ކުރިއަށް އޮތް ހަތަރު ދުވަހުވެސް ރާއްޖެ ސަރަހައްދަށް މޫސުން ގޯސްވާނެ ކަމަށް މޫސުމާ ބެހޭ އިދާރާ (މެޓް އޮފީހުން) ބުނެފިއެވެ.

މެޓް އޮފީހުން ބުނީ، ހުޅަނގު މޫސުމުގެ ބާރު ގަދަވެ، މިއަދުން ފެށިގެން ކުރިއަށް އޮތް ހަތަރު ދުވަހު ރާއްޖޭގެ ބޮޑު ބަޔަކަށް ވިއްސާރަކޮށް ބައެއް އަތޮޅުތަކަށް ބޯކޮށް ވާރޭވެހި ވައިގަދަވެ ކަނޑުތައް ގަދަވާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.

ކުރިއަށް އޮތް ހަތަރު ދުވަހު އާންމު ގޮތެއްގައި ގަޑިއަކު 15 މޭލާއި 25 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށް ބެލެވޭ އިރު ވިލާގަނޑުގައި ގަޑިއަކު 50 މޭލާއި 60 މޭލާ ދެމެދުގެ ބާރުމިނަށް ވައިގަދަވާނެ ކަމަށްވެސް މެޓް އޮފީހުން ވަނީ ލަފާކޮށްފައެވެ.

މެޓް އޮފީހުން ބުނީ، އަންނަ ހޮނިހިރު ދުވަހާ ހަމައަށް މޫސުން ގޯސްވާނެ ކަމަށް ލަފާކޮށްފައިވާ އިރު، އެ ދުވަސްތަކުގައި ކަނޑުތައް ގަދަވެ ރާޅު ބޮޑުވުމުގެ ސަބަބުން ބައެއް ރަށްތަކަށް އުދައިގެ އަސަރުކުރުން އެކަށީގެންވާ ކަމަށެވެ.

ރާއްޖޭގެ ސަރަހައްދުގައި ވައިގަދަވެ ކަނޑުތައް ގަދަވާނެ ކަމަށް ލަފާކުރެވޭތީ އާންމުކޮށް ހުރިހާ ފަރާތްތަކުން، ވަކިން ހާއްސަކޮށް ކަނޑުދަތުރު ކުރާ ފަރާތްތަކުން މޫސުމަށް ވަރަށް ބޮޑަށް ސަމާލުވުމަށް މެޓް އޮފީހުން ވަނީ އިލްތިމާސް ކޮށްފައެވެ.