Close
ޚަބަރު

ހިތްވަރު ނެތިއްޔާ ނަފުރަތުގެ ބިލުފަދަ ބިލުތައް ނުފޮނުވުމަށް މެންބަރު ވަހީދު ރައީސް ސޯލިހަށް ގޮވާލައިފި

އިބްރާހިމް ޒަކީ

ހިތްވަރު ނެތިއްޔާ، މުސްލިމަކާ ދިމާލަށް އާންމު ތަނެއްގައި ކާފަރެކޭ ބުނުން (ލާދީނީ ކިޔުން) އެއީ ޖިނާއީ ކުށެއް ކަމުގައި ކަނޑައަޅަން ގާނޫނުލްއުގޫބާތަށް އިސްލާހު ގެންނަން ހުށަހެޅި ބިލު ފަދަ ބިލުތައް މަޖިލީހަށް ނުފޮނުވުމަށް ރައްޔިތުންގެ މަޖިލީހުގެ އުނގޫފާރު ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު، ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހަށް ގޮވާލައިފިއެވެ.

ވަހީދު މިކަމަށް ގޮވާލެއްވީ ސަރުކާރުން ފޮނުވާފައިވާ ނަފުރަތުގެ ބިލަކީ، އެ ބިލު ސްޕޮންސާ ކުރި ތުޅާދޫ ދާއިރާގެ މެމްބަރު ހިސާން ހުސެއިން ހުށަހެޅުއްވި ބިލެއް ކަމަށް ބުނެ އެކި ފަރާތްތަކުން ހިސާނަށް ފާޑު ކިޔަމުންދާ އިރު، އެކަން އޮޅުންފިލުވައި ދިނުމުގެ ގޮތުން ސަރުކާރުން އެއްޗެއް ބުނެފައިނުވާތީ ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެ ވާހަކަ ދައްކަމުންނެވެ.

ވަހީދު ވިދާޅުވީ، މި ބިލު ސަރުކާރުން މަޖިލީހަށް ފޮނުއްވުމަށްފަހު ކަންތައް ކުރީ، އެ ބިލު މަޖިލީހަށް ހުށަހެޅުއްވި ހިސާން ''ހަވަރައްދޭ'' އުސޫލުން ކަމަށެވެ. އެގޮތުން އެ ބިލަކީ ހިސާން ހުށަހެޅުއްވި ބިލެއް ކަމަށް ދޭހަވާ ގޮތަށް ދައުލަތުގެ މީޑިއާ، ޕީއެސްއެމުންވެސް ހަބަރު ފަތުރާފައިވާ ކަމަށް ވިދާޅުވިއެވެ.

"އަޅުގަނޑު ވަރަށް ބޮޑަށް ކުށްވެރިކުރަން ސަރުކާރުން މި ބިލު ފޮނުވާފައި ތުޅާދޫ ދާއިރާގެ އިއްޒަތްތެރި މެމްބަރު ހިސާން ހުސެއިން ހަވަރަށްދޭ އުސޫލުން ކަންތައް ކުރީމަ އެކަން ކުށްވެރިކުރަން. ރައީސުލްޖުމްހޫރިއްޔާއަށް ދަންނަވާލަން ހިތްވަރު ނެތިއްޔާ ނުކުރާނީ މިކަހަލަ ކަންކަން... މި ފާޑަށް ކަންކަން ނުކުރާށޭ،" ވަހީދު ވިދާޅުވިއެވެ.

އޭނާ އިތުރަށް ވިދާޅުވީ އެ ބިލުގެ ކަންތައް ދިޔަ ގޮތުން، ސަރުކާރުން މަޖިލީހަށް ފޮނުވާ ބިލަކީ ސަރުކާރުގެ ބިލެއްކަން ކަނޑައެޅޭނެ އުސޫލެއް ކަނޑައެޅިއްޖެ ކަމަށެވެ. އަދި އެމްޑީޕީގެ 65 މެމްބަރުގެ ތެރޭގައި ހުންނަވައިގެން ހަލާކުވެއްޖެ ކަމަށާއި މީހުން ގޮވާ އެއްޗެހީގެ ސަބަބުން މިހާރު މަގުމައްޗަށް ނުކުމެވެން ނެތް ކަމަށްވެސް ވިދާޅުވިއެވެ.