ކޮޕާ އެމެރިކާ

ޖީސަސް ފައިނަލް މެޗަށް ސަސްޕެންޑް، ނޭމާ ރަތަށް

ކޮޕާ އެމެރިކާގައި ބްރެޒިލުން ޗިލީއާ ދެކޮޅަށް ކުޅުނު މެޗުގައި ގެބްރިއަލް ޖީސަސްއަށް ދެއްކި ރަތް ކާޑުގެ ސަސްޕެންޝަން އިތުރު މެޗަކަށް ދަންމާލުމާއެކު ނޭމާގެ ރުޅި ކޮންމެބޯލްއަށް ބާލައިފިއެވެ.

ޗިލީއާ ދެކޮޅަށް ކުޅުނު މެޗުގައި ޖީސަސްއަށް ރަތް ކާޑު ދައްކާފައި ވަނީ ޗިލީގެ އިއުގީނިއޯ މެނާގެ މޭ މައްޗަށް އަމާޒުވާ ގޮތަށް ޖެހި ކިކެއްގެ ސަބަބުންނެވެ. ބޯޅައަށް ބަލައިގެން ގޮސް ޖީސަސް ބޯޅައަށް އެއްލި ފައި، މެނާގެ މޭ މައްޗަށް އަމާޒުވީ މާ ބޮޑު އެނގުމަކައި ނުލައެވެ. އެ ފައުލް ބަލައި، ފެޑަރޭޝަނުން ނިންމާފައި ވަނީ ޖީސަސް ދެ މެޗަށް ސަސްޕެންޑް ކުރުމަށެވެ. ކުއާޓާގައި ޗިލީއާ ދެކޮޅަށް ކުޅުނު މެޗަށްފަހު ސިޓީގެ ފޯވަޑް ޖީސަސް މައާފަށް އެދިފައިވާ އިރު، އޭނާ ބުނެފައިވަނީ އެއީ "އެކްސިޑެންޓް"އެއް ކަމަށެވެ.

ސެމީ ފައިނަލް މެޗަށްފަހު ކޮންމެބޯލްއިން ހާމަކޮށްފައިވާ ގޮތުގައި ޖީސަސްގެ ޓެކުލްގެ ނުރައްކާތެރި ކަމުގެ ސަބަބުން ފައިނަލަށްވެސް އޭނާ ސަސްޕެންޑް ވާނެ ކަމަށެވެ. އެކަން އިއުލާން ކުރުމާއެކު ނޭމާ ވަނީ އޭނާގެ ނުރުހުން ފެޑަރޭޝަނަށް އަމާޒުކޮށްފައެވެ.

"ވަރަށް ދެރަ ކަމެއް މިކަހަލަ ނިންމުން ނިންމާ މީހުންގެ ކޮންޓްރޯލްގެ ދަށުގައި ފެޑަރޭޝަންގެ ކަންކަން އޮތުމަކީ. މަރުހަބާ ވަރަށް ބޮޑަށް ފެޑަރޭޝަނަށް. ވަރަށް ފުރިހަމައަށް އެނަލައިސްކޮށް، ތިޔަ ނިންމީ ފުރިހަމަ ނިންމުމެއް،" ކޮންމެބޯލްއަށް މަލާމަތް ކޮށްލުމުގެ ރާގަށް ނޭމާ އިންސްޓާގްރާމް ސްޓޯރީގައި ބުނެފައިވެއެވެ.

ކޮންމެބޯލްއިން ބުނެފައި ވަނީ އެ ފިޔަވަޅު އިސްތިއުނާފު ކުރުމަށް ފުރުސަތު ނޯންނާނެ ކަމަށެވެ. އެކަމާ ގުޅިގެން ޖީސަސް ވެސް ވަނީ ފެޑަރޭޝަނަށް ބަސް ބުނެފައެވެ. އޭނާ ބުނެފައި ވަނީ އެ މެޗުގައި ކަން ހިނގި ގޮތް ފެޑަރޭޝަނަށް ނޭނގި ނިންމުން ނިންމިކަން ޔަގީން ކަމަށެވެ.

އެންމެފަހުގެ ކޮޕާ އެމެރިކާގެ ޗެމްޕިއަން ބްރެޒިލުން މިއަހަރުގެ ފައިނަލުގައި މަރަކާނާ ސްޓޭޑިއަމްގައި ނުކުންނާނީ އާޖެންޓީނާއާ ދެކޮޅަށެވެ. މެޗު ފޯރިގަދަވާނެ ކަމަށް ބެލިވިފައި ވަނީ އާޖެންޓީނާގެ ކެޕްޓަން ލިއޮނަލް މެސީވެސް އާދަޔާ ހިލާފު ފޯމެއްގައި ހުރުމުންނެވެ. ފައިނަލް އޮންނާނީ އާދީއްތަ ދުވަހު ފަތިހު 5:00 ގައެވެ.