ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް ދިން ޓެރަރިސްޓް ހަމަލައާ ގުޅިގެން މަޖިލީހުގެ 241 ކޮމިޓީން ކުރިއަށް ގެންދިޔަ އިންކުއަރީގެ ފައިނަލް ރިޕޯޓް އެ ކޮމެޓީގެ އަޣުލަބިއްޔަތުން މިރޭ ފާސްކޮށްފިއެވެ.
ކޮމިޓީ ރިޕޯޓް ޖުމްލަ 45 ރިކޮމެންޑާޝަނެއް ހިމެނެއެވެ. އޭގެ ތެރޭގައި ރައީސް ނަޝީދު ގެކޮޅުގައި ދިރިއުޅުއްވާ ވަގުތުގައާއި ނޫޅުއްވާ ވަގުތުގައިވެސް ގެއަށް ވަދެވޭ ފަރާތްތައް ކޮންޓްރޯލް ކުރުމަށާއި ހަތިޔާރާއެކު ސިފައިން، އެމަނިކުފާނު ގެކޮޅު ސަރަހައްދުގައި 24 ގަޑިއިރު ފޯރި މަރަން ޖެހޭނެއެވެ. ނަމަވެސް މިގޮތަށް އަމަލު ކުރާނީ ނަޝީދަށް ތްރެޓެއް އޮތް ނަމައެވެ.
- ޑިފެންސް އިންޓެލިޖެންސް އިން ކަނޑައަޅާ ގޮތެއްގެ މަތީން ނަޝީދަށް އޮތް ތްރެޓް ލެވެލްތަކާ އެއް ފެންވަރަކަށް ސެކިއުރިޓީ ހަމަޖެއްސުން
- ޑިފެންސް އިންޓެލިޖެންސްގެ ތްރެޓް އެސެސްމެންޓްތަކަށްފަހު ރެކޮމެންޑޭޝަންތައް ތަންފީޒު ކުރުން
- ނަޝީދުގެ ކްލޯޒް ޕްރޮޓެކްޝަން ޓީމްގެ ހުރިހާ މެމްބަރުންނަށް ރިފްރެޝާ ތަމްރީން ދިނުން
- ނަޝީދު ގެކޮޅު ސަރަހައްދު ސީސީޓީވީން މޮނީޓާ ކުރުން
- ނަޝީދު ގެކޮޅުގެ އިވެކުއޭޝަން ޕްރޮސީޖާ ކަނޑައަޅައި، ކްލޯޒް ޕްރޮޓެކްޝަން ޓީމް ތަމްރީން ކުރުން
- ނަޝީދަށް ރައްކާތެރިކަން ފޯރުކޮށްދިނުމުގައި ފުލުހުންގެ އެހީތެރިކަން ހޯދަން ޖެހޭ ވަގުތުތަކުގައި އެހީތެރިކަން ހޯދުން
- ނަޝީދު ބޭނުން ކުރައްވާ ކާރުކޮޅަކީ ސްޓޭންޑާޑް އާމްޑް ކާރަކަންވުން. އަދި ބޭނުން ކުރުމުގެ ކުރިން ކާރުގެ ހާލަތު ބެލުން
- ނަޝީދުގެ ކްލޯޒް ޕްރޮޓެކްޝަން ޓީމުގައި ހިމެނޭ ފަރާތްތަކަކީ ޑިފެންސް އިންޓެލިޖެންސް ސާވިސް އާއި ޕޮލިސް ސާވިސްއިން ވެޓް ކޮށްފައިވާ ބަޔަކަށްވުން
މީގެ އިތުރުން އެމްއެންޑީއެފާއި ފުލުހުންނާ މަޝްވަރާކޮށް ކަންކަމުގައި ހައްލު ހޯދައި ރައީސުލްޖުމްހޫރިއްޔާއަށް އިރުޝާދު އެރުވުމަށް ނޭޝަނަލް ސެކިއުރިޓީ އެޑްވައިޒަރެއް އައްޔަން ކުރަންވެސް ރިޕޯޓްގައި ހިމަނާފައިވެއެވެ. އަދި ނަޝީދަށް ހަމަލާދިން ވަގުތުގައި ހަރަކާތްތެރިވި ސާޖަންޓް އިލްހާމް އާދަމާއި ޕްރައިވެޓް މުހައްމަދު ރިޝްވާން އަދި ކޯޕްރަލް މުހައްމަދު ނިޔާޒް ދެއްކެވި ހިތްވަރަށް މުއައްސަސާގެ ފެންވަރުގަ އާއި ގައުމީ ފެންވަރުގައި ފާހަގަ ކުރުމަށްވެސް ރިޕޯޓްގައި ހިމަނާފައިވެއެވެ.
