާއިރު އެ އިމާރާތުގެ ނަން މިހާރު ވަނީ ކުރީގެ ފޮރިން މިނިސްޓަރު ފަތުހުﷲ ޖަމީލްގެ ނަމަށް ނިސްބަތްކޮށް "ފަތުހުﷲ ޖަމީލްގެ ބިލްޑިންގް"ގެ ނަމަށް ބަދަލުކޮށްފައެވެ.