ޚަބަރު

ނަފުރަތުގެ ބިލު އަނބުރާ ކޮމިޓީއަށް ފޮނުވާލައިފި

އިބްރާހިމް ޒަކީ

މުސްލިމަކާ ދިމާލަށް އާންމު ތަނެއްގައި ކާފަރެކޭ ބުނުން (ލާދީނީ ކިޔުން) އެއީ ޖިނާއީ ކުށެއް ކަމުގައި ކަނޑައަޅަން ގާނޫނުލްއުގޫބާތަށް އިސްލާހު ގެންނަން ތުޅާދޫ ދާއިރާގެ މެމްބަރު ހިސާން ހުސެއިން ހުށަހެޅުއްވާފައިވާ ބިލު އަނބުރާ ކޮމިޓީއަށް ފޮނުވާލައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ބިލާބެހޭގޮތުން، ކުރިއަަށްދިޔަ ބަހުސްގައި އެމްޑީޕީ މެންބަރުންގެ މެދުގައި ބިލާމެދު ބޮޑެތި ހިޔާލު ތަފާތުވުން ތަކެއް އުފެދި ހޫނު ރައްދުދިނުންތަކެއް ކުރިއަށްދިޔައެވެ.

އެ ބަހުސްގެ ތެރެއިން އެހެން ސިޔާސީ ޕާޓީތަކާ މަޝްވަރާކޮށްގެން ބިލަށް ގެންނަންޖެހޭ އިސްލާހުތަކެއް ހުރިކަން ފާހަގަކޮށް، ބިލު އަނބުރާ ޖުޑިޝަރީ ކޮމިޓީއަށް ފޮނުވަން ހުށަހެޅުއްވީ، އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕުގެ ލީޑަރު، މެދު ހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމެވެ.

އަލީ އާޒިމްގެ ހުށަހެޅުއްވުމަށް ތާއީދު ކުރެއްވީ، އުނގޫފާރު ދާއިރާގެ މެމްބަރު މުހައްމަދު ވަހީދެވެ.

ބިލު ކޮމިޓީއަށް ފޮނުވާލުމަށް ނެގި ވޯޓުގައި ބިލު އަނބުރާ ކޮމިޓީއަށް ފޮނުވައިލުމަށް ވޯޓު ދެއްވީ، އެވަގުތު މަޖިލިސް ޖަލްސާގައި ތިއްބެވި 65 މެންބަރުންގެ ތެރެއިން 39 މެންބަރުން ވޯޓު ދެއްވައިގެންނެވެ. ބިލު ކޮމިޓީއަށް ފޮނުވައިލާން ނުފެންނަ ކަމަށް ތިން މެންބަރުން ވޯޓު ދެއްވިއެވެ.

އެ ބިލު ކޮމިޓީއަަށް ފޮނުވަން ބޭނުން ވަނީ 22 ވޯޓެވެ.

ގާނޫނުލްއުގޫބާތުގެ 124 ވަނަ މާއްދާއަށް އިސްލާހު ގެންނަން ހުށަހަޅާފައިވާ އެ ބިލުގައި، އާއްމު ތަނެއްގައި ވަކި މީހަކީ އިސްލާމް ދީނާ ހިލާފަށް އުޅޭ ނުވަތަ އިސްލާމް ދީނާ ދެކޮޅު މީހެއް ކަމަށް ތުހުމަތު ކުރުމަކީ ކުށެއް ކަމަށް ކަނޑައަޅަން ހުށަހަޅާފައި ވަނިކޮށް، އެއަށް ކޮމިޓީން ވަނީ އިސްލާހު ގެނެސްފައެވެ.

ކޮމިޓީން ގެނައި އިސްލާހުގައި ވަނީ ދީނީ އިލްމުވެރިންގެ މެދުގައި ރައުޔު ތަފާތުވެފައިވާ މައްސަލައެއްގައި، އޭގެ ތެރެއިން ވަކި ރައުޔެއްގައިވާ ގޮތަށް މީހަކު ފާޅުކުރި ޝުއޫރަކުން ނުވަތަ ކުރި އަމަލަކުން އެމީހަކީ އިސްލާމްދީނާ ހިލާފަށް އުޅޭ ނުވަތަ އިސްލާމްދީނާ އިދިކޮޅު މީހެއް ކަމަށް ނުވަތަ އެފަދަ މާނައިގައި އާންމު ތަނެއްގައި، ސިފަކުރުން ނުވަތަ ތުހުމަތު ކުރުމަކީ ކުށެއް ކަމަށް ކަނޑައަޅައިފައެވެ.

