އެއް ޖީބީޕީއެސްއާ ހަމައަށް ހަލުވި ސްޕީޑްތަކާއެކު، އުރީދޫ ސުޕަނެޓް ފިކްސްޑް ބްރޯޑްބޭންޑުގެ ހިދުމަތް ހދ. ނެއްލައިދުއަށް މިއަދު ތައާރަފުކޮށްފިއެވެ.

އުރީދޫން ބުނީ ހަލުވި ސްޕީޑްތަކާއި ބޮޑެތި އެލަވަންސްތައް ލިބޭ ޕެކޭޖްތަކުގެ އިތުރުން ސުޕަނެޓްގެ ހިދުމަތް ހދ. ނެއްލައިދޫން ގަންނަ ފުރަތަމަ 20 ފަރާތަކަށް މައިކްރޮސޮފްޓް 360 ލައިސެންސް ލިބޭނެ ކަމަށެވެ.

މީގެ އިތުރުން ޔޫއެފާ ޔޫރޯ 2020 އާ ގުޅިގެން ކުރިއަށްގެންދާ ހާއްސަ ޕްރޮމޯޝަންގެ ދަށުން ސުޕަނެޓް 50 އެމް އަދި 100 އެމް ނަގާ ކަސްޓަމަރުންނަށް ސޮނީ ލިވް ޕްރީމިއަމް ކޮންޓެންޓްއަށް އެއް މަސް ދުވަހުގެ ސަބްސްކްރައިޕްޝަން މުޅިން ހިލޭ ލިބިގެންދާނެއެވެ.

އުރީދޫގެ ޗީޑް ކޮމާޝަލް އޮފިސަރު ހުސައިން ނިޔާޒު ވިދާޅުވީ، ޑިޖިޓަލް ރާއްޖެއެއް ބިނާކުރުމަށްޓަކައި މަސައްކަތް ކުރަނީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތިބި ކަސްޓަމަރުންނަށް ފެންވަރު ރަނގަޅު އިންޓަނެޓްގެ ހިދުމަތް ހެޔޮ އަގުގައި ފޯރުކޮށްދިނުމަށްޓަކައި ކަމަށެވެ.

"ނެޓު ހެޔޮ މަޝްރޫއުގެ ދަށުން ދަދި ފަހުން ގެނައި ބަދަލުތަކާއެކު ސުޕަނެޓް ޕެކޭޖްތަކަކީ މިހާރު މާކެޓްގައި އެންމެ ގިނަ ފައިދާތައް ލިބޭނެ ޕެކޭޖްތައް. %100 އާ ހަމައަށް އިތުރު ޑޭޓާ، ޑޭޓާ ރޯލް އޯވާގެ އިތުރުން ޑޭޓާ ހުސްވުމުން ލިބޭ ސްޕީޑްވެސް 2 ގުނައަށް ވަނީ އިތުރުކުރެވިފައި. މިއަދު ސުޕަނެޓްގެ ހިދުމަތް ހދ. ނެއްލައިދުއަށް ފޯރުކޮށްދީ އިތުރު ފުރިހަމަކަމާއެކު އިންޓަނެޓް ބޭނުންކުރުމުގެ ފުރުސަތު ނެއްލައިދޫގެ ރައްޔިތުންނަށް ހުޅުވާލެވުމަކީވެސް އަޅުގަނޑުމެންނަށް ލިބޭ ވަރަށް ބޮޑު އުފަލެއް. ކުރިއަށް އޮތް ތަނުގައިވެސް ދިވެހި ރައްޔިތުންގެ ދިރިއުޅުން އިތުރަށް ފާގަތިކޮށް ކުރިއެރުން ހޯދައިދިނުމަށް އަޅުގަނޑުމެން ކުރަމުންދާ މިފަދަ މަސައްކަތްތައް ރާއްޖޭގެ ހުރިހާ ކަންކޮޅުތަކެއްގައިވެސް ކުރަމުންދާނެކަމުގެ ޔަގީންކަން އަރުވަން." ނިޔާޒު ވިދާޅުވިއެވެ.

ފެންވަރު ރަނގަޅު އަދި އަގުހެޔޮ ހިދުމަތްތަކެއް ކަސްޓަމަރުންނަށް ފޯރުކޮށްދިނުމަށް އުރީދޫ މޯލްޑިވްސްއިން ކުރާ މަސައްކަތުގެ ތެރެއިން، ދާދި ފަހުން ވަނީ އުރީދޫ ސުޕަނެޓް ޕެކޭޖުތަކަށް ބޮޑެތި ބަދަލުތަކެއް ގެނެސް އަޕްގްރޭޑްކޮށްފައެވެ. މި ބަދަލުގެ ދަށުން ސުޕަނެޓް ކަސްޓަމަރުންނަށް ފަސް ގުނަ އިތުރު ސްޕީޑާއެކު %100 އާ ހަމައަށް އިތުރު ޑޭޓާ އަދި ކުރިއަށްވުރެ ހަލުވި ތްރޮޓްލް އިންޓަނެޓް ސްޕީޑްވެސް ކަސްޓަމަރުންނަށް ލިބިގެންދެއެވެ. މީގެ އިތުރުން ސުޕަނެޓް ގެންގުޅޭ ހުރިހާ ކަސްޓަމަރުންނަށްވެސް ޑޭޓާ ރޯލް އޯވާގެ ހިދުމަތާއެކު މަސް ނިމޭއިރު ބާކީ ހުންނަ ޑޭޓާ އަނެއް މަހުގެ ޕެކޭޖް އިންކްލޫސިވް ޑޭޓާއާ އެކުވެގެންދާނެއެވެ.