ޕެނަލްޓީ ޖަހައިގެން ކޮލަމްބިއާ ބަލިކޮށް އާޖެންޓީނާއިން ކޮޕާ އެމެރިކާގެ ފައިނަލަށް ދަތުރު ކޮށްފިއެވެ.
ރޭ ކުޅުނު މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު 1-1 އިން ނަތީޖާ އެއްވަރުވެފައި އޮތުމުން ނަތީޖާ ނެރުމަށް ޖެހި ޕެނަލްޓީގައި އާޖެންޓީނާއިން ކޮލަމްބިއާ ބަލިކުރީ 3-2 ގެ ނަތީޖާއަކުންނެވެ. ޕެނަލްޓީ ޝޫޓް އައުޓްގައި އާޖެންޓީނާގެ ގޯލްކީޕަރު އެމިލިއާނޯ މާޓިނޭޒް ވަނީ ތިން ޕެނަލްޓީ މަތަކޮށްފައެވެ.
އެސްޓަންވިލާއަށް ކުޅެމުން އަންނަ އެމިލިއާނޯ މަތަކޮށްފައި ވަނީ ކޮލަމްބިއާގެ ޑެވިންސަން ސަންޗޭޒްއާއި ޔެރީ މިނާ އަދި އެޑްވިން ކާޑޯގެ ޕެނަލްޓީތަކެވެ.
ރޭގެ މެޗުގެ ފުރަތަމަ ލީޑު ނެގީ އާޖެންޓީނާއިންނެވެ. މެޗުގެ ހަތްވަނަ މިނެޓުގައި އާޖެންޓީނާގެ ކެޕްޓަން ލިއޮނަލް މެސީ ތަނަވަސްކޮށްދިން ފުރުސަތަކުން އާޖެންޓީނާ ލީޑު ނެގީ އިންޓަ މިލާން ފޯވަޑް ލައުޓާރޯ މާޓީނޭޒް ޖެހި ގޯލުންނެވެ. އެ ގޯލާއެކު އާޖެންޓީނާއިން ފައިނަލުގެ އުންމީދު ބޮޑުކޮށް ދެވަނަ ހާފަށް ނުކުމެފައިވާ އިރު، ކޮލަމްބިއާއިން ވަނީ ދެވަނަ ހާފުގައި ލުއިޒް ޑިއާޒްގެ ގޯލަކާއެކު ނަތީޖާ ހަމަހަމަކޮށްފައެވެ.
އާޖެންޓީނާއިން ޕެނަލްޓީ ޖަހަން ދިޔަ މެސީއާއި މާޓިނޭޒް އަދި ލެއަންޑްރޯ ޕަރެޑޭސް ޖެހި ޕެނަލްޓީ ކާމިޔާބު ކޮށްފައިވާ އިރު، އެމިލިއާނޯ ވަނީ މުހިއްމު ވަގުތު އާޖެންޓީނާ ސަލާމަތް ކޮށްދީފައެވެ. އުމުރުން 28 އަހަރުގެ އެމިލިއާނޯގެ ޕެނަލްޓީ ސޭވްތަކަށް އާޖެންޓީނާގެ ކެޕްޓަން މެސީވެސް ވަނީ މެޗަށްފަހު ތައުރީފު ކޮށްފައެވެ.
"ކޮލަމްބިއާއިން ޕެނަލްޓީއަށް މެޗު ގެންދިޔަ ހިސާބުން ވަރަށް ބޮޑަށް ނަސީބަށް ބަރޯސާވާން ޖެހުނު. އެ ހިސާބުން އެމިލިއާނޯ ބުނި މިއީ އަހަރެން ގައުމަށް އުފާވެރިކަން ގެނެސްދޭނެ ވަގުތު ކަމަށް. އަހަރެންވެސް ހުރީ ބުނާނެ އެއްޗެއް ނޭނގިފައި. އުނދަގޫ ހާލަތެއްގައި، 'އެމި' ހުރީ އަހަރެމެން ސަލާމަތް ކޮށްދޭން. އެއީ މޮޅު ސޭވްތަކެއް. ޓީމުގެ ހުރިހާ ކުޅުންތެރިން އޭނާއަށް އިތުބާރު ކުރާނެ،" މެސީ ބުންޏެވެ.
މެސީއަށް މިހާތަނަށް އާޖެންޓީނާއާއެކު ބޮޑު މުބާރާތެއްގެ ތަށި އުފުލައިލެވިފައެއް ނުވެއެވެ. އާޖެންޓީނާއިން މިހާތަނަށް 14 ފަހަރަށް ކޮޕާ އެމެރިކާ ކާމިޔާބުކޮށްފައިވާ އިރު، އެންމެ ފަހުން ތަށި ހޯދީ 1993 ވަނަ އަހަރުއެވެ. އާޖެންޓީނާއިން ހޮނިހިރު ދުވަހުގެ ފައިނަލުގައި ބްރެޒިލާ ދެކޮޅަށް ނުކުންނާނީ މަރަކާނާ ސްޓޭޑިއަމްގައެވެ.