(02 ޖުލައިގެ އަދަދާ ގުޅޭ)
ثــويـبــة އަކީ އިތުރު ސާހިބާގެ ބޮޑުބޭބޭފުޅެއްކަމުގައިވާ أبــو لـهـب ގެ އަޅެކެވެ. ބައެއް ރިވާޔަތްތަކުގައިވާގޮތުން أبــو لـهـب ވަނީ އެކަމަނާ މިނިވަންކޮށްފައެވެ. آمـنــة ގެފާނު އިތުރު ސާހިބާ ރައްކައުވިރޭ އެ އުފާވެރިކަމުގެ ޚަބަރާއިގެން أبــو لـهـب ގެ ގާތަށް ދިޔުމުންނެވެ. ނަމަވެސް އަނެއްބައި ރިވާޔަތްތަކުގައިވާގޮތުން أبــو لـهـب އެކަމަނާ މިނިވަނެއް ނުކުރެއެވެ. ކައުސާހިބާ صلّــى اللّـه عليـه وسلّـم، أمّ المـؤمـنـين السّــيّدة خـديـجــة رضـى اللّـه عنــهــا އާ ކާވެނިބައްލަވައިގެންނެވުމުން خـديـجــة ގެފާނު ثــويـبــة މުކާތިބު އަޅަކަށް ހަދައިދިނުން އެދިވަޑައިގެން أبــو لـهـب ގެ ކިބައިން އެކަން އެދިވަޑައިގެންނެވިއެވެ. أبــو لـهـب ބުނި ކޮންމެ އަގެއް ދެއްވާގޮތަށެވެ. އެކަމަކު أبــو لـهـب އެކަން ގަބޫލެއް ނުކުރިއެވެ.
ކޮންމެއަކަސް ކައުސާހިބާ صلّــى اللّـه عليـه وسلّـم އެކަމަނާ ދުނިޔޭގައި އިންނެވިހައި ދުވަހު އެކަމަނާއަށް ކަމޭހިއްތެވިއެވެ. ޚިދުމަތްކުރެއްވިއެވެ. އިތުރު ސާހިބާ މައްކާއިން މަދީނާއަށް ހިޖުރަކުރެއްވުމަށްފަހު މަދީނާއިންވެސް އެކަމަނާއަށް ފައިސާއާއި ހެދުންކޮޅާއި އެހެނިހެން ތަކެތި ހަދިޔާއަށް ފޮނުއްވަމުން ގެންދެވިއެވެ. ثــويـبــة އަވަހާރަވީ ހިޖުރައިން ހަތްވަނަ އަހަރުއެވެ. އިތުރު ސާހިބާ އެކަމަނާ އަވަހާރަވުމުން އެކަމަނާގެ ދަރިކަލުން مســروق ކޮބައިތޯވެސް ބެއްލެވިއެވެ. އޭނާއަށް އެހީފުޅުވެވަޑައިގެން ދެއްވުމަށްޓަކައެވެ. އެކަމަކު އޭރު مســروق ވެސް ވަނީ އަވަހާރަވެފައެވެ. ثــويـبــة އިސްލާމްވެވަޑައިގެންނެވިކަމާމެދުވެސް މުއައްރިޚުންގެ މެދުގައި ޚިލާފު ހުރެއެވެ. ކޮންމެއަކަސް ޖުމްހޫރުންގެ އަރިހުގައި ރާޖިހު ބަހަކީ އެކަމަނާ އިސްލާމްވެވަޑައިގެންނެވި ކަމުގައި ބުނެވޭ ބަހެވެ.