ޓެރަރިޒަމްގެ އަމަލު ހިންގާ މީހުންނާއި ދީނީ ހަރުކަށި ފިކުރު ފަތުރާ މީހުންނާއި އެކަންތައްތަކަށް ހަރަދުކުރާ މީހުންނާއި އެފަދަ އަމަލުތަކުގައި ބައިވެރިވާ މީހުން ދެނެގަނެ، އެކަންކަން ހުއްޓުވައި، އެފަދަ މީހުން ހިމެނޭ ޑާޓާ ވޮޗް ލިސްޓެއް އެކުލަވާލަން ޖެހެއެވެ. އަދި ޓެރަރިޒަމާ ހަރުކަށި ފިކުރާ ދެކޮޅަށް ކުރަންޖެހޭ ކަންކަން ހަރުދަނާ ކުރުމަށް ނޭޝަނަލް ކައުންޓާ ޓެރަރިޒަމް ސެންޓަރުގެ އިހުތިސޯސްތައް މުރާޖާކޮށް، އެ މުއައްސަސާގެ ބެލެނިވެރިކަން ބަދަލު ކުރަންވެސް މިރޭ ފާސްކުރި ރިޕޯޓްގައިވެއެވެ.
މީގެ އިތުރުން މީޑިއާ އާއި ސޯޝަލް މީޑިއާ މެދުވެރިކޮށް ޓެރަރިޒަމާއި ހަރުކަށި ފިކުރަށް ހިތްވަރު ލިބޭ ގޮތަށް މުއާމަލާތް ކުރާ ފަރާތްތައް ހޯދައި، ފިޔަވަޅު އެޅޭނެ ނިޒާމެއް ގާއިމް ކުރަންވެސް ރިޕޯޓްގައިވެއެވެ. އަދި އިންކުއަރީ ރިޕޯޓްގައި ފާހަގަކޮށްފައިވާ ކަންކަމުގެ ތެރެއިން މަގާމުގެ ޒިންމާ އަދާކޮށްފައިނުވާ ފަރާތްތަކާއި އިހުމާލުވި ފަރާތްތަކާ ގުޅިގެން އިތުރަށް ބަލަންޖެހޭ ކަމެއް ފާހަގަ ކުރެވިއްޖެނަމަ، އެކަމެއް ބަލައި އެފަރާތްތަކާމެދު ފިޔަވަޅު އެޅުމަށްވެސް ރިޕޯޓްގައިވެއެވެ.
ކޮމެޓީގެ ރިޕޯޓް ފާސްކުރުމަށް ހުށައެޅުއްވީ ކޮމެޓީގެ ނާއިބު މުގައްރިރު އަދި ހެންވޭރު އުތުރު ދާއިރާގެ މެންބަރު ހަސަން ލަތީފެވެ. އެ ހުށައެޅުމަށް ތާއީދު ކުރެއްވީ މަޖިލީހުގެ ނާއިބު ރައީސް އީވާ އަބްދުﷲ އެވެ. ހަސަން ލަތީފް ހުށަހެޅުއްވީ ރެކޮމަންޑޭޝަންތަކާއި ފާހަގަކުރެވުނު ކަންތައްތަކާއެކީގައި ފާސްކުރުމަށެވެ. އެ ހުށައެޅުމަށް ވޯޓަށް އެހުމުން ކޮމެޓީގެ 13 މެންބަރުންވެސް ވަނީ ވޯޓް ދެއްވާފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު