ކޮވިޑާ ގުޅިގެން އެނދުމަތި ކޮށްގެން ދޭ ފަރުވާތަކަށް ދިވެހިން އަދި ބިދޭސީންވެސް ފައިސާ ދައްކާކަށް ނުޖެހޭނެ ކަމަށް އައިޖީއެމްއެޗުން ބުނެފިއެވެ.
އައިޖީއެމްއެޗުން އެހެން ބުނެފައި ވަނީ، ކޮވިޑާ ގުޅިގެން އެނދުމަތި ކޮށްފައިވާ ބިދޭސީއެއްގެ ބިލަށް އެރި ފައިސާ މައާފުކޮށްދީފައިވާ ކަމަށް ބުނެ ސޯޝަލް މީޑިއާގައި ދެކެވެމުންދާ ވާހަކައާ ގުޅިގެން ކުރި ޓުވީޓެއްގައެވެ.
ރާއްޖޭން ކޮވިޑަށް ޕޮޒިޓިވްވާ މީހުންގެ ފަރުވާގެ ކަންކަން ބަލަހައްޓަމުން ދަނީ ސަރުކާރުންނެވެ. ނަމަވެސް ބަލީގައި ހާލު ސީރިއަސްވެ ބަނޑަށް ހަތް މަހުގައި ދަރިފުޅު ނަގަން ޖެހުނު، ބަންގުލަދޭޝްގެ އަންހެނެއްގެ ބިލަށް ތިން ލައްކައެއްހާ ރުފިޔާ އަރާފައިވާ ކަމަށް ބުނެ އޭނާގެ ފަރާތުން ބަޔަކު ވަނީ އާންމުންގެ އެހީތެރިކަމަށް އެދިފައެވެ.
އެ ފައިސާއަކީ ކޮވިޑަށް ފަރުވާ ހޯދުމުން އެރި ފައިސާ ކަމަށް ނުވަތަ އޭގެ ފަހުން އެރި ފައިސާ ކަމެއް ސާފެއް ނުވެއެވެ. އަދި އެ ފައިސާ މިހާރު ވަނީ އައިޖީއެމްއެޗުން މައާފުކޮށްދީފައިވާ ކަމަށް އާއިލާ އިން ބުނި ނަމަވެސް މައާފުކޮށްދިން ފައިސާއަކީ ކޮން ހިދުމަތްތަކަކަށް އެރި ފައިސާއެއް ކަމެއް އައިޖީއެމްއެޗަކުން ނުބުނެއެވެ.