އެދުވަސްވަރު މައްކާއަކީ ވިޔަފާރީގެ ރަށެކެވެ. އަޙާބީޝުންގެ އަވަށެއްވެސް މައްކާގައި އޮތެވެ. އަނެއްކާ އަޅުންގެވެސް ގިނަބަޔަކު މައްކާގައި ދިރިއުޅެމުން ގެންދެއެވެ. އެހެނިހެން ރަށްރަށުންވެސް ގިނައަދަދެއްގެ މީހުން މައްކާއަށް ވިޔަފާރިކަމު އައިސްގޮސް އުޅެއެވެ. ޢަރަބިބަސް ފިޔަވައި އެހެނިހެން ބަސްބަސްވެސް ބޭނުންކުރެވެއެވެ. އެހެންކަމުން އެޒަމާނުގެ ނިސްބަތުން މައްކާއަކީ މެޓްރޮޕޮލިޓެން ސިޓީއެކޭ ދަންނަވާނެ ޖާގަ އެބައޮތެވެ. ނަތީޖާއެއްގެގޮތުން މައްކާގައި ބޭނުންކުރާ ޢަރަބިބަހާ އެހެނިހެން ބަސްބަހާ ވަނީ ކޮންމެވެސްވަރަކަށް މައްސުނިވާން ފަށައިފައެވެ. އަނެއްކޮޅުން ޢަރަތްބެއްގެ އެންމެބޮޑު ޝަރަފަކީ އޭނާގެ ބަހަކީ ޚާލިޞް ޢަރަބިބަސް ކަމުގައިވުމެވެ. ޢަރަބީންނަކީ އެބައިމީހުންގެ ބަސްވާރުކަމާމެދު ފަޚުރުވެރިވާ ބައެކެވެ. އެމީހުން ޢަރަބީން ފިޔަވައި އެހެން ކޮންމެ މީހަކާމެދު ބުނަނީ ޢަޖަމީއެއް ކަމުގައެވެ. އާދެ މަންމަނެއް ކަމުގައެވެ. އެހެންކަމުން ކޮންމެ ޤުރައިޝަކުވެސް އެންމެބޮޑަށް ސަމާލުކަންދޭ އެއްކަމަކީ، ތިމާގެ ދަރިފުޅަކީ ޚާލިޞް ޢަރަބިބަހުން ވާހަކަ ދައްކާ ބަސްތައް ފޮނި ބަސްވާރަކަށް ހެދުމެވެ. ޤުރައިޝުން އެކަމަށް ވަރަށްބޮޑަށް ގަދައަޅައި މަސައްކަތް ކުރެއެވެ. ކައުސާހިބާ صلّــى اللّـه عليـه وسلّـم ދުނިޔޭގެ އަލިކަން ދެކެވަޑައިގެންނެވުމާ ވިދިގެން އެމާތް ސާހިބާގެ ކާފާފުޅު އެކަލޭގެފާނު އުރުވަޑުއްވައިގެން ގެފުޅުގެ ތެރޭގައި ހުންނަވައި ކުރެއްވި ދުޢާފުޅުގައިވެސްވަނީ އެމާތް ސާހިބާއަކީ ކުޅަދާނަފުޅު ބަސްވާރެއް ކަމުގައްޔާއި ދޫފުޅު ފަސޭހަ ބަސްމޮށުންތެރިޔަކު ކަމުގައި ލެއްވުން އެދިވަޑައިގެން ދުޢާކުރައްވައިފައެވެ. އެކަމުންވެސް އެނގެނީ އެޒަމާނުގެ ޢަރަބީންގެ ތެރޭގައި ބަހަށް ކުޅަދާނަވުމަކީ ކިހައި މުހިންމު ކަމެއްކަމެވެ.
އެދުވަސްވަރު މައްކާއަކު ސްކޫލެއް ނުހުރެއެވެ. އެހެންވެސް ބާވަތެއްގެ ފަންނެއް އުނގަންނައިދޭ މަރުކަޒެއް ނުހުރެއެވެ. އެހެންކަމުން މައްކާގެ އަމީރުން އެބައިމީހުންގެ ދަރީން ބޮޑުކުރުވަނީ ބާދިޔަތުގައެވެ. ބަދަވީ ޤަބީލާތަކުގެ ތެރޭގައެވެ. އެކުދީންގެ ބަހަކީ މައްސުނިވުމެއްނެތް ޚާލިޞް ޢަރަބިބަސް ކަމުގައި ހެދުމަށްޓަކައެވެ. ޖަމަލަށް ސަވާރުވުމާއި އަސްދުއްވުމާއި ހުސިޔާރުކަމާއި ކެރުމާއި މިނޫންވެސް ޢަރަބިވަންތަ ސިފަތައް އަށަގެންނެވުމަށްޓަކައެވެ.
