އެންމެ ކުދި، ކުދި އަދި މެދު ފަންތީގެ ވިޔަފާރި ތަރައްގީކުރުމުގެ ހިދުމަތް ދެމުންދާ މަރުކަޒުތައް، ބިޒްނަސް ސެންޓާ ކޯޕަރޭޝަން (ބީސީސީ) އިން ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ގާއިމުކުރަން ލާޒިމުކޮށް، ކުދި އަދި މެދު ފަންތީގެ ވިޔަފާރީގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު ރައްޔިތުންގެ މަޖިލީހުގެ އިގުތިސާދީ ކޮމިޓީން ފާސްކޮށްފިއެވެ.
އެ ބިލުގައި ބުނެފައި ވަނީ، އެ ބިލު ގާނޫނަކަށްވެ އަމަލުކުރަން ފަށާތައި ތިން މަސް ދުވަހުގެ ތެރޭގައި އެފަދަ މަރުކަޒުތައް ގާއިމުކޮށް ހިދުމަތް ދޭންވާނެ ކަމަށެވެ.
ދަރަންޏަށް ފައިސާ ހޯދުމުގެ ގާބިލުކަން ވިޔަފާރިތަކުގެ ކިބައިގައި އިތުރުކުރުމުގެ ގޮތުން ކްރެޑިޓް ގެރެންޓީ ސްކީމެއް ތައާރަފު ކުރުމާއި އެކަމަށްޓަކައި ތަފާތު ޕްރޮގުރާމުތައް ހިންގަން ޖެހޭނެ ކަމަށްވެސް ބިލުގައި ހިމަނާފައިވެއެވެ.
ބިލުގައި ބުނެފައި ވަނީ، މިނިސްޓްރީން ކަނޑައަޅައި އެންމެ ކުދި، ކުދި އަދި މެދު ފަންތީގެ ވިޔަފާރިތައް ކުރިއެރުވުމުގެ މަޝްރޫއެއް ހިންގަންވާނެ ކަމަށާއި އެކަމަށްޓަކައި އެ ގާނޫނުގައި ބުނެފައިވާ ގޮތުގެ މަތިން، ތިން މިލިއަން ރުފިޔާއާ ހަމައާށް ފައިސާ ދޫކުރެވޭނެ ކަމަށެވެ. އަދި އެންމެ ކުދި، ކުދި އަދި މެދު ފަންތީގެ ވިޔަފާރީގެ ކައުންސިލުގައި މެންބަރުން ހިމެނޭ ގޮތަށްވެސް އެ ބިލުން ވަނީ ބަދަލު ގެނެސްފައެވެ.
ސާދަ މެންބަރުންގެ މައްޗަށް އެކުލެވޭ އެ ކައުންސިލުގައި ހިމެނެނީ އިގުތިސާދީ ސިޔާސަތުތައް ތަންފީޒުކުރުމުގެ މަސްއޫލިއްޔަތު ހަވާލުކޮށްފައިވާ މިނިސްޓަރާއި މަސްވެރިކަމާއި ދަނޑުވެރިކަމުގެ ސިޔާސަތުތައް ތަންފީޒުކުރުމުގެ މަސްއޫލިއްޔަތު ހަވާލުކޮށްފައިވާ މިނިސްޓަރާއި ފަތުރުވެރިކަމުގެ ސިޔާސަތުތައް ތަންފީޒު ކުރުމުގެ މަސްއޫލިއްޔަތު ހަވާލުކޮށްފައިވާ މިނިސްޓަރާއި މާލީ ކަންކަމުގެ ސިޔާސަތުތައް ތަންފީޒުކުރުމުގެ މަސްއޫލިއްޔަތު ހަވާލުކޮށްފައިވާ މިނިސްޓަރެވެ.
އޭގެ އިތުރުން އަންހެން ވިޔަފާރިވެރިން ތަމްސީލު ކުރާ މަންދޫބަކާއި މަސްވެރިކަމުގެ ދާއިރާއިން އެ ދާއިރާގެ ސިވިލް ސޮސައިޓީގެ މަންދޫބަކާއި ދަނޑުވެރިކަމުގެ ދާއިރާއިން، އެ ދާއިރާގެ ސިވިލް ސޮސައިޓީގެ މަންދޫބަކާއި ފަތުރުވެރިކަމުގެ ދާއިރާއިން، އެ ދާއިރާގެ ސިވިލް ސޮސައިޓީގެ މަންދޫބަކާއި އިންފޮމޭޝަން، ކޮމިއުނިކޭޝަން އަދި ޓެކްނޮލޮޖީގެ ދާއިރާއިން، އެ ދާއިރާގެ ސިވިލް ސޮސައިޓީގެ މަންދޫބަކާއި އިމާރާތްކުރުމުގެ ދާއިރާއިން، އެ ދާއިރާގެ ސިވިލް ސޮސައިޓީގެ މަންދޫބަކާއި މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ ފައިނޭންޝަލް ސެކްޓާގެ އިސް އޮފިޝަލެއްގެ އިތުރުން މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ)ގެ އިސް އޮފިޝަލެއްވެސް ކައުންސިލުގައި ހިމަނަންޖެހެއެވެ.