އަފްގާނިސްތާނުގައި އެމެރިކާއިން ހިންގާ އަސްކަރީ އޮޕަރޭޝަންތައް އަންނަ އޮގަސްޓް މަހުގެ ނިޔަލަށް ނިންމާލާނެ ކަމަށް އެމެރިކާގެ ރައީސް ޖޯ ބައިޑެން ވިދާޅުވެއްޖެއެވެ.
އެމެރިކާ ސަރުކާރުން ނިންމާފައި އޮތީ، އަފްގާނުގައި ތިބި އެމެރިކާގެ ހުރިހާ ސިފައިން، މިއަހަރުގެ ސެޕްޓެމްބަރު 11 ވަނަ ދުވަހުގެ ނިޔަލަށް އެ ގައުމުން ބާލާށެވެ.
އަފްގާނުގައި ތިބި އެމެރިކާ ސިފައިން ބޭލުމާ ގުޅޭ ގޮތުން ވާހަކަފުޅު ދައްކަވަމުން ބައިޑެން ވިދާޅުވީ, އެމެރިކާ ސިފައިން ބޭލުމުގެ މަސައްކަތް ކުރިން ކަނޑައަޅާފައިވާ ގޮތަށް ކުރިއަށްދާ ކަމަށެވެ. އެގޮތުން އަންނަ އޮގަސްޓް މަހުގެ 31ގެ ކުރިން އަފްގާނުގައި އެމެރިކާގެ އަސްކަރިއްޔާ އިން ހިންގާ އަސްކަރީ އޮޕަރޭޝަންތައް ނިންމާލާނެ ކަމަށް ވިދާޅުވިއެވެ.
"އަފްގާނުން އެމެރިކާ ސިފައިން ބޭލުމުގެ ކަންކަން ކުރިއަށް ދަނީ ރައްކާތެރިކަމާއި ތަރުތީބެއްގެ ދަށުން," ބައިޑެން ވިދާޅުވިއެވެ.
މީގެ 20 އަހަރު ކުރިން އަފްގާނިސްތާނަށް އަރައި އެ ގައުމުގައި އަސްކަރީ މަރުކަޒެއް ހަދައިގެން ތިބި އެމެރިކާ ސިފައިން, އެގައުމުން ފައިބަމުންދާ އިރު ތާލިބާނުން ދަނީ އަފްގާނިސްތާނުގެ އެކި ސަރަހައްދުތަކުގައި އަތްގަދަކޮށް, ބާރު ހިންގަމުންނެވެ.
އެކަމަށް އިޝާރާތް ކުރައްވައި ބައިޑެން ވިދާޅުވީ, ތާލިބާނުން އަފްގާނުގައި އަތްގަދަކޮށް ބާރު ހިންގުމަކީ ހުއްޓުވޭނެ ކަމެއް ނޫން ކަމަށެވެ. އަދި އަފްގާނުގެ ތިން ލައްކައެއްހާ ސިފައިން، ތާލިބާނުންގެ 75,000 އަށްވުރެ ގިނަ ހަނގުރާމަވެރިނާ ކުރިމަތިލުމަކީ އުދަނގޫ ކަމެއް ކަމަށް ވިދާޅުވިއެވެ.
"އޭޕްރިލްގައި ބުނެފައިވާނެ އަފްގާނިސްތާނުގައި އެމެރިކާއިން ކުރަން ބޭނުންވި ކަންތައް ކުރެވިއްޖެ ކަމަށް. އެއީ 11/9 ގެ ހަމަލާ ދިން ޓެރަރިސްޓުން ހޯދައި, އޮސާމާ ބިން ލާދީންއާ އިންސާފު އަރައި ހަމަކުރުން," ބައިޑެން ވިދާޅުވިއެވެ.
އަފްގާނިސްތާނުގައި ތިބި އެމެރިކާ ސިފައިން އެގައުމުން ފޭބި ކަމުގައި ވިޔަސް، ކާބުލްގެ އެއާޕޯޓާއި އަފްގާނުގައި ތިބި އެމެރިކާގެ ޑިޕްލޮމޭޓުންގެ ހިމާޔަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް، އެމެރިކާ ސިފައިންގެ 650 މީހުން އަފްގާނުގައި ތިބޭނެއެވެ.