ބަދަވީ އަންހެނުން މައްކާއަށް އައިސް ޤުރައިޝުވަންހައިން ކިރުދޭނެ ކުދީން ހޯދައިގެން ގެންދަނީ ބާދިޔަތަށެވެ. އެކުދީންގެ އުމުރުން ގާތްގަނޑަކަށް ހައަހަރު ހަތްއަހަރު ވަންދެން އެކުދީން ބާދިޔަތުގައި ގެންގުޅެއެވެ. އެބައިމީހުންގެ ދަރީންނާއެކު ބާދިޔަތުގެ މާހޫލުގައި ބޮޑުކުރެއެވެ. ދޭތެރެދޭތެރެއިން މައްކާއަށް އެކުދީންގެ މައިންބަފައިންގެ ކައިރިޔަށް ގެނެއެވެ. އެބައިމީހުންގެ އަތުން އިނާމާއި ހަދިޔާ ހޯދައިގެން އަނެއްކާވެސް އެކުދީން ގޮވައިގެން ދަނީ ބާދިޔަތަށެވެ. އާދެ، ސަހަރާތަކުގައްޔާއި ޖަންގަލިތަކުގައި ދިރިއުޅޭ ބަދަވީންގެ ފޭލިގެތަކުގެ އަވަށްއަވަށަކީ މައްކާގެ އަޝްރާފުންގެ ކުދީންގެ ނާސަރީއެވެ. އެކުދީންގެ ފަށާތަޢުލީމުގެ މަދަރުސާއެވެ. ކުރީންވެސް ދެންނެވި ފަދައިން އެކުދީން އެމާހޫލުން ޢަރަބިބަސް އުނގެނެއެވެ. ސަހަރާވީ ދިރިއުޅުމުގެ އަދަބު އަޚުލާޤު ލިބިގަނެއެވެ. ބަދަވީ ޤަބީލާތަކުގެ ތެރެއިން ބައެއް ޤަބީލާތަކަކީ ކުދީން ތަރުބިޔަތުކުރަން ޚާއްޞަގޮތެއްގައި މަޝްހޫރުވެފައިވާ ޤަބީލާތަކެވެ. އެފަދަ މަޝްހޫރު އެއް ޤަބީލާއަކީ މައްކާގެ އިރުދެކުނުގައި ދިރިއުޅުނު سعــد بــن بكــر ވަންހައެވެ. އެވަންހަޔަކީ ހަވާޒިނު ވަންހައިގެ ގޮތްޕެކެވެ. ކައުސާހިބާ صلّــى اللّـه عليـه وسلّـم ކިރުފޮދު ހިއްޕަވަން އުޅުއްވީ އެވަންހައިގެ ތެރޭގައެވެ. އިތުރު ސާހިބާ އެއްފަހަރަކު ޙަދީޘް ކުރެއްވިއެވެ. "އަހުރެންނަކީ ތިޔަބައިމީހުންކުރެ އެންމެބޮޑަށް ޢަރަބިބަސް ދަންނަ މީހާއެވެ. އެހެނީ އަހަންނަކީ ޤުރައިޝަކީމެވެ. އަހުރެން ކިރުބުއިމުގެ އުމުރު ހޭދަކުރީ سعــد بــن بكــر ވަންހައިގެ މީހުންގެ ތެރޭގައެވެ."