އިސްލާމީ އަގީދާއާ ގުޅުވައިގެން މުޖުތަމައުގައި މީހަކާ މެދު ނަފުރަތު އުފެއްދުމަކީ ކުށެއް ކަަމަށް ކަނޑައަޅަން ހިމަނާފައިވާ މާއްދާއަށްވެސް ކޮމިޓީން ވަނީ ބަދަލު ގެނެސްފައެވެ.

އެގޮތުން ގެނައި އިސްލާހުގައި މިހާރު ބުނަނީ، މުސްލިމަކު ކަނޑައެޅިގެން ކުފުރުގެ އަމަލެއް ނުވަތަ ބަހެއް ގަސްތުގައި ފާޅުނުކުރާހާ ހިނދަކު ނުވަތަ ގަސްތުގައި ފާޅުގައި ދީނުން ބޭރުވެ މުރުތައްދު ނުވާހާ ހިނދަކު، އާންމު ތަނެއްގައި އެމީހަކީ ކާފަރެއްގެ ގޮތުގައި ނުވަތަ މުރުތައްދު ވެފައިވާ މީހެއްގެ ގޮތުގައި ތުހުމަތު ކުރުން ނުވަތަ ސިފަކުރުން ނުވަތަ އެފަދައިން ތުހުމަތު ކުރުމުގައި ނުވަތަ ސިފަކުރުމުގައި ބައިވެރިވުމަކީ ކުށެއްް ކަމަށެވެ.

އާއްމުތަނެއްގައި ވަކި މިހަކީ އިސްލާމްދީނާ ހިލާފަށް އުޅޭ މީހެއް ނުވަތަ އިސްލާމްދީނާ ދެކޮޅު މީހަކު ކަމަށް ތުހުމަތު ކުރުުމުގެ އިތުރުން މީހަކާ ދެކޮޅަށް އަނިޔާވެރިވުމަށް ގޮވާލުމާއި އެފަދަ އަމަލަކަށް ހިތްވަރުދީ ބައިވެރިވުމަކީ ކުށެއް ކަމަށް ކަނޑައަޅާފައިވާ މާއްދާއަށް ބަދަލު ގެނެސް ކޮމިޓީން ގެނައި އިސްލާހުގައި މިހާރު ވަނީ، ވަކި ރައުޔެއްގައިވާ ގޮތަށް މީހަކު ފާޅުކުރި ޝުއޫރަކުން ނުވަތަ ކުރި އަމަލަކުން އެމީހަކީ އިސްލާމްދީނާ ހިލާފަށް އުޅޭ ނުވަތަ އިސްލާމްދީނާ އިދިކޮޅު މީހެއް ކަމަށް ނުވަތަ އެފަދަ މާނައިގައި އާންމު ތަނެއްގައި، ސިފަކުރުން ނުވަތަ ތުހުމަތު ކުރުމާއެކު އެމީހަކާ ދެކޮޅަށް އަނިޔާވެރިވުމަށް ގޮވާލުމަކީ ކުށެއް ކަމަށެވެ.

މީހެއްގެ ނަސްލަށް ނުވަތަ އުފަންވީ ގައުމަށް ނުވަތަ ކުލަޔަަށް ބަލައި އެމީހަކަށް ޖިސްމާނީ އަނިޔާއެއް ދިނުމަކީ ކުށެއް ކަމަށް ބިލުގައި ހުށަހަޅާފައިވާ އިރު، މީހެއްގެ ނަސްލަށް ނުވަތަ އުފަންވީ ގައުމަށް ނުވަތަ ކުލަޔަށް ނުވަތަ ސިޔާސީ ވިސްނުމަށް ނުވަތަ ދީނަށް ބަލައި އެމީހަކަށް ޖިސްމާނީ އަނިޔާއެއް ދިނުން ނުވަތަ ނުރައްކާތެރި ހަތިޔާރެއް ބޭނުން ކޮށްގެން އެމީހަކަށް ޖިސްމާނީ އަނިޔާއެއް ދޭން އުޅުން ނުވަތަ އެމީހަކަށް ޖިސްމާނީ އަނިޔާއެއް ދޭން ގޮވާލުން ނުވަތަ އެމީހަކާމެދު ތަފާތު ކުރުމަށް ގޮވާލުން އެއީ ކުށެއް ކަމައް ކަނޑައަޅަން ކޮމިޓީން ވަނީ އިސްލާހުކޮށްފައެވެ.

