ބޮލީވުޑްގެ ލެޖެންޑް ދިލިޕް ކުމާރު 98 އަހަރުގައި މަރުވެއްޖެއެވެ.

އޭނާ މަރުވެފައި ވަނީ ނޭވާލާން އުނދަގޫވުމުގެ ސަބަބުން މުމްބާއީގެ ޕީޑީ ހިންދުޖާ ހޮސްޕިޓަލުގައި އެޑްމިޓްކޮށް ފަރުވާ ދެމުން ދަނިކޮށް މިއަދުގެ ވަގުތެއްގައެވެ.

ދިލިޕްގެ މަރުގެ ހަބަރު އެންމެ ފުރަތަމަ މީޑިއާތަކަށް ކަށަވަރު ކޮށްދިނީ އޭނާއަށް ފަރުވާ ދެމުންދިޔަ ޑރ. ޖާލިލް ޕަރުކާރެވެ. އަދި ފަހުން ދިލިޕްގެ ޓްވިޓާ އެކައުންޓު ބަލަހައްޓަމުން އަންނަ ފައިސަލް ފާރޫގީވެސް ވަނީ އެ ހަބަރު ކަށަވަރުކޮށްދީފައެވެ.

މިދިޔަ ހޯމަ ދުވަހު ދިލިޕްގެ ސިއްހީ ހާލަތާ ގުޅޭ ގޮތުން އޭނާގެ އަންހެނުން ސާއިރާ ބާނޫ ބުނެފައި ވަނީ ދިލިޕްގެ ހާލަތު ރަނގަޅު ވަމުން އަންނަ ކަމަށެވެ. މިދިޔަ ޖޫން މަހުގެ ތެރޭގައި ދެ ފަހަރެއްގެ މަތިން ދިލިޕް ކުމާރު ހޮސްޕިޓަލުގައި އެޑްމިޓްކޮށް ފަރުވާކުރުމަށްފަހު ވަނީ ދޫކޮށްލައިފައެވެ.

1944 ވަނަ އަހަރު ނެރުނު ފިލްމު ''ޖުވާރު ބާޓާ'' އިން އެކްޓިންގެ ދާއިރާއަށް ނުކުތް ދިލިޕް މަޝްހޫރު ވެގެން ގޮސްފައިވަނީ އޭގެ ތިން އަހަރު ފަހުން ނުކުތް ''ޖުގުނޫ'' އިންނެވެ.

ދިލިޕްގެ 50 އަހަރަށް ވުރެ ދިގު ފިލްމީ ކެރިއަރުގައި 65 އަށްވުރެ ގިނަ ފިލްމު ކުޅެފައިވެއެވެ. އޭނާގެ ފާހަގަކޮށްލެވޭ ފިލްމުތަކުގެ ތެރޭގައި މުޣުލޭ އާޒަމްގައި ކުޅެދީފައިވާ ސާލިމްގެ ރޯލު ފާހަގަކޮށްލެވެއެވެ. ދިލިޕް ކުމާރު އެންމެ ފަހުން ފެނިގެން ގޮސްފައިވަނީ 1998ގައި ނުކުތް ''ގީލާ'' އިންނެވެ.

އެންމެ ގިނަ އެވޯޑު ހާސިލުކޮށްފައިވާ އިންޑިއާ އެކްޓަރުގެ ގޮތުގައި ދިލިޕް ވަނީ ދުނިޔޭގެ ރެކޯޑު ފޮތަށްވެސް އަރައިފައެވެ. އެގޮތުން އޭނާ ހާސިލުކޮށްފައިވާ އެވޯޑުތަކުގެ ތެރޭގައި ފިލްމް ފެއާގެ ބެސްޓް އެކްޓަރުގެ އެވޯޑު އަށް ފަހަރު އަދި ފިލްމް ފެއާ ލައިފް ޓައިމް އެޗީވްމަންޓް އެވޯޑު ހިމެނެއެވެ.