މިދެންނެވި ގޮތުގެމަތީން ޤުރައިޝުންގެ އަރާތިބި ބޮޑުންގެ ކުދީން ތަރުބިޔަތުވަމުން އައީ سعــد بــن بكــر ވަންހައިގެ މީހުންގެ ތެރޭގައެވެ. ޤުރައިޝުވަންހައިގެ ބޮޑުން އެބައިމީހުންގެ ދަރީން ބަދަވީންގެ ނާސިރީއަށް ފޮނުވަމުން ގެންދިޔުމުގެ ބައެއް އެހެނިހެން ސަބަބުތައްވެސް ހުއްޓެވެ. އެއްސަބަބަކީ އެދުވަސްވަރު ސަހަރުތަކުގައި ޢާއްމުގޮތެއްގައި ގިނަގިނައިން ވަބާއީ ބަލިތައް ފެތުރުމެވެ. އަބުރަހަތު މައްކާއަށް ދިން ޙަމަލަޔަށްފަހު މައްކާގައި ދޭތެރެ ދޭތެރެއިން ކަށިވިދުރިއާއި ހިމަބިހިވެސް ހިލިގަންނަގޮތް ދިމާވެއެވެ. ސަހަރުތަކަށްވުރެ ބާދިޔަތުގައި ވައިފެން ރަނގަޅެވެ. އެހެންކަމުން ޢާއްމުކޮށް ވަބާއީ ބަލިތަކެއް ނުއުޅެއެވެ. ހާމަ ވައިގެ ތެރޭގައި ޤުދުރަތީ މާހޫލުގައި ކުދީން މާއަވަހަށް ހެދިބޮޑުވެއެވެ. ކުދީންގެ ކިބައިގައި ކެރުމާއި ހުސިޔާރުކަން އަށަގަނެއެވެ. ޤުރައިޝުންގެ ކާބަފައިންނަކީ ސަހަރާވީ ބަދަވީންނެވެ. ބާދިޔަތުގައި ޙާކިމެއް ރައްޔިތެއްގެ ފަރަގެއް ނުހުރެއެވެ. އޮންނަނީ މިނިވަންކަމެވެ. ހަމަހަމަކަމެވެ. ޢަރަބީންނަކީ ޝަޚުޞީ މިނިވަންކަމަށް ޤަދަރުކުރާ ބައެކެވެ. ކުޑަކުދީން މިނިވަން ބަދަވީ ޤަބީލާތަކުގައި ބޮޑެތިވުމުން މިނިވަން މުޖުތަމަޢުގެ ހޭޑިފޭޑިއާއި އަދަބު ސަދަބު ދަސްވެއެވެ. ކާބަފައިންގެ ޝަޚުޞިއްޔަތު އެކުދީންގެ ކިބައިގައި އާލާވެއެވެ.
ބާދިޔާތަކުގައި އޮންނަނީ ފޭލިގޭގެ ދިރިއުޅުމެވެ. އެބައިމީހުން ޤާފިލާތަކުގައި ދަތުރުކުރަނީ ތަރިތަކުން މިސުރާބު ހިފައިގެންނެވެ. ރޭގަނޑުއެވެ. އެ މާހޫލުގައި ބޮޑެތިވާ ކުދީންނަށް އެހުރިހާކަމެއް ދަސްވެއެވެ. ބަދަވީ އަންހެނުންނަކީ ކުދީން ގެންގުޅުމުގެ ތަޖުރިބާކާރުންނެވެ. އެބައިމީހުން ކުދީންނަށް ކިރުދީ ގެންގުޅުމަކަށް ފައިސާއިން އަގެއް ނާތުލައެވެ. އެބައިމީހުންގެ ނަޒަރުގައި އެއީ ހުތުރު ކަމެކެވެ. ކުދީންނަށް ކިރުދީ ގެންގުޅެ ހެދުމުން އެކުދީންނާއި ކިރުމައިންނާއި އާޔާއިންނާ އެބައިމީހުންގެ ފިރީންނާއި ދަރީންނާ ތިމާގެކަމުގެ ގުޅުމެއް އުފެދެއެވެ. އެގުޅުން ދެފަރާތުގެ މުޅި އުމުރަށް ދެމިއޮވެއެވެ. ލޭގެ ގުޅުމެކޭ އެއްގޮތަށް ކިރުގެ ތިމާގެކަމުގެ ގުޅުމަކީވެސް ޢަރަބީންގެ ތެރޭގައި ވަރަށްބޮޑަށް އަހަންމިއްޔަތުދެވޭ ގުޅުމެކެވެ. ހުރުމަތްތެރި ގުޅުމެކެވެ. ބަދަވީ އަންހެނުން ކިރުދީ ގެންގުޅޭ ކުދީން އެކުދީންގެ ކިރުމައިންނާއި އާޔާއިންނާ މައިދަރިކަމުގެ ގުޅުން ބާއްވައެވެ. އެބައިމީހުންގެ ބޭނުންތަކާމެދު ޚިޔާލު ބަހައްޓައެވެ. ޙަޔާތުގައި އެކިއެކި ކަންކަމަށް ބޭނުންވާ ތަކެތީގެ ތެރެއިން ސަހަރާތަކާއި ބާދިޔާތަކުން ލިބޭން ނުހުންނަ ތަކެތި އެއުރެންނަށް ހޯދައިދެއެވެ. ސަހަރުގެ ކުއްޖަކު ބަދަވީ އަންހެނެއްގެ ގާތުން ކިރުބޮއިފިނަމަ އެކުއްޖަކު ބޮޑުވުމަށްފަހު ކިރުގެ މަންމައިންނާއި ކިރުގެ ބައްޕައިންނާއި އަޚުން އުޚުތުންނާ ގުޅުން ބާއްވައެވެ.