އާއްމު ތަނެއްގައި މުސްލިމަކު ކާފަރެއްގެ ގޮތުގައި ސިފަ ކުރުން ނުވަތަ ސިފަ ކުރުމުގައި ބައިވެރިވުން ނުވަތަ އާއްމު ތަނެއްގައި މުސްލިމަކަށް ކާފަރެއްް ކަމުގެ ތުހުމަތު ކުރުމާއި މީހެއްގެ ސިޔާސީ ވިސްނުމަށް ބަލައި އެމީހަކަށް ޖިސްމާނީ އަނިޔާއެއް ދިނުން ނުވަތަ ދިނުމުގައި ބައިވެރިވުން ނުވަތަ ދިނުމަށް ރޭވުމަށް ބިލުގައި ހިމަނާފައިވާ ދެ މާއްދާ ކޮމިޓީން ވަނީ އުނިކޮށްފައެވެ.

ގާނޫނުގެ 124 ވަނަ މާއްދާގެ ފަހަތަށް (ނ)ގެ ގޮތުގައި އަކުރެއް އިތުރުކުރުމަށްވެސް ކޮމިޓީން ވަނީ ބިލުގައި ހިމަނައިފައެވެ.

އެ މާއްދާގައި ބުނަނީ އިސްލާމްދީނާ ހިލާފަށް އުޅޭ ނުވަތަ އިސްލާމްދީނާ އިދިކޮޅު މީހެއް ކަމަށް ބިލުގައި ބުނެފައި އެވަނީ، މި ޤާނޫނުގެ 617 ވަނަ މާއްދާގެ (ހ) ގައި ކަނޑައަޅާފައިވާ ކުށް ކުރާ މީހާއަށް ކަމަށެވެ.

އެ މާއްދާގައި ކުށް ކަމަށް ކަނޑަައަޅާފައިވާ ކަންތައްތަކުގެ ތެރޭގައި ހިމެނެނީ މުއާސަލާތީ ވަސީލަތެއް ބޭނުން ކޮށްގެން ނުވަތަ އާންމުންގެ ކުރިމަތީގައި އިސްލާމް ދީނަށް ތައުހީނު ކުރުމުގެ ނިޔަތުގައި އިސްލާމްދީނަށް ފާޑުކިޔައި ދީނީ ތަގުރީރު ކުރުމާއި އިސްލާމްދީނަށް ތައުހީނު ކުރުމުގެ ނިޔަތުގައި އިސްލާމްދީނަށް ފާޑުކިޔައި، އެކިއެކި ލިޔުންތައް ތައްޔާރުކުރުމާއި ބެހުމާއި ވިއްކުމާއި އުފެއްދުމާއި ރާއްޖޭގައި އޮރިޔާން ކާޑު އުފެއްދުން ނުވަތަ އަތުގައި ބެހެއްޓުން ނުވަތަ ގެންގުޅުން ނުވަތަ ދިނުން ނުވަތަ ވިއްކުން ނުވަތަ ފެތުރުން ނުވަތަ ރާއްޖެއަށް ގެނައުމެވެ.

މީގެ އިތުރުން އަޅުކަންކުރަން ގެންގުޅޭ ބުދު ރާއްޖޭގައި އުފެއްދުން ނުވަތަ އަތުގައި ބެހެއްޓުން ނުވަތަ ގެންގުޅުން ނުވަތަ ދިނުން ނުވަތަ ވިއްކުން ނުވަތަ ފެތުރުން ނުވަތަ ރާއްޖެއަށް ގެނައުމާއި ދިވެހި ރައްޔިތުންގެ ދީނީ އެއްބައިވަންތަކަން ނަގާލުމަށް މަސައްކަތް ކުރުމާއި މީހުންގެ މެދުގައި ދީނީ ގޮތުން ބައިބައިވުން އުފެދޭ ބާވަތުގެ ވާހަކަ ދެއްކުމާއި އެފަދަ ގޮތް ގޮތަށް އަމަލުކުރުމަކީވެސް ކުށް ކަމަށް ކަނޑައަޅާފައިވެއެވެ.