ޚަބަރު

ނަފުރަތުގެ ބިލު ހުށަހަޅައިގެން މަރަން ގޮވާއިރުވެސް ސަރުކާރުން ހިސާން ދިފާއުއެއް ނުކުރި: އީވާ

މުއާވިޔަތު އަންވަރު

މުސްލިމަކާ ދިމާލަށް އާންމު ތަނެއްގައި ކާފަރެކޭ ބުނުން (ލާދީނީ ކިޔުން) އެއީ ޖިނާއީ ކުށެއް ކަމުގައި ކަނޑައަޅަން ގާނޫނުލްއުގޫބާތަށް އިސްލާހު ގެންނަން ސަރުކާރުގެ ފަރާތުން ތުޅާދޫ ދާއިރާގެ މެމްބަރު ހިސާން ހުސެއިން މަޖިލީހަށް ހުށަހެޅުއްވި ބިލާ ގުޅިގެން އޭނާ މަރަން ގޮވިއިރުވެސް، ސަރުކާރުން ހިސާން ދިފާއު ނުކުރެއްވި ކަމަށް ވިދާޅުވެ ރައްޔިތުންގެ މަޖިލީހުގެ ނާއިބު ރައީސް އަދި ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ އަބްދުﷲ ސަރުކާރަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން އީވާ ވިދާޅުވީ، އެ ބިލް މަޖިލީހަށް ހުށަހަޅައިގެން މިހާތަނަށް ހާސިލުވެފައިވަނީ އެންމެ ކަމެއް ކަމަށާއި އެއީ ތުޅޫދާ ދާއިރާގެ މެންބަރު ހިސާން ހުސައިން ނުރައްކަލާއި މަރުގެ ތުންފަތް މައްޗަށް ލުން އެކަނި ކަމަށެވެ.

"ސަރުކާރުން މި ބިލު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވާފައި ސަރުކާރުގެ އެޓާނީ ޖެނަރަލް ފިޔަވައި އެންމެ ބޭފުޅަކު ވެސް ތުޅާދޫ ދާއިރާގެ މެންބަރު މަރަން، މަރަން، މަރަން، ލާދީނީ، ލާދީނީ، ލާދީނީ، ގޮވިއިރު އެންމެ ބޭފުޅަކު ވެސް ތުޅާދޫ ދާއިރާގެ މެންބަރު ހިސާން ދިފާއުކޮށްނުލެވޭ،" އޭނާ ވިދާޅުވިއެވެ.

މަޖިލީހަށް އެ ބިލު ހުށަހެޅުއްވުމަށް ފަހު ތުޅާދޫ ދާއިރާގެ މެންބަރު އުޅުއްވަން ޖެހިފައިވަނީ ވަށައިގެން ބޮޑީގާޑުން ލައިގެންކަން ފާހަގަކުރައްވައި އީވާ ވިދާޅުވީ، ގޭގެ އެއް ފްލޯއިން އަނެއް ފްލޯއަށް ވެސް ސިފައިންނާ ނުލައި ނުދެވޭ ކަމަށެވެ. އެކަމާ ހިތާމަކުރައްވާ ކަމަށް ވެސް އީވާ ވިދާޅުވިއެވެ.

އެއީ ސަމާސާ ކަމެއް ނޫންކަން ފާހަގަކުރައްވައި އީވާ ވިދާޅުވީ، ބިލު ހުށަހެޅުއްވުމަށް ފަހު ސަރުކާރު ތެރެއިން އެއްބާރުލުން ނުލިބުމުގެ އިތުރުން ޕާލިމެންޓްރީ ގްރޫޕުގެ ތެރެއިން ވެސް ނަފުރަތު އަމާޒުވެފައިވާ ކަމަށެވެ.

ހިޔާލުތަފާތުވުންތަކާ ހެދި މިއަދުގެ ޖަލްސާގައި ވަނީ އެ ބިލު ފާސްނުކޮށް އަނބުރާ ކޮމެޓީއަށް ފޮނުވާލުމަށް ފާސްކޮށްފައެވެ.