سعــد ވަންހައިގެ އަންހެނުންގެ ތެރެއިން ކައުސާހިބާ صلّــى اللّـه عليـه وسلّـم އަށް ކިރުފޮދު އެރުއްވީ أبــو ذويـب ގެ ދަރިކަނބަލުން حـليمــة السّعــديّــة އެވެ. އެކަމަނާގެ ފިރިކަލުންގެ ނަންފުޅަކީ حــارث بن عبــدالـعــزى އެވެ. حــارث ގެކުންޔަތުގެ ނަންފުޅަކީ أبــوكبـشـه އެވެ. ކައުސާހިބާ صلّــى اللّـه عليـه وسلّـم ރަސޫލުކަމާއިގެން ފޮނުއްވުމަށްފަހު ޤުރައިޝުންގެ ބޮޑުންވަނީ إبـن أبــى كبـشـه ގެ ނަމުން އިތުރު ސާހިބާއާ މުޚާޠަބު ކޮށްފައެވެ. އިތުރު ސާހިބާއަށް މަލާމާތްކޮށް ތައުހީނު ކުރުމުގެ ގޮތުންނެވެ. އިތުރު ސާހިބާއަށްވުރެ ކުރީންވެސް حـليمــة ގެފާނު ވަނީ عـبـدالمطّـلـب ގެފާނުގެ ކާފަދަރިކަލަކަށް ކިރުފޮދު އަރުއްވައިފައެވެ. أبــوسفيــان بــن حــارث بــن عـبـدالمطّـلـب އެވެ. ކައުސާހިބާ ކިރުފޮދު ހިއްޕަވާ އުމުރުފުޅަށް އެޅުނުއިރު އެމާތް ސާހިބާގެ ބޮޑުބޭބޭފުޅު حـمــزة ހުންނެވީ ކިރުފޮދު ހިއްޕެވުމަށްޓަކައި سعــد ވަންހައިގެ މީހުންގެ ތެރޭގައެވެ. އެހެންކަމުން هــاشـم ވަންހައިގެ ބޭކަލުންނަކީ سعــد ވަންހައިގެ މީހުންނަށް އިތުރު ތަޢާރުފަކަށް ބޭނުންވާ ބޭކަލުންނެއް ނޫނެވެ.
حـليمــة ގެފާނު ވިދާޅުވެފައިވެއެވެ. "އަހަރެމެން މައްކާއަށް އައިސް އަހަންނަށް އަދި ކިރުދޭނެ ކުއްޖަކު ހޯދާން ނުއުޅެވިހުއްޓައި އަހަންނާއެކުގައި އައި ކޮންމެ އަންހެނަކު ކިރުދޭނެ ކުއްޖަކު ހޯދައިފިއެވެ. މައްކާގެ ރަނގަޅު ރަނގަޅު މާތް މީހުންގެ ދަރީންނެވެ. އެމީހުން އެނބުރި ރަށަށްދިއުމާ ބެހޭގޮތުން ވާހަކަދައްކާން ފަށައިފިއެވެ. އެމީހުންނަށްވެސް سـيّـدة آمـنــة ގެ ޔަތީމު ރަންމުތުގެ ޚަބަރު ލިބުނެވެ. އެކަމަކު އެދަރިކަލުން ބަލައެއް ނުދެއެވެ. ޔަތީމު ބޭފުޅަކު ކަމުގައި ވާތީއެވެ. ލިބޭނެ ހަދިޔާ ބަދިޔާ މަދުވާނެކަމުގައި ހީކޮށްގެންނެވެ. މިހެންވެފައިވަނިކޮށް އަހަންނާ عـبـدالمطّـلـب ގެފާނާ ދިމާވެއްޖެއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. ކަނބުލޭގެއަކީ ކާކުހެއްޔެވެ؟ ކޮންވަންހައެއްގެ މީހަކީމުހެއްޔެވެ؟ އަހަރެން ދެންނެވީމެވެ. އަޅުގަނޑަކީ سعــد ވަންހައިގެ މީހަކީމެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. ތިޔައީ ކިރުދޭނެ ކުދީން ހޯދާން އައިމީހުންތާއެވެ. ކަނބުލޭގެ ނަމަކީ ކޮބައިހެއްޔެވެ. އަހަރެން ދެންނެވީމެވެ. أبــو ذويـب ގެ ދި حـليمــة އެވެ. عـبـدالمطّـلـب ގެފާނު ހިނިފުޅުވަޑުވައިލައްވައިފައި ވިދާޅުވިއެވެ. ބާއްޖަވެރިކަމާއި ޙިލްމާ
މި ދެސިފައަކީ ކޮންމެ ޒަމާނެއްގައިވެސް ކަމޭހިތެވޭ އަދި މާތްކޮށް ހިތެވޭ ދެސިފައެވެ. އޭ حـليمــة އެވެ. ކަމަނާ ތިމަންކަލޭގެފާނުގެ ގަނޑުވަރުގައިވާ ތިމަންކަލޭގެފާނުގެ ޔަތީމު ކާފަދަރިކަލަކަށް ކިރުފޮދު އެރުވުމުގެ ބަރަކާތް ލިބިގަތުން ކީއްހެއްޔެވެ؟ އަހުރެން ދެންނެވީމެވެ. އަޅުގަނޑުގެ ގޭގެ މީހުނާ ވާހަކަ ދައްކައިލައިފައި އަންނަންދެން ކަލޭގެފާނު އެހެންމީހަކު ނުހޯއްދަވައި ހުންނެވުން އެދެމެވެ. އަހަރެންގެ ފިރިކަލުންނާ ވާހަކަ ދައްކައިލުމުން އެދަރިކަލުން ނަގަން އޭނާ ވަރަށް އުފަލާއެކު ގަބޫލުވެލައްވައިފިއެވެ. ދެން އަހަރެން އެނބުރި އައިއިރު عـبـدالمطّـلـب ގެފާނު އަހަރެންގެ އިންތިޒާރުގައި ހުންނެވިއެވެ. އަހަރެން ދެންނެވީމެވެ. އަޅުގަނޑުގެ ގޭގެ އަހުލުވެރީން ގަބޫލެވެ. އަވަހަށް ތިޔަ ދަރިކަލުން ދައްކަވާށެވެ. ދެން އެކަލޭގެފާނު އަހުރެން ގޮވައިގެން آمـنــة ގެފާނުގެ ގަނޑުވަރަށް ވަޑައިގެންފިއެވެ.
އަހަރެން އެގަނޑުވަރަށް ދިޔައިރު އެދަރިކަލުން އޮންނެވީ ފެހިފަށުވި ދާންކޮޅެއްގައެވެ. ގައިކޮޅުގައި ލައިފައިއޮތީ ހުދުކެހެރި ފޭރާންކޮޅެކެވެ. އެދަރިކަލުންގެ ރިވެތިކަމާއި ފުރިހަމަކަމަށްޓަކައި ހެއިފުޅުއަރުވާން ނުކެރިފައިހުއްޓައި آمـنــة ގެފާނު ވަޑައިގެންފިއެވެ. އެކަމަނާ ވަޑައިގެން ވާހަކަފުޅު ދައްކަވާން ފެއްޓެވިތަނާ އެދަރިކަލުން ލޯފުޅު ހުޅުއްވައިލައްވައިފައި ހިނިވަރުނަ ކުރައްވައިފިއެވެ. އަހަރެންވީ ލޯބިން އެދަރިކަލުން އުރުވަޑުވައި ދެބުމަފުޅު ދެމެދުގައި ބޮސްދީފީމެވެ. އެދަރިކަލުން ގޮވައިގެން އިށީނދެއްޖައީމެވެ. (އައްސިޔަރަތުއް ނަބަވިއްޔާ - صـلاح الـدّيــن)
ކައުސާހިބާ صلّــى اللّـه عليـه وسلّـم ބާދިޔަތުގައި ހުންނަވައި ބޮޑުފުޅުވަމުން ވަޑައިގެންނެވީ ޞިއްޙަތު ރަނގަޅު އެހެންކުދީން ބޮޑެތިވާވަރަށްވުރެ މާއަވަހަށެވެ. (ސީރަތުގެ ރަންހާރު - عـبـداللّـه جــلال الـدّيــن) حـليمــة ގެފާނުގެ އަރިހުން ރިވާވެފައިވާ ގޮތުގައި ކައުސާހިބާގެ އުމުރުފުޅުން ދެމަސްފުޅު ފުރުމާއެކު ރަނގަޅަށް ފިރުކިވަޑައިގެންފިއެވެ. ތިންމަހުގެ ތެރޭގައި ދެފައިންޕުޅުމައްޗަށް ތެދުވެވަޑައިގެންފިއެވެ. ހަތަރުމަހުގެ ތެރޭގައި ބިތުގައި ހިއްޕަވައިގެން ހިންގަވައެވެ. ފަސްމަހުގެ ތެރޭގައި އެންމެ ރަނގަޅަށް ހިންގަވައިފިއެވެ. އަށްމަސް ފުރުނުތަނާ ވާހަކަފުޅު ދައްކަވަން ފައްޓަވައިފިއެވެ. ނުވަމަސް ފުރިހަމަވީއިރު ދޫފުޅު ފަސޭހަކަމާއެކު ކޮންމެ ވާހަކަފުޅެއްވެސް ދައްކަވައެވެ. ދިހަމަސްވީއިރު ކުދީންނާއެކު އަމާޒުފަތްގަނޑަށް ދުނި އުއްކަވަން ވަޑައިގަންނަވައެވެ. (އައްސިޔަރަތުއް ނަބަވިއްޔާ - صـلاح الـدّيــن)
حـليمــة ގެފާނު އިތުރު ސާހިބާ ގޮވައިގެން ކޮންމެ ހަމަހަކުން އެއްފަހަރު މައްކާއަށް ވަޑައިގަންނަވައެވެ. މަންމާފުޅަށާއި ތިމާގެފުޅު އެހެން ބޭފުޅުންނަށް ދައްކަވައެވެ. އިތުރު ސާހިބާގެ އުމުރުފުޅުން ދެއަހަރުފުޅު ފުރިހަމަވެ ކިރުފޮދު ހިއްޕެވުން ހުއްޓައިލެއްވުމުން حـليمــة ގެފާނު އިތުރު ސާހިބާ ގޮވައިގެން މައްކާއަށް ވަޑައިގެންނެވިއެވެ. سـيّـدة آمـنــة ބޭނުންފުޅުވީ ދަރިކަލުން އެހައިތަނުން އެކަމަނާގެ އަރިހުގައި ބަހައްޓަވާށެވެ. ނަމަވެސް އިތުރު ސާހިބާއާ ވަކިވެވަޑައިގަންނަވާކަށެއް حـليمــة ގެފާނުގެ ހިތްޕުޅު ފަސޭހަފުޅެއް ނޫނެވެ. އެހެންކަމުން حـليمــة ގެފާނު ވިދާޅުވިއެވެ. "މި މައްކާގައި ބޭރަށް ހިންގުމުގެ ރޯގާއެއް އުޅޭތީ އަޅުގަނޑު ބިރުގަނެއެވެ. އެހެންކަމުން މިވަގުތު މިދަރިކަލުން މައްކާއަށް ދޫކޮށްލާކަށެއް އަޅުގަނޑުގެ ހިތަކަށެއް ފަސޭހައެއް ނޫނެވެ." سـيّـدة آمـنــة އެކަމާ އެއްބަސްވެވަޑައިގެންނެވިއެވެ. އެކަމަނާ ރުހިވަޑައިގެންނެވުމުން حـليمــة ގެފާނު އިތުރު ސާހިބާ ގޮވައިގެން އަނެއްކާވެސް ވަޑައިގެންނެވީ އެކަމަނާގެ ރަށަށެވެ. އިތުރު ސާހިބާ سعــد ވަންހައިގެ މީހުންގެ ތެރޭގައި ފަސްއަހަރުފުޅު ފުރޭންދެން ހުންނެވިއެވެ.
(ނުނިމޭ)
ދީން
ދީން
ދީން
